ޝާހިދު އަމިއްލަ ފުޅަށް 80 ގައުމުގެ އިސް ވެރިންނާއި އެކު އދ ގައި ބޮޑު މަހާސިންތާއެއް ބާއްވައިފި އެވެ. މި މަހާސިންތާ ކޯ-ސްޕޮންސާރ ކޮށްފައިވަނީ ބަޙްރެއިން، ގުޔާނާ، ހަންގޭރީ، ސަމޯއާ، ސިންގަޕޫރު، ތަޖިކިސްތާންގެ އިތުރުން ޔުގަންޑާ އިންނެވެ.
އަބްދުﷲ ޝާހިދަކީ މިވަގުތު އައި.ސީ.އޯ ބައިނަލްއަގުވާމީ އެމްބަސަޑަރެވެ. ޖަލްސާ ބާއްވާފައިވަނީ އެމްބަސަޑަރގެ ހައިސިއްޔަތުންނެވެ. ޖަލްސާގެ ކީނޯޓް ސްޕީކާރ އަކީވެސް އަބްދުﷲ ޝާހިދެވެ. އދ.ގައި ބެއްވި މި ޖަލްސާއަށް 80 ގައުމުގެ އދ. އާއި ގުޅުންހުރި އިސް ވެރިން އަބްދުﷲ ޝާހިދުގެ ދައުވަތަށް ވަޑައިގެންނެވުމަކީ ބައިނަލްއަޤުވާމީ ގޮތުން ގިނަ ޤައުމުތަކުގެ މެދުގައި އެއްބާރުލުންދޭ މަލްޓިލެޓްރަލް ނިޒާމުގައި އަބްދުﷲ ޝާހިދުގެ ދައުރު ދައްކުވައިދިން ކަމެކެވެ.
އދ. މައިމަރުކަޒުގައި ބޭއްވުނު ޙަފްލާ
އިންޓަނޭޝަނަލް ކޮމިއުނިޓީސް އޯގަނައިޒޭޝަން (އައި.ސީ.އޯ) މެދުވެރިކޮށް އަބްދުﷲ ޝާހިދު އިންތިޒާމުކުރި "For Our Future" ރިޕޯޓު ނެރުމުގެ ޙަފްލާއަކީ، ޔޫއެން ޕެކްޓް ފޮރ ދަ ފިޔުޗަރ އަށް ބާރުއެޅުމަށް އަމާޒުކޮށް ބޭއްވުނު ރަސްމިއްޔާތެކެވެ. މި ޙަފްލާގައި އެ މުޢާހަދާގެ އެއްބަސްވުންތައް ތަންފީޒުކުރުމަށް މެންބަރު ދައުލަތްތަކާއި މަދަނީ ޖަމްޢިއްޔާތަކުން އެއްބާރުލުން ދެވޭނެ ގޮތްތަކާމެދު މަޝްވަރާކުރެވުނެވެ.
މުސްތަޤްބަލަށްޓަކައި މުހިންމު މުޢާހަދާއެއް
ޕެކްޓް ފޮރ ދަ ފިޔުޗަރ އަކީ ޔޫއެން ޖެނެރަލް އެސެމްބްލީއިން ފާއިތުވި އަހަރު ފާސްކުރި މުޢާހަދާއެކެވެ. މި މުޢާހަދާ އަމާޒުކުރަނީ ގްލޯބަލް ގަވަރނަންސް ހަރުދަނާކުރުމަށާއި، ބައިނަލްއަޤްވާމީ ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލުކުރުމަށް މަގުފަހިކުރުމަށެވެ.
އަޅުގަނޑުމެން ބައްދަލުމިވަނީ އުނދަގޫ ވަގުތެއްގައި ކަމަށާއި، ޣައްޒާ އުކްރެއިން، އަދި ސޫދާނުން ފެށިގެން މިޔަންމާއާއި ހަމައަށް ހަމަނުޖެހުމާއި ހަނގުރާމަ ވާސިލްވެފައިވާ ދަނޑިވަޅެއްގައި ކަމަށް ވިދާޅުވެ، ހަނގުރާމައިން ލިބޭ ގެއްލުމުގެ އަގު ބަރުދާސްތު ކުރަމުން ދަނީ އާންމު ރައްޔިތުން ކަމަށް ޝަހީދު ވިދާޅުވިއެވެ.
ފަހަކަށްއައިސް މަލްޓިލެޓަރަލިޒަމް (ބައިނަލްއަޤުވާމީ ގޮތުން ގިނަ ޤައުމުތަކުގެ މެދުގައި އެއްބާރުލުންދޭ ނިޒާމު) އަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާމެދުވެސް ޝަހީދު ވާހަކަފުޅު ދެއްކެވިއެވެ. "މީހުން ސުވާލު ކުރަމުން ދަނީ މަލްޓިލެޓަރަލިޒަމް އޭގެ ބޭނުމަށް އަދިވެސް ފެތޭތޯ. ބައެއް މީހުން ބުނަނީ އެއީ ޒަމާންވީ އެއްޗެއް ކަމަށް… ނަމަވެސް މި ހޯލަށް ބަލާލިއަސް. ތި ބޭފުޅުންނަކީ އެ ފާޑުކިޔުމަށް އޮތް ދައްދު ޖަވާބެއް." ކަމަށް ވިދާޅުވެ މަލްޓިލެޓަރަލިޒަމްގެ ދިފާޢުގައި ވާހަކަ ދެއްކެވިއެވެ.
އދ.ގެ އިޞްލާޙަށް ގޮވާލުން
ޝަހީދު ވާހަކަފުޅުގައި އދ.ގެ އިޞްލާޙުކުރުމުގެ މުހިންމުކަމަށް އިޝާރާތްކުރައްވައި، ޚާއްޞަކޮށް ސެކިއުރިޓީ ކައުންސިލުގެ އިޞްލާޙު ކުރުމުގެ މުހިންމުކަމަށް އަލިއަޅުވައި ވާހަކަފުޅު ދެއްކެވިއެވެ.
މިއަދުގެ ދުނިޔެ ދައްކުވައިދޭ ނުވަތަ ތަމްސީލު ކުރާ ސެކިއުރިޓީ ކައުންސިލެއް އަޅުގަނޑުމެން ބޭނުންވޭ. ސެކިޔުރިޓީ ކައުންސިލުން މިއަދު ދައްކައި ދޭން ޖެހޭނީކީ 1945ގެ ދުނިޔެއެއް ނޫން
އަދި އދ.ގެ ސެކްރެޓަރީ-ޖެނެރަލްގެ މަޤާމަށް އަންހެން ބޭފުޅަކު ހޮވުމަށްވެސް ގޮވާލައްވައި، ޝަހީދު ވިދާޅުވީ؛ ދެން އަންނަ އދ.ގެ ސެކްރެޓަރީ-ޖެނެރަލްއަކަށް އަންހެން ބޭފުޅަކު ހޮވަން ޖެހޭ! އަދި އދ.އިން އަންހެނަކަށް މިހާތަނަށް އެ މަސައްކަތް ހަވާލު ކުރައްވާފައި ނުވަނީ ކީއްވެތޯ އައްސަވައި ސުވާލު ކުރެއްވިއެވެ.
ޒުވާނުންގެ ދައުރު
ޝަހީދު އެމަނިކުފާނުގެ ވާހަކަފުޅުގައި ޒުވާނުންގެ ދައުރަށް ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދެއްވިއެވެ.
މުސްތަޤުބަލް ކާމިޔާބު ވާން އެދޭނަމަ، ޒުވާނުން އެ ތަންފީޒުކުރުމުގައި އިސް ނަގަން ޖެހޭ
ޝަހީދު ވިދާޅުވިއެވެ.
އަޅުގަނޑުމެން ނުވިސްނާ ޚިޔާލުތައް ޒުވާނުންނަށް ގެނެވޭނެ. އަޅުގަނޑުމެން އަހަން ބޭނުން ނުވާ ސުވާލުތައްވެސް ޒުވާނުން އަހާނެ. އަޅުގަނޑުމެން މިއަދު ނިންމާ ނިންމުންތަކުގެ ނަތީޖާއާއި އެކު ގިނަ ދުވަސްތަކެއް އުޅެން ޖެހެނީ މިއަދުގެ ޒުވާނުން.
އައި.ސީ.އޯ ގެ މަސައްކަތުގެ މުހިންމުކަން
ޝަހީދު ތަޤުރީރުގެ ނިންމުމުގައި، އައި.ސީ.އޯ އިން ކުރަމުންދާ މަސައްކަތުގެ މުހިންމުކަން ފާހަގަކުރައްވައި، ވިދާޅުވީ:
"އެހީތެރިކަން ބޭނުންވާ ފަރާތްތަކަށާއި، ހަނގުރާމައިގެ އަސަރު ކޮށްފައިވާ ސަރަޙައްދުތަކުގައި ދިރިއުޅޭ ފަރާތްތަކަށް އަޅާލުމުގައި އައި.ސީ.އޯއިން އަދާކުރާ ދައުރުން އދ.ގެ އެންމެ ރަނގަޅު ހަމަތައް ފެނިގެންދާ ކަމަށެވެ. އައި.ސީ.އޯއިން ދައްކައިދެނީ ސުލްޙައަކީ ހަމައެކަނި ކޮންފަރެންސް ކޮޓަރިތަކުގައި ކުރާ މަޝްވަރާއަކުން ގާއިމު ކުރެވޭ އެއްޗެއް ނޫންކަމަށާއި، އެއީ އަވަށްޓެރިންގެ މެދުގައާއި، ރަށްރަށުގައާއި، އަދި ސްކޫލްތަކުގައި ބިނާކުރެވޭ އެއްޗެއްކަން އައި.ސީ.އޯއިން ސާބިތު ކޮށްދީފައިވާ ކަމަށެވެ.
މި ޙަފްލާއަކީ 2025 ގައި އދ. އަށް 80 އަހަރު ފުރޭއިރު، ދުނިޔޭގެ ޖަމްޢިއްޔާގެ މުސްތަޤްބަލާމެދު ވިސްނުމަށް ބާއްވާފައިވާ މުހިންމު ފޯރަމެއްކަން ފާހަގަކުރެވެއެވެ. އަދި މި ފޯރަމުން ހުށަހެޅި "For Our Future" ރިޕޯޓުގައި ސުލްޙަ ޤާއިމުކުރުމާއި، ހަނގުރާމަތައް ހުއްޓުވުމަށް ޢަމަލީ ގޮތުން އެޅިދާނެ ފިޔަވަޅުތަކާއި ބެހޭ ހުށަހެޅުންތައް ހިމެނެއެވެ.