އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މުސާރައިގެ އޮނިގަނޑު ކަނޑައެޅުމުގައި ސަރުކާރުން ގެންގުޅޭ އޮޅުންބޮޅުން ބޮޑު ސިޔާސަތުތަކުގެ ސަބަބުން، 48 ގަޑިއިރުގެ ތެރޭގައި އެ މުސާރަތައް ތިން ފަހަރު މުރާޖައާ ކުރަން ޖެހިއްޖެ އެވެ. ފިނޭންސް މިނިސްޓްރީން ފުރަތަމަ އެކުލަވާލި އޮނިގަނޑުގައި ކައުންސިލަރުންގެ މުސާރައަށް ވުރެ ބޮޑު އަދަދެއް ކޮމިޓީތަކުގެ ރައީސުންނަށް ދޭން ކަނޑައެޅުމުން، ސަރުކާރުގެ ނާގާބިލުކަމާމެދު އާންމުންގެ ފާޑުކިއުން އަމާޒުވި އެވެ. މި ހަލަބޮލިކަމުގެ ތެރޭގައި އެންމެ ފަހުން މިނިސްޓްރީން މިވަނީ ސިޓީތަކުގެ ކޮމިޓީ ރައީސުންގެ މުސާރަ 20،000 ރުފިޔާއަށް އަދި ރަށްރަށުގެ ކޮމިޓީ ރައީސުންގެ މުސާރަ 15،000 ރުފިޔާއަށް ދަށްކޮށް، މިއީ "ފައިނަލް" ނިންމުން ކަމަށް ބުނެފަ އެވެ.
މި މައްސަލަ ހޫނުވެގެން ދިޔައީ، ޕޭ ކޮމިޝަނުން ބުދަ ދުވަހު ފޮނުވި ފުރަތަމަ ސާކިއުލާގައި ސިޓީތަކުގެ ރައީސުންނަށް 41،500 ރުފިޔާ އަދި ރަށްރަށުގެ ރައީސުންނަށް 21،000 ރުފިޔާ ދޭން ކަނޑައެޅުމުންނެވެ. ސަރުކާރުގެ މި ނިންމުމަކީ ދައުލަތުގެ މާލީ ހާލަތާއި އަދި ކައުންސިލްތަކުގެ އޮނިގަނޑާ އެއްގޮތަށް ދެކޮޅު ނުޖެހޭ، ޒިންމާދާރުކަން ކުޑަ ނިންމުމެއް ކަމަށް ގިނަ ބަޔަކު ސިފަކުރެ އެވެ. ފާޑުކިއުންތަކާއެކު ދެވަނަ ފަހަރަށް މުސާރަ ކުޑަކުރި ނަމަވެސް، އެ ފަހަރު ވެސް ރަށު ރައީސުންގެ މުސާރައަށް ބަދަލެއް ގެނެސްފައި ނުވާތީ، ސަރުކާރުން މިކަމުގައި އަމަލުކުރަމުން ދަނީ އެއްވެސް ޕްލޭނެއް ނެތިކަން ހާމަވެގެން ގޮސްފައިވެ އެވެ.
މި ބަދަލުތަކާއެކު، ކޮމިޓީގެ އެހެން މެންބަރުންގެ މުސާރައަށް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެ އެވެ. އެގޮތުން ސިޓީތަކުގެ މެންބަރުންނަށް 6،000 ރުފިޔާ އަދި ނައިބު ރައީސުންނަށް 7،000 ރުފިޔާ، އަދި ރަށްރަށުގެ މެންބަރުންނަށް 5،000 ރުފިޔާ އަދި ނައިބު ރައީސުންނަށް 6،000 ރުފިޔާ ދިނުމަށް ވަނީ ކަނޑައަޅާފަ އެވެ. ނިމިދިޔަ ދައުރުގައި ސިޓީތަކުގެ ރައީސުންނަށް 7،000 ރުފިޔާ އަދި ރަށްރަށުގެ ރައީސުންނަށް 6،000 ރުފިޔާ ލިބެމުން އައި ނަމަވެސް، މިހާރު މި ކަނޑައެޅި މުސާރަތަކަކީ ކުރިއާ އަޅާބަލާއިރު ބޮޑު އަދަދެއްކަން ފާހަގަކުރެވެ އެވެ.