ރެފަރެންޑަމަށް ތައްޔާރުވާން ކުރަންޖެހޭ މަސައްކަތް ނުކުރެވޭ، އެކަމާއި “ގިލްޓީ” ވޭ - އީސީ ރައީސް

"ރެފަރެންޑަމް ވޯޓަށް ރައްޔިތުން ހޭލުންތެރި ކުރުވުމަށް ކުރަންޖެހޭ މަސައްކަތް ނުކުރެވޭ ކަމަށާއި، "ގިލްޓީ ފީލްވާ" ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އެއްބަސްވެވަޑައިގެންފި"

ރެފަރެންޑަމަށް ތައްޔާރުވާން ކުރަންޖެހޭ މަސައްކަތް ނުކުރެވޭ، އެކަމާއި “ގިލްޓީ” ވޭ - އީސީ ރައީސް

ރެފަރެންޑަމް ވޯޓަށް ރައްޔިތުން ހޭލުންތެރި ކުރުވުމަށް ސިޔާސީ ޕާޓީތަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތް ނުކުރެވޭ ކަމަށާއި، އެކަމާ “ގިލްޓީ ފީލްވާ” ކަމަށް، ބުރާސްފަތި ދުވަހު ބޭއްވި ބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަނުގެ ރައީސް އެއްބަސްވެވަޑައިގެންފި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބް އަބްދުﷲ ވިދާޅުވެއްޖެ އެވެ. ޔައުގޫބް މިހެން ވިދާޅުވީ، އެ ދުވަހު އެމްޑީޕީ ވަފްދު އިލެކްޝަންސް ކޮމިޝަނާ ބައްދަލުކުރެއްވުމަށްފަހު ނޫސްވެރިންނަށް ދެއްވި ތަފްސީލުގަ އެވެ.

ޔައުގޫބް ވިދާޅުވި ގޮތުގައި، ބައްދަލުވުމުގައި އެމްޑީޕީގެ ފަރާތުން ވަރަށް ގިނަ ކަންކަން ކޮމިޝަނަށް ހުށަހެޅި ނަމަވެސް، ގިނަ ސުވާލުތަކަށް ކޮމިޝަނުގެ ފަރާތުން ޖަވާބެއް ނުލިބުނެ ވެ. ހާއްސަ ގޮތެއްގައި، ރާއްޖެ ބޭރުގައި ތިބި ވޯޓަރުންގެ ތްރެޝްހޯލްޑަށް ގެނައި ބަދަލުގެ ސަބަބާއި، ބަދަލު ގެންނަން ބެލި ކަންކަމަށް ސާފު ޖަވާބެއް ނުލިބުނު ކަމަށް ވިދާޅުވި އެވެ. ސުވާލުތަކަށް ޖަވާބު ދިނުމުގެ ބަދަލުގައި ކޮމިޝަނުން ކުރި ކަމަކީ ބައްދަލުވުމަށް ކަނޑައެޅިފައިވާ ވަގުތު ހަނދާންކޮށްދިނުން ކަމަށް ވެސް ޔައުގޫބް ފާހަގަ ކުރެއްވި އެވެ.

އިތުރަށް ވިދާޅުވި ގޮތުގައި، ކޮމިޝަނުގެ ރައީސް ސިޔާސީ ޕާޓީތަކާ ބައްދަލު ކުރައްވާ ވަރަށް ވުރެ ގިނައިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒާ ބައްދަލު ކުރައްވާ ކަމަށާއި، ކޮމިޝަނަށް ސަރުކާރުގެ ނުފޫޒު ފޯރާ ކަމުގެ ނިޝާންތައް ފެންނަ ކަމަށެވެ. ރެފަރެންޑަމެއްހާ ބޮޑު ކަމެއް ކުރިމަތީގައި ވަނިކޮށް، ރައްޔިތުންނަށް ޖަވާބުދާރީ ވާންޖެހޭ މިނިވަން މުއައްސަސާއެއް، ސަރުކާރުގެ ނުފޫޒުގެ ދަށަށް ދިއުމަކީ ގައުމަށް ކުރިމަތިވެދާނެ ނުރައްކަލެއް ކަމަށް ވެސް ޔައުގޫބް ވިދާޅުވި އެވެ.

ޚިޔާލު ފާޅުކުރައްވާ