އަނބިކަނބަލުންނަށް އެޗްޑީސީން ބައިލައްކަ ރުފިޔާގެ ވަޒީފާއެއް ލިބުމުގައި ތިމަންނާގެ ނުފޫޒެއް ނެތް ކަމަށް ވިދާޅުވާއިރު ވަޒީފާ ހޯދަން ހުށައެޅީ ލަންކާއިން ހޯދި ފޭކު ސެޓްފިކެޓެއް ކަން މީގެ ކުރިން ސޯޝަލް މީޑިޔާގައި ވަނީ ހާމަ ވެފައެވެ. ޕީއެންސީގެ މެންބަރެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ޝަރީފް ވަނީ އެމަނިކުފާނުގެ އަނބިކަނބަލުން ޝިނާ ވަޖީހްއަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބައިލައްކަ ރުފިޔާގެ ވަޒީފާއެއް ލިބިފައިވާކަމަށް ސޯޝަލް މީޑިޔާގައި ދެކެވޭ ވާހަކަތަކަށް ރައްދު ދެމުން، އެއީ އެމަނިކުފާނުގެ ސިޔާސީ ނުފޫޒަކުން ލިބިފައިވާ ވަޒީފާއެއް ނޫންކަމަށް ވިދާޅުވެ ވާހަކަ ދައްކާފައެވެ.
ނަމަވެސް އެޗްޑީސީއިން މިކަމުގެ މައުލޫމާތު އެނގޭ ފަރާތަކުން ހާމަ ކުރި ގޮތުގައި ވަޒީފާ ހަމަ ޖެއްސުމަށް އެޗްޑީސީއަށް އެންގީ ޝަރީފު އެވެ. އަދި މިހާތަނަށް މަޑު ކުރަން ޖެހުނީ ޝަރީފު ބޭނުންވާ ފެންވަރުގެ ވަޒީފާއެއް އޭނާގެ އަނބި މީހާއަށް ހަމަ ނުޖެހިގެން އެކަމަށް ބޭނުންވާ ފޭކް ސެޓްފިކެޓެއް ހޯދުމަށް ކަމަށް އެޗްޑީސީ އިން ނަން ހާމަ ނުކުރަން އެދި މައުލޫމާތު ދިން ފަރާތުން ހާމަ ކޮށްފައި ވެއެވެ.
“އަޅުގަނޑު އަބަދުވެސް ބުނަމުން އަންނަ އެއްޗެއް، އަޅުގަނޑުގެ ނުފޫޒުން ސިޔާސީ ގޮތުން އަޅުގަނޑުގެ ބާރުވެރިކަމުގައި، އަޅުގަނޑު މިއަދު އެމްޕީއެއްގެ މަގާމުގައި ހުރެގެން ޝިނާ ވަޖީހް ވަޒީފާއަކަށް ނުދާނެ,” ޝަރީފް ވިދާޅުވިއެވެ. އިތުރަށް ވިދާޅުވީ “އަދިވެސް މި ބުނަނީ އަޅުގަނޑުގެ އަނބިމީހާއެއް، ދަރިއެއް މި ސަރުކާރުގެ ވަޒީފާއަކު ނޫޅޭނެ ސިޔާސީ ގޮތުން އަޅުގަނޑުގެ ނުފޫޒެއް ވަދެގެން އަޅުގަނޑު ބޭނުންވެގެން މަގާމެއް ހޯދަދީފައެއް” ކަމަށެވެ.
މައުލޫމާތު ލިބޭ ގޮތުގައި، ޝަރީފްގެ އަނބިކަނބަލުންނަށް އެޗްޑީސީން ލިބިފައިވާ މަގާމަކީ މަތީ ފަންތީގެ މަގާމެއްކަމާއި، ސިޔާސީ ފަރާތްތަކުގެ ޢާއިލާ މެންބަރުންނަށް ސަރުކާރުގެ ކުންފުނިތަކުން މިފަދަ މަގާމުތައް ލިބިދިނުމަކީ އާންމު ކަމެއްކަމަށް ފާހަގަކުރެވެއެވެ. ސަރުކާރުގެ ކުންފުނިތަކުގެ މަތީ މަގާމުތަކަށް ޢައްޔަނުކުރުމުގައި ހަރުދަނާ ހަމަތަކެއް ގެންގުޅުއްވާކަމަށް ސަރުކާރުން ބުނެއުޅުއްވާއިރު، މިކަން ޢަމަލީ ގޮތުން ހިނގަމުންދާ ގޮތާމެދު ގިނަ ސުވާލުތަކެއް އުފެދިފައިވެއެވެ.
1 ޚިޔާލު
ސޫޓު ތުރުކުރައްވާކަށްވެސް ނޭނގޭ