އިރާނާ ދެކޮޅަށް ހަނގުރާމަ ފެށި ފަހުން، ހަމަލާތަކުގެ އިތުރުވެ، ސަރަހައްދީ ބާރުތައް ކަންބޮޑުވުމެއްގެ ތެރެއަށް ވެއްޓިފައިވަނިކޮށް، އިރާނުގެ ޑްރޯންތަކެއް ބޭނުންކޮށްގެން އޮމާނުގެ ސަލާލާ ޕޯޓުގައި ތެޔޮ ރައްކާ ކުރުމަށް ހަދާފައިހުރި ފެސިލިޓީއަކަށް ވަރުގަދަ ހަމަލާއެއް ދީފި އެވެ. އޮމާނުން ބުނީ ހަމަލާ އަމާޒުވީ ތެޔޮ ރައްކާ ކުރާ ޓޭންކުތަކަށް ކަމަށާއި، ނަސީބަކުން އެ ހަމަލާގައި އެއްވެސް މީހަކަށް އަނިޔާ ލިބިފައިނުވާ ކަމަށެވެ.
މިހަމަލާ އޮމާނަށް ދީފައިވާ އިރު، ރާއްޖެއަށް ތެޔޮ އެތެރެކުރަނީ އޮމާނުންނެވެ. މި ހަނގުރާމާގައި މުއިއްޒުގެ ސަރުކާރުން ތާޢީދު ކުރަނީ ކާފަރު އިޒްރޭލަށެވެ.
އިޒްރޭލާއި އެމެރިކާ ގުޅިގެން އިރާނާ ދެކޮޅަށް ހަނގުރާމަ ފެށުމާ ގުޅިގެން، އެމެރިކާގެ އަސްކަރީ ބާރުތައް ހަރަކާތްތެރިވާ ގަލްފުގެ ގިނަ ގައުމުތަކަށް އިރާނުން ދަނީ ހަމަލާ ދެމުންނެވެ. ސައުދީ އަރަބިއްޔާ، ކުވެއިތު، ޔޫއޭއީ، އުރުދުން، ގަތަރު، ބަހްރެއިން، އަދި ދެން އޮމާނަށް ވެސް ހަމަލާ ދީފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. ހަނގުރާމައިގެ ސަބަބުން ހޮރުމޫޒު ކަނޑުއޮޅިން ދަތުރުކުރުން ކަހަލަ ގޮތަކަށް ހުއްޓި، ދުނިޔޭގެ ތެޔޮ ބާޒާރަށް ބޮޑު ހީނަރުކަމެއް ވަނީ ކުރިމަތިވެފަ އެވެ.
ހޮރުމޫޒު ކަނޑުއޮޅި ބަންދުވެ ތެލުގެ ދަތިކަން ބޮޑުވަމުންދާ ހާލަތުގައި، ބައިނަލްއަގްވާމީ ހަކަތައިގެ އިދާރާ، އިންޓަނޭޝަނަލް އެނަޖީ އެޖެންސީ (އައިއީއޭ) ގެ 32 މެންބަރު ގައުމުން ވަނީ 400 މިލިއަން ފީފާގެ ތެޔޮ ރިޒާވުން ދޫކޮށްލަން ނިންމައިފަ އެވެ. ތަޖުރިބާކާރުން ފާހަގަ ކުރާ ގޮތުގައި، މިއީ ދުނިޔެއަށް ތިން ދުވަހަށް ބޭނުންވާ ވަރުގެ ތެލެވެ. ހަނގުރާމަ ދިގުލައިފިނަމަ، ދުނިޔޭގެ ތެލުގެ ބާޒާރަށް އިތުރު ހީނަރުކަން ކުރިމަތިވެ، ދުނިޔޭގެ އިގްތިސާދަށް ނޭދެވޭ ބޮޑެތި އަސަރުތައް ކުރާނެ ކަމުގެ ކަންބޮޑުވުން ވަނީ ބޮޑުވެފަ އެވެ.