ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ފައިސާދީގެން ދިރިއުޅުމުގެ ހުއްދަ (Residence-by-investment) ހޯދޭނެ ނިޒާމެއް ފަރުމާކުރުމަށްޓަކައި، ލަންޑަނަށް ނިސްބަތްވާ "ހެންލީ އެންޑް ޕާޓްނާސް" (Henley & Partners) ކުންފުންޏާއެކު ދިވެހި ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކުރީ މީގެ ދިހަ މަސްދުވަސް ކުރިންނެވެ. 2025 ނޮވެމްބަރު 5 ގައި ލަންޑަނުގައި ބޭއްވި ކޮންފަރެންސެއްގައި، އިގްތިސާދީ ވަޒީރު މުހައްމަދު ސައީދު ވަނީ މި މަޝްރޫއު "މޯލްޑިވްސް ޕާލް ރެސިޑެންސް" ގެ ނަމުގައި ރަސްމީކޮށް އިއުލާންކުރައްވާފައެވެ. ރައީސް މުހައްމަދު މުއިއްޒުގެ 2026 ވަނަ އަހަރުގެ ރިޔާސީ ބަޔާނުގައި ވެސް ފާހަގަކުރެއްވި މި ޕްރޮގްރާމް، 2026 ގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި ރަސްމީކޮށް ލޯންޗުކުރުމަށް ދަނީ ތައްޔާރުވަމުންނެވެ.
ނަމަވެސް، މި ޑީލުގެ ފަހަތުގައިވާ ސިޔާސީ ނުފޫޒާއި، ބައިނަލްއަގުވާމީ ކޮރަޕްޝަނާއި، އަދި ދިވެހިރާއްޖޭގެ މިނިވަންކަމާއި ސަލާމަތަށް ހުރި ނުރައްކާތައް ރާއްޖޭގެ މީޑިއާތަކުން ވަނީ އެއްކޮށް ސިއްރުކޮށްފައެވެ.
ރައީސް ނަޝީދާއި "ޕާސްޕޯޓް ކިންގް" ގެ ގުޅުން
މި މަޝްރޫއުގެ މައިގަނޑު އެއް ނާރެހަކީ، ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި "ހެންލީ އެންޑް ޕާޓްނާސް" ގެ މޭސްތިރިޔާ، ސުވިޒަލޭންޑްގެ ވިޔަފާރިވެރިޔާ ކްރިސްޓިއަން ކެލިން (Christian Kälin) އާ ދެމެދު އޮތް ގާތް ގުޅުމެވެ. ކެލިން އަކީ ދުނިޔޭގައި "ޕާސްޕޯޓް ކިންގް" (Passport King) ގެ ނަމުން މަޝްހޫރުވެފައިވާ، އަދި ބައިނަލްއަގުވާމީ ކުށްތައް ތަހުގީގުކުރާ ޖަމާއަތެއް ކަމަށްވާ OCCRP އިން އޭނާގެ ގިނަ މައްސަލަތަކެއް ބަލަމުންދާ ފަރާތެކެވެ.
ކްރިސްޓިއަން ކެލިން އަކީ "އަންދާން ފައުންޑޭޝަން" (Andan Foundation) ގެ ބާނީ އަދި މުގައްރިރެވެ. މި ފައުންޑޭޝަނުގެ އިސް އެޑްވައިޒަރެއްގެ ގޮތުގައި ހުންނަވަނީ ރައީސް މުހައްމަދު ނަޝީދެވެ. 2024 ވަނަ އަހަރު، މި ފައުންޑޭޝަނާއި ހެންލީ ކުންފުނި ގުޅިގެން ރައީސް ނަޝީދަށް "ގްލޯބަލް ސިޓިޒަން އެވޯޑް" އެރުވިއެވެ. އަދި މި އެވޯޑާއެކު 20,000 އެމެރިކާ ޑޮލަރު އެމަނިކުފާނަށް ދީފައިވެއެވެ.
މި ހަގީގަތްތަކުން އެނގެނީ، މިހާރުގެ ސަރުކާރުން (ޕީއެންސީ) ހެންލީ ކުންފުންޏާއެކު މި ހިންގާ ބޮޑު މުއާމަލާތަކީ، އިދިކޮޅު ޑިމޮކްރެޓްސްގެ އިސްވެރިޔާ ރައީސް ނަޝީދު އާއި ގުޅިގެން އޭނާގެ މަސްލަހަތު ހިމެނިގެން، ރައީސް މުއިއްޒު އާއި އެކީ ހިންގާ ކޮރަޕްޝަނުގެ ބޮޑު މުއާމަލާތެއް ކަމެވެ. ފައިސާ ލިބެންޏާ ނަޝީދަށްވެސް މުއިއްޒަށްވެސް ރާއްޖެއަށް ކޮންމެ ފަދަ ގެއްލުމެއް ވުންވެސް ހަމަ އެންމެ ރަނގަޅުކަމެވެ.
އިސްރާއީލުގެ މަސްލަހަތާއި ފަލަސްތީނުގެ ލޭގެ ފައިސާ
"ހެންލީ އެންޑް ޕާޓްނާސް" ގެ ސަބްސިޑިއަރީ ހެޑްކުއާޓަރެއް އިސްރާއީލުގެ ތެލް އަވީވްގައި ހުރެއެވެ. ކްރިސްޓިއަން ކެލިން، އިސްރާއީލުގެ ނޫސްވެރިއެއް ކަމަށްވާ ރޯނިޓް ޑޮމްކޭއަށް ދީފައިވާ އިންޓަވިއުއެއްގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ ސަރުކާރާއެކު "ޕާލް ވިސާ" ގެ އެއްބަސްވުން ހެދިފައިވާ ކަމަށާއި، ދުނިޔޭގެ މުއްސަނދިންގެ އިތުރުން ގިނަ އަދަދެއްގެ އިސްރާއީލު މީހުން ރާއްޖެއިން މި ވިސާ ބައްލަވައިގަންނާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.
މިއީ ފަލަސްތީނުގެ ނަސްލު ނައްތާލުމުގެ ލޭއޮހޮރުވުންތައް ހިންގަމުންދާ ދައުލަތެއްގެ ރައްޔިތުންނަށް ރާއްޖެއިން ހިމާޔަތާއި ބިން ވިއްކުމަށް ނަޝީދު އަޑީގައި ހުރެގެން މުއިއްޒަށް ފައިސާ ދީގެން ހިންގާ ޖަރީމާއެކެވެ. ރާއްޖޭގައި ވެރިކަންކުރާ ޕާޓީއާއި، އަދި އިސްރާއީލާއެކު ފުރަތަމަ ސިޔާސީ ގުޅުން ގާއިމުކުރި ނަޝީދު އާއި ދެމެދު މިފަދަ ބޮޑެތި ފައިސާ ހިމެނޭ ކަންކަމުގައި އެއްވެސް ތަފާތެއް ނެތްކަން މިއިން ސާބިތުވެއެވެ. އިގްތިސާދީ ވަޒީރު ސައީދު ވިދާޅުވާ ގޮތުގައި މި ޕްރޮގްރާމުން 1 ބިލިއަން ޑޮލަރު ލިބޭނެއެވެ. ނަމަވެސް މިއީ ރާއްޖޭގެ ބިންތައް ވިއްކައިގެން ހޯދާ "ލޭގެ ފައިސާ" އެވެ.
ހެންލީ އެންޑް ޕާޓްނާސްގެ ކޮރަޕްޝަނާއި މަރުގެ ސީވީ
މި ކުންފުންޏަކީ ދުނިޔޭގެ އެކި ގައުމުތަކުގައި ބޮޑެތި ކޮރަޕްޝަނާއި، މަނީ ލޯންޑަރިން އަދި މަރުގެ ހާދިސާތަކާ ގުޅިފައިވާ ކުންފުންޏެކެވެ:
- މޯލްޓާ (Malta): ހެންލީއިން ފަރުމާކުރި އެ ގައުމުގެ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ކޮރަޕްޝަންތައް ހާމަކުރަން އުޅުނު ނޫސްވެރިޔާ ޑެފްނީ ކަރިއުއާނާ ގަލީޒިއާ (Daphne Caruana Galizia) 2017 ވަނަ އަހަރު ބޮމެއް ގޮއްވާލައިގެން މަރާލިއެވެ. މި ޕްރޮގްރާމް 2025 ގައި ޔޫރަޕްގެ ކޯޓުން ވަނީ ޣައިރުގާނޫނީ ޕްރޮގްރާމެއް ކަމަށް ނިންމާފައެވެ.
- ސައިޕްރަސް (Cyprus): މެލޭޝިއާގެ 1MDB ބޮޑު ހިޔާނާތުގެ ފިލައިގެން އުޅޭ މޭސްތިރިޔާ ޖޯ ލޯ (Jho Low) އަށް ސައިޕްރަސްގެ ރެސިޑެންސީ ހޯދައިދިނީ ހެންލީއިންނެވެ. އޭނާއަކީ ނުރައްކާތެރި މީހެއްކަން އެނގިތިބެ، ހެންލީއިން ވަނީ ކޮމިޝަނުގެ ގޮތުގައި 710,000 ޔޫރޯ ނަގާފައެވެ.
- ކެރީބިއަން ގައުމުތައް: ރަޝިޔާގެ ސެންކްޝަން ކުރެވިފައިވާ އޮލިގާކުންނާއި، ބިލިއަން ޑޮލަރުގެ މަނީ ލޯންޑަރިން ހިންގި މީހުންނާއި، އަދި އިންޓަޕޯލްގެ ރެޑް ނޯޓިސް ނެރެފައިވާ ކުށްވެރިންނަށް ފައިސާގެ ދަހިވެތިކަމުގައި ޕާސްޕޯޓާއި ވިސާ އެހެން ޤައުމުތަކުން ހޯދައިދީފައި ވަނީވެސް މި ނުރައްކާތެރި ކުންފުނިންނެވެ.
ރާއްޖެއަށް އޮތް ނުރައްކާ
ދިވެހިރާއްޖޭގެ އާންމު ރައްޔިތުން ގޯއްޗާއި ބޯހިޔާވަހިކަމެއް ނެތި، ތޮއްޖެހިފައިވާ މާލޭގައި ހާލުގައި އުޅެމުންދާއިރު، ސަރުކާރުން ދަނީ ފަރުތަކާއި ފަޅުތައް ހިއްކައި ތިމާވެށި ސުންނާފަތި ކުރަމުންނެވެ. ރާއްޖޭގެ ގުދުރަތީ ދިފާއީ ނިޒާމު ނައްތާލައިގެން ހިއްކާ ބިންތަކާއި ރަށްތައް މި ހަދިޔާކުރަނީ ބޭރުގެ މުއްސަނދިންނާއި އިސްރާއީލުގެ ވިޔަފާރިވެރިންނަށެވެ.
ރާއްޖޭގެ ތާރީޚުގައި ހިނގި އެންމެ ބޮޑު ޚިޔާނާތް ކަމަށްވާ MMPRC ގެ ބޮޑު ހިޔާނާތް ހިންގި މުއައްސަސާތަކާއި ނިޒާމަކީ މިއަދުވެސް "ޕާލް ރެސިޑެންސް" ގެ ބިންތައް ކަނޑައަޅަން ތިބި މުއައްސަސާތަކެވެ. އެހެންކަމުން، މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ އަގު ބައިނަލްއަގުވާމީ ދުނިޔޭގައި ކިލަނބުވެ، ކޮރަޕްޝަނުގެ ހަބަކަށް ރާއްޖެ ބަދަލުވާނެއެވެ.
ނިންމުން: ހޭލަންވީ ވަގުތު
މި ރިޕޯޓަކީ ގައުމީ ސަލާމަތާއި ދީނީ އަދި އިންސާނީ ހައްގުތަކަށްޓަކައި ތައްޔާރުކޮށްފައިވާ ދިރާސާއެކެވެ. ވެރިކަންކުރާ ޕާޓީ އަދި އިދިކޮޅު ޕާޓީގެ ބައެއް ފަރާތްތަކަކީ ރައްޔިތުންގެ ހައްގުގައި މަސައްކަތްކުރާ ބައެއް ނޫނެވެ. އެންމެންގެ މަސްލަހަތު އޮތީ ބޭރުގެ ކޯޕަރޭޓް ފައިސާއާއި އިސްރާއީލުގެ އެހީތެރިންނާ ގުޅިފައެވެ.
މި ނުރައްކާތެރި "ޕާލް ރެސިޑެންސް" މަޝްރޫއު އެއްކޮށް ހުއްޓާލައި، ހެންލީ އެންޑް ޕާޓްނާސްއާއެކު ހަދާފައިވާ އެއްބަސްވުންތައް ވަގުތުން އުވާލުމަށް ދިވެހި ހުރިހާ ރައްޔިތުން އަޑުއުފުލަންޖެހެއެވެ. ފައިސާއާއި ސިޔާސީ ބާރުގެ ދަހިވެތިކަމުގައި ގައުމު ވިއްކާލާ ސިޔާސީވެރިން ހަނދާންކުރަންވީ، ދުނިޔޭގެ ވަގުތީ އުފަލަށްފަހު މާދަމާ ކައުނުގެ ވެރި ރަސްކަލާނގެ ކުރިމަތީގައި ޖަވާބުދާރީވާން ޖެހޭނެ ކަމެވެ.