ރައްޔިތު މީހާގެ ބާރު އޮންނަނީ ވޯޓުގައި ކަމަށާއި، އިންތިޚާބު މަދުކުރުމަކީ ރައްޔިތު މީހާގެ ބާރު އަތުލައިގަތުން ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ. ދޮރުން ދޮރަށް ހިނގުމާއި ރައްޔިތުންގެ ކައިރި އަށް ވެރި މީހާ ދިއުމުގެ ސަގާފަތެއް އޮތީ ވޯޓެއް އޮންނާތީ ކަމަށާއި ރައްޔިތުންގެ ކައިރިއަށް ގޮސް ރައްޔިތުންގެ އަޑު އެހުމަކީ މި ސަރުކާރުގެ ޘަޤާފަތެއް ނޫން ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.
"ރައީސުލްޖުމްހޫރިއްޔާ ލޯކަލް ކައުންސިލް އިންތިޚާބުގައި މާލޭގައި އެބަ ކެމްޕެއިން ކުރައްވާ. ދޮރުން ދޮރަށް އެބަ ހިންގަވާ. އެކަމަކު އެއްވެސް ރަށަކަށް ވަޑައި ނުގަންނަވާ. ސާފުކޮށް އެ ވިދާޅުވީ އަތޮޅު ތެރޭގައި ތިބި ރައްޔިތުންނާއި ތިމަންނަމެންނަކާއި ގުޅުމެއް ނެތޭ." ޝާހިދު ވިދާޅުވިއެވެ.
ރެފަރެންޑަމްގައި ދެ އިންތިޚާބު އެއްކޮށްލަން ވޯޓު ދީފި ނަމަ އެއީ ރައްޔިތުން ނިކަމެތި ކޮށްލި ނަމަވެސް އެންމެ ރަނގަޅު ކަމަށް ބުނެ ރައީސް އަށް ދެވޭ މެސެޖެއް ކަމަށް ޝާހިދު ވިދާޅުވި އެވެ. ޝާހިދު ވިދާޅުވީ ރައްޔިތުންގެ ބާރު ނަގަހައްޓަން ބޭނުން ނަމަ ކުރިއަށް އޮތް ރެފަރެންޑަމްގައި ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލަން ނޫނެކޭ ބުނަން ޖެހޭ ކަމަށެވެ