ދަރިވަރުން މިހާރުވެސް ތިބެނީ ނިވާވެގެން - ރައީސް ނަޝީދު

ދަރިވަރުން މިހާރުވެސް ތިބެނީ ނިވާވެގެން - ރައީސް ނަޝީދު

ދިވެހި ދަރިވަރުން މިހާރު ވެސް ތިބެނީ އެކަށީގެންވާ ވަރަށް ނިވާވެގެން ކަމަށާއި ޔުނިފޯމް ބަދަލުކުރުމަކީ ބޭކާރު ޚަރަދެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ. އަންހެން ކުދިންގެ ސްކާޓުގެ ދިގުމިނުގައި ކަކުލުން ތިރިއަށް ދެ އިންޗި ހުންނަން ޖެހޭއިރު، ބުރުގާ އަޅާ ކުދިން ސްކާޓް ނުލާ ނަމަ، ބެގީ ނުކުރާ ގޮތަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ކަނޑައަޅާފައެވެ. އަދި، ގަމީހުގެ ދިގުމިން ހުންނަން ޖެހޭނީ ބުޑަށްވުރެ ދެ އިންޗިއާއި ހަތަރު އިންޗިއާ ދެމެދުގެ މިންވަރަކަށް ދިގުކޮށް ކަމަށް ވެސް އާ އުސޫލުގައި ބުނެފައިވެއެވެ.

ރައީސް ނަޝީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ސަރުކާރުން އަލަށް ހެދި ޤަވާއިދަށް ފާޑުވިދާޅުވެފައެވެ.

"ޔުނިފޯމް ބަދަލުކުރުމަކީ ހަރަދު ބޮޑު ބޭކާރު ކަމެއް، މިހާރުވެސް ދަރިވަރުން އެ ތިބެނީ އެކަށީގެންވާ ވަރަށް ނިވާވެގެން"

ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ އިތުރުން އާންމުންވެސް ދަނީ ސަރުކާރުން ހެދި ދަރިވަރުންގެ އާ ޔުނީފޯމް ގަވާއިދަށް ފާޑުކިޔަމުންނެވެ. އެއް ބަޔަކު ފާހަގަކުރާ ގޮތުގައި މި ޤަވާއިދުގެ ސަބަބުން ސްކޫލުތަކުގެ ތާރީޚު ދެމެހެއްޓުމަށް ހުރަސް އެޅެއެވެ. ޒަމާނުއްސުރެ ވަކި ކުލައަކުން އަމިއްލަ އައިޑެންޓިޓީއެއް ލިބިފައިވާ ސްކޫލްތަކުގެ ދިގު ތާރީޚަށް މިއީ ގެއްލުމެކެވެ. އަދި ރާއްޖޭގެ ސްކޫލް މަދަރުސާ ސަގާފަތާ ރައީސް މުއިއްޒު ގެނައި ބަދަލު ހިލާފެވެ.

ޚިޔާލު ފާޅުކުރައްވާ