ފެންނަ ނުފެންނަ ވޯޓު މުއިއްޒަށް ކާމިޔާބުވެއްޖެނަމަ މިނިވަން އިންތިޚާބެއް ބޭއްވޭނެ ކަމުގެ ޔަގީންކަމެއް ނެތް: ގާނޫނީ ވަކީލު އަލީ ހުސައިން

ދެ އިންތިޚާބު އެއްކޮށްލުމަށް ނަގަން އުޅޭ ވޯޓަކީ ދިވެހި ދައުލަތުގެ ނިޒާމު ގަޑުބަޑުކޮށްލުމަށް ސަރުކާރުން ރޭވިގެން ހިންގާ ކަމެއް

ފެންނަ ނުފެންނަ ވޯޓު މުއިއްޒަށް ކާމިޔާބުވެއްޖެނަމަ މިނިވަން އިންތިޚާބެއް ބޭއްވޭނެ ކަމުގެ ޔަގީންކަމެއް ނެތް: ގާނޫނީ ވަކީލު އަލީ ހުސައިން

ދެ އިންތިޚާބު އެއްކޮށްލުމަށް ގާނޫނުއަސާސީ އިސްލާހުކުރުމަށް ނަގަން އުޅޭ ފެންނަ ނުފެންނަ ވޯޓަކީ ދިވެހި ދައުލަތުގެ ނިޒާމު ގަޑުބަޑުކޮށްލުމަށް ސަރުކާރުން ރޭވިގެން ހިންގާ ކަމެއް ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ތުހުމަތުކުރައްވައިފި އެވެ. "ދެ އިންތިޚާބު އެއްކުރަން ނުފެނޭ" ނަމުގައި އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން، ވޯޓު ސަރުކާރަށް ކާމިޔާބުވެއްޖެ ނަމަ ބާރުތައް މަސްހުނިވެ ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ފުރުސަތު ގެއްލި، ކުރިއަށް އޮތް ތަނުގައި ރާއްޖޭގައި މިނިވަން އަދި އިންސާފުވެރި އިންތިޚާބެއް ބޭއްވޭނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނޯންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އަލީ ހުސައިން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ވަކި ބިލެއް ތަސްދީގު ކުރައްވާނެތޯ ނުވަތަ ނޫންތޯ ކަނޑައެޅުމަކީ ގާނޫނުއަސާސީން ރައީސަށް ދީފައިވާ އިޚުތިޔާރީ ބާރެއް ކަމަށާއި، ރައްޔިތުންގެ ގާތުގައި ހަގީގަތުގައި އަހަންޖެހޭ ސުވާލަކީ ރައްޔިތުންގެ މަޖިލީހުގެ ދައުރު ކުރުކުރަން ފެނޭތޯ ކަމަށެވެ. ނަމަވެސް ސަރުކާރުން ފަރުމާކޮށްފައިވާ ސުވާލަކީ ގާނޫނުއަސާސީގެ ތަރަހައިން ބޭރުން ތައްޔާރުކޮށްފައިވާ ގޯސް ސުވާލެއް ކަމަށް ވިދާޅުވެ، ސަރުކާރުގެ މި ނިންމުމަށް އޭނާ ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ.

ރައްޔިތުންނާ ގުޅުންހުރި ގިނަ މައްސަލަތަކެއް ސުޕްރީމް ކޯޓުގައި ނުނިމި "ޕާކުކޮށްފައި" ހުރިކަން ފާހަގަކުރައްވަމުން، އިލެކްޝަންސް ކޮމިޝަނަކީ ސީދާ ރައީސުލްޖުމްހޫރިއްޔާގެ މުށުތެރޭގައި އޮތް ތަނެއް ކަމަށް އޭނާ ސިފަކުރެއްވި އެވެ. ސުޕްރީމް ކޯޓުން ވެސް ނިންމުންތައް ނިންމާނީ ސަރުކާރު ބޭނުންވާ ގޮތަށް ކަމުގެ ބިރު އެބައޮތް ކަމަށާއި، ނިޒާމީ ގޮތުން ގައުމު ނުރައްކަލަކަށް ވައްޓާލުމަށް ހިންގާ ކަމެއްގެ ގޮތުގައި ސިފަކުރައްވައި، ރާއްޖޭގައި މިހާރުވެސް ހަގީގީ މިނިވަން އިންތިޚާބެއް ބޭއްވޭނެ ފަދަ މާހައުލެއް ނެތް ކަމަށް ވިދާޅުވެ، ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

ޚިޔާލު ފާޅުކުރައްވާ