ރައީސްގެ ޕްރެސް: ފަސޭހައިން ދިވެހިން މެރުމަށް ޤާނޫނު ހަދާނެ ކަމަށް ބުނުމަށްފަހު، މުސްލިމް ނޫން އެންމެން މެރުން ރަނގަޅުކަމަށް މޭރުންކޮށް ވާހަކަ ދައްކައިފި

ރައީސްގެ ޕްރެސް: ފަސޭހައިން ދިވެހިން މެރުމަށް ޤާނޫނު ހަދާނެ ކަމަށް ބުނުމަށްފަހު، މުސްލިމް ނޫން އެންމެން މެރުން ރަނގަޅުކަމަށް މޭރުންކޮށް ވާހަކަ ދައްކައިފި

މިއަދު ރައީސް މުއިއްޒު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ފަސޭހައިން މުއިއްޒު ބޭނުންވާ ދިވެހިން މެރުމަށް ޤާނޫނު ހަދާނެ ކަމަށް ފާޅުގައި ބުނުމާއި، މުސްލިމް ނޫން އެންމެން މެރުން ރަނގަޅުކަމަށް މޭރުންކޮށް ވާހަކަ ދައްކައިފިއެވެ.

ރަމަޟާން މަސް ނިމި، 10 ރޯދައިގައި ދިވެހިން ތިއްބައި، މިއަދު ރައީސް މުއިއްޒު ރައްޔިތުންނަށް ދެއްވި މެސެޖަކީ މަސްތުވާ ތަކެތި އެތެރެ ކުރާ ފަރާތްތަކަށް މަރުގެ ހުކުން އިއްވާނެ ކަމަށް ބުނެ މުއިއްޒުގެ އަމުރަށް، އޭޖީ އުޝާމު ތައްޔާރުކޮށް މަޖިލީހުން ފާސްކުރި މަސްތުވާ ތަކެތި އެތެރެ ކުރާ ފަރާތްތަކަށް މަރުގެ ހުކުން އިއްވުމުގެ ބިލަށް ބާރު ލިބޭހެން އިތުރު ޤާނޫނެއް ހަދަން އުޅޭ ވާހަކައެވެ. މިވާހަކަ ދައްކަމުން މުއިއްޒު ވިދާޅުވެފައިވަނީ:

މަރުގެ އަދަބު ދިނުމުގެ ކަންތައް މިއޮންނަނީ މިއަދާއި ހަމައަށް އައިއިރު އެއްގޮތަކަށްވެސް، ތަންފީޒް ނުކުރެވި. މަރުގެ އަދަބު ދިނުމަށްޓަކައި، މަރުގެ ހުކުން ތަންފީޒު ކުރުމަށް އެބަޖެހޭ އެކަން ޤާނޫނީ ފްރޭމްވޯކް ތެރޭގައި ކަށަވަރު ކުރަން. މިއަދާއި ހަމައަށް އައި އިރު މިކަމަށް އެއްވެސް ކަހަލަ ޤާނޫނެއް ނެތް.

ރާއްޖޭގެ ޖުޑިޝިއަރީ ވަނީ ރައީސް މުއިއްޒު ޚިސާރު ކޮށްފައެވެ. ޖޭއެސްސީ ގައި ވަނީ ރައީސް މުއިއްޒުގެ އަރިސް ފަރާތްތަކެވެ. ބުނިކަމެއް ބުނި ގޮތަކަށް ހަދަމުންދާ އެއްވެސް ވަރެއްގެ ޤާނޫނީ ހަމައެއް އުސޫލަކަށް ތަބާ ނުވާ ނުބައި ބައެކެވެ. ޖޭއެސްސީއިން ސްޕްރީމް ކޯޓުގެ ދެފަނޑިޔާރަކު ބޮލުގައި ދޮގު ތުހުމަތް އަޅުވައި ޤާނޫނާއި ޚިލާފަށް ވަކި ކުރީ މުއިއްޒުގެ އަމުރަށެވެ. ކޯޓުތަކަށް މިފަހުން ރައީސް މުއިއްޒު އައްޔަން ކުރީ ހުސް ޕީއެންސީ އެކްޓިވިސްޓުންނެވެ. ސްޕްރީމް ކޯޓުގުގެ އިސް ފަނޑިޔާރުވެސް، ކެބިނެޓް މިނިސްޓަރުންނާއި އެކު އުޅުއްވަނީ ފާޅުގައެވެ. އެއްވެސް ވަރަކަށް ސްޕްރީމް ކޯޓަކީ މިނިވަންތަނެއްކަން ދައްކަންވެސް މަސައްކަތް ނުކުރައެވެ.

މަރުގެ ހުކުން އިއްވަން އުޅެނީ މަސްތުވާތަކެތި ބޭނުން ކުރާ ފަރާތްތަކަށް ނޫނެވެ. މުއިއްޒު އާއި ދެކޮޅު ފަރާތްތަކަށެވެ.

މިގޮތުން މަސްތުވާތަކެތި އެތެރެ ކުރުމުގެ ބޮޑެއް ކަމަށް ބުނެ އެންމެ ފަހުން އައްޑޫ އިން ހިފެހެއްޓި، ރާއްޖޭގެ ގިނަ ބަޔަކަށް އެއީ މަސްތުވާތެކީގެ ބޮޑެއްކަން ފާޅުގައި އެނގޭ ފަރާތްވެސް މި ސަރުކާރުން ވަނީ ދޫކޮށްލާފައެވެ. މުޅި އައްޑޫގައި ޑްރަގް ވިޔަފާރި ކުރުން އާންމުކޮށްފި ކަމުގެ ތުޙުމަތު އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު ހޯމް މިނިސްޓަރާއި އެނާގެ ބައްޕަ ފޭދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ޑީޑީއަށް މަޖިލީހުގައި ތުހުމަތު ކުރި އިރު އެކަމުން ދިފާޢު ވާން އެއްވެސް ވާހަކައެއް ނުދައްކައި އެއްމިޔަކަނުން ހެވިފައިހުރި މަންޒަރުވެސް ސޯޝަލް މީޑިޔާގައި އާންމުވި ވީޑިޔޯއަކުން ފެނުނީ ދާދި ފަހުންނެވެ. އެހެންކަމުން މަސްތުވާތަކެތީގެ އެއްވެސް މައްސަލައެއް އެއްވެސް ވަރަކަށް ހައްލުކުރަން މުއިއްޒެއް އަދި މި ސަރުކާރުގެ އެއްވެސް ފަރާތަކުން ނޫޅޭކަން ޝައްކެއް ނެތް މިންވަރަށް ހުރިިހާ ރައްޔިތުންނަށް މިވަރުންވެސް ސާފެވެ.

މިއަދުގެ ޕްރެސްގައި ދެން ދެއްކެވި ވާހަކައަކީ، މުސްލިމް ޤައުމުތަކަށް ބޮން އެޅުމުން މުސްލިމުން މަރުވާނެ ކަމަށް ބުނެ މުސްލިމް ނޫން މީހުން މެރުން ހުއްދަކަމަށް ދޭހަކޮށް ދެއްކި ވާހަކައެވެ. މުސްލިމް ޤައުމުތަކުގައި ހުރީ އެމެރިކާގެ އަސްކަރީ މަރުކަޒުތަކެވެ. އިރާނުން ބޮންއަޅަމުން ދަނީ އެތަންތަނަށެވެ. އިރާނުން ވަނީ އެހެން ތަންތަނަށް ބޮން އަޅަމުން ދަނީ އެމީހުން ނޫން ކަމަށް ބުނެ، އަދި އެކަމުގައި ޝާމިލު ވަނީ އިޒްރޭލް ކަމަށް ބުނެ މީޑިޔާއަށް މައުލޫމާތު ތަފާތު އެކި ފަހަރު މަތިން ދީފައެވެ.

  1. އިރާނުން ބޮން ނާޅާ ކަމަށް ބުނެފައި ވަނިކޮށް އިރާނަށް އެ ތުހުމަތު އަމާޒު ކުރުމަކީ ރާއްޖެ ފަދަ މުސްލިމް ޤައުމަކުން ކޮށްގެން ވާނެ ކަމެއް ނޫނެވެ. އެއީ އެއްވެސް ދިވެހި ރައްޔިތަކު ބޭނުންވާ ގޮތެއްވެސް ނޫނެވެ.
  2. މުސްލިމުން ނޫން އާންމުން މެރުން އެންމެ ރަނގަޅު ކަމަށް ދޭހަވާހެން މުއިއްޒު ވާހަކަ ދެއްކުމަކީ ސީދާ ކަނޑައެޅިގެން އިސްލާމް ދީނުގައި ހަރާން ކޮށްފައިވާ ކަމަކަށް އަރައިގަތުމަށް ގޮވާލުމެވެ. ހަނގުރާމައެއްގައިވެސް، ހަނގުރާމައާއި ނުގުޅޭ އެއްވެސް ބަޔަކު މެރުމަކީ އިސްލާމް ދީން ހުއްދަ ކުރާ ކަމެއް ނޫނެވެ.

މިއަދުގެ ޕްރެސްއިން ފެނުނީ ޔަހޫދީ ޒައެނިސްޓު ފިކުރުގެ މުއިއްޒެވެ. ފެނުނީ ޒައެނިސްޓުން ފަދައިން މީހުން މަރަން ޝައުގުވެރިކަން ހުރި ނުބައި ނުލަފާ އަނިޔާވެރި ވެރިއެކެވެ. އެއްވެސް ކުށެއް ނެތް މީހުން މެރުމާއި، މުޅި އަދުލުގެ ނިޒާމު ފުނޑު ފުނޑުކޮށް، ބޭނުން ދިވެއްސަކު ފްރޭމްކޮށް މެރުމަށް މަގުފަހި ކުރުމަށް ޤާނޫނު ހެދުމަށް މުއިއްޒު ހޭއްވައްޓާލާފައި ހުރި ޝައިޠާނީ މަންޒަރެވެ.

ޚިޔާލު ފާޅުކުރައްވާ