ކަނޑުވެ މަރުވެ ދިޔުމަށް މުއިއްޒު ދޫކޮށްލި އިރާނުގެ މުސްލިމުން ލަންކާއިން ސަލާމަތްކޮށްފައި ވަނިކޮށް ލަންކާއަށް ތެޔޮ ދޭނެކަމަށް އިރާނުގެ އެމްބަސަޑަރު ވިދާޅުވުމަކީ އިރާނުން ރާއްޖެއަށް ދިން މެސެޖެއް

ކަނޑުވެ މަރުވެ ދިޔުމަށް މުއިއްޒު ދޫކޮށްލި އިރާނުގެ މުސްލިމުން ލަންކާއިން ސަލާމަތްކޮށްފައި ވަނިކޮށް ލަންކާއަށް ތެޔޮ ދޭނެކަމަށް އިރާނުގެ އެމްބަސަޑަރު ވިދާޅުވުމަކީ އިރާނުން ރާއްޖެއަށް ދިން މެސެޖެއް

އެމެރިކާއިން ހަމަލާދީ ރާއްޖެ ކައިރިއަށް ފައްތާލި ބޯޓެއްގައި ކަނޑުވަމުން ދިޔަ އިރާނުގެ މުސްލިމުން ސަލާމަތަށް އެދި ރާއްޖެއަށް އަދި އަވަށްޓެރި އެހެން ޤައުމުތަކަށް އެދުމުން އެމީހުން ކަނޑުވެ މަރުވެދާން ރައީސް މުއިއްޒު އަންގައިގެން ދިވެހި ސަރުކާރުން ވަނީ ދޫކޮށްލާފައެވެ. އިންސާނިއްޔަތުކަން އިސްކޮށް ހަނގުރާމާގައި ވަކި އަތެއް ނުނަގައި ލަންކާއިންއެމީހުންނަށް އެހީވެ، އެއިން ގިނަބަޔަކު ސަލާމަތް ކޮށްދީފައި ވެއެވެ.

ފުރަތަމަ ފަހަރަށް އިރާނުގެ ބޯޓަކަށް ރާއްޖެ ކައިރިން ހަމަލާދިނީ 4 މާޗް 2026 ގައެވެ. ޑިސްޓްރެސް ކޯލަށް ރާއްޖެއިން އިޖާބަ ނުދިނުމަށް ނިންމާފައިވަނިކޮށް، ލަންކާއިން އިޖާބަދީ ގިނަ މުސްލިމުން ސަލާމަތް ކުރިއެވެ (ރޮއިޓަރސް). އެފަހުންވެސް ހަމަ މިފަދަ ހަމަލާއެއް އިރާނުގެ ބޯޓަކަށް އަރައިގެން ލަންކާއިން އިރާނަށް އަނެއްކާވެސް އެހީތެރިވި އިރު، ރާއްޖެއިން ނިންމީ އެފަހަރުވެސް 200 ވުރެ ގިނަ މުސްލިމުން ކަނޑުވަމުން ދިޔައިރު އަޅާ ނުލުމަށެވެ (އޭޕީ ނިއުސް).

މުއިއްޒުގެ ސަރުކާރުން އިރާނުގެ މުސްލިމުންނާއި މެދު އަނިޔާވެރި ސިޔާސަތެއް ގެންގުޅޭ އިރު، އަވަށްޓެރި އިންޑިޔާއިން ވެސް ވަނީ ދާދި ފަހުން އިރާނަށް ބޭހުގެ އެހީތެރިކަން މިދިޔަ ހަފްތާގައި ފޯރުކޮށްދީފައެވެ.

ރާއްޖެއިން އިރާނުގެ މުސްލިމުންނާއި މެދު އަނިޔާވެރި ވަމުންދާ ދަނޑިވަޅެއްގައި، އަވަށްޓެރި ލަންކާއަށް އިރާނުން ތެޔޮ ފޯރުކޮށްދޭނެ ކަމަށް އިރާނުގެ އެމްބަސަޑާރ ހާމަކުރުމަކީ ރާއްޖެއަށް ދިން މެސެޖެކެވެ. ލަންކާއަށް އިރާނުން ތެޔޮ ދޭން ނިންމި އިރު ދާދި ފަހުން ލަންކާއަށް ކަނޑައަޅާފައި ހުންނަ ރާއްޖޭގެ އެމްބަސަޑަރު ވަނީ އޭނާގެ އާއިލާ މީހެއްގެ ވިސާ މައްސަލާގައި ލަންކާ ސަރުކާރާއި ޒާތީވެ، ލަންކާގެ އިނދިކޮޅު ފަރާތްތަކާއި ބައްދަލުކޮށް ދެގައުމުގެ ގުޅުން ގޯސް ކޮށްފައެވެ.

ރާއްޖެއާއި އެންމެ ކައިރިން އިރާނާއި ރަނގަޅު ގުޅުމެއް ޤާއިމު ކުރުމުން އަންނަ އިންޑިޔާއާއި ރާއްޖެއާއިވެސް ގުޅުން މުޅިއަކުން ރަނގަޅެއް ނޫނެވެ. މުއިއްޒު ވަނީ އިންޑިޔާގެ ބޮޑު ވަޒީރަށް ޝިއުނާއާއި މަލްޝާ ލައްވައި އަޚްލާޤީ ގޮތުން ހުތުރު އެއްޗެހި ގޮވައި، އިންޑިޔާ އައުޓު ކެމްޕޭނަށްފަހުވެސް އެގުޅުން އިތުރަށް ހީނަރު ކޮށްފައެވެ.

ޗާގޯސް އަކީ ރާއްޖޭގެ ބައެއް ކަމަށް ބުނެ ދޮގު ހަދައިގެން، އަދި ރާއްޖޭގެ ކަނޑުގެ ސަރަހައްދު މޮރިޝަސް އަށް ވިއްކާލައިފިކަމަށް ބުނެ ތަންމިނަށް ދޮގު ހެދުމުގެ ސަބަބުން މޮރިޝަސް އިން ވަނީ ރާއްޖެއާއި އެކު އޮތް ސިޔާސީ އަދި ޑިޕްލޮމެޓިކް ގުޅުން ކަނޑާލާފައެވެ.

މި ހަނގުރާމަ ދިގުލައިގެން ގޮސްފިނަމަ، މުއިއްޒުގެ ވެރިކަމުގައި ރާއްޖެއަށް އެހީވާނެ އެއްވެސް ބަޔަކު ނުވެ، މުޅި ޤައުމު 2 ވަނަ ބޮޑު ހަނގުރާމާގައި ނުދާ ދަރަޖައަށް ގޮސް ބަނޑަށް ޖެހުމަކީ އެކަށީގެންވާ ކަމެކެވެ.

އަވަށްޓެރި ޤައުމުތަކާއި ޖެހިގަތުމުގެ އިތުރުން އިރާނާއި މެދު ރައީސް މުއިއްޒު ގެންގުޅޭ އަދާވާތްތެރި އަނިޔާވެރި އުސޫލަށް މިއަދު އިރާނުން ރައްދު އެދިނީ 100 އިންސައްތަ މުސްލިމް ރާއްޖެއަށް ތެޔޮ ނުދީ ލަންކާއަށް ތެޔޮ ދިނުމަށެވެ. މިއީ މުއިއްޒު ވެރިކަމުގައި ނެތް ނަމަ ރާއްޖެއަށް ކުރިމަތިވާނެ ހާލަތެއް ނޫނެވެ. މުއިއްޒު ވެރިކަމުގައި ނެތް ނަމަ، އިންސާނިއްޔަތުކަން އިސްކޮށް އިރާނުގެ 300 މުސްލިމުންގެ ފުރާނަ ސަލާމަތް ކުރާނީ ދިވެހިންނެވެ. އިސްލާމީ އަޚްވަންތަކަން އިސްކޮށް އަނެއް މުސްލިމް މީހާ ރާއްޖެ ކަނޑުގައި މަރުވާން ދޫކޮށެއް އެއްވެސް ވެރިއަކު ނުލާނެއެވެ. އިންސާނިއްޔަތު ކަމާއި، އަޚްވަންތަ ކަމަކީ ރައީސް މުއިއްޒު ދަންނަ ބަސްމަގެއް ނޫނެވެ. އެފަދަ މިންވަރެއްގެ ތަންދޮރު ފިލުމެއް މުއިއްޒުއަށް ދެއްވާފައި ނުވެއެވެ.

ޚިޔާލު ފާޅުކުރައްވާ