އެޕްރީލް 4 ވަނަ ދުވަހު ބާއްވާ ގާނޫނުއަސާސީ އަށް ބަދަލު ގެނައުމުގެ ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާ މި ސަރުކާރު ބޭނުންވާ ގޮތަށް ނިކުމެއްޖެ ނަމަ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ދައުރު ދަންމާލައި، އެހެން ސިޔާސީ ވާދަވެރިން އިންތިހާބުން އެކަހެރިކުރާނެ ކަމަށް ދިވެހިރާއްޖޭގެ ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
ޖަމީލް ވިދާޅުވީ މިހާރު ދިވެހިރާއްޖޭގައި ހިނގަމުންދާ ގާނޫނުއަސާސީ އަކީ ރައީސުލްޖުމްހޫރިއްޔާގެ އަތުގައި މާ ގިނަ ބާރުތަކެއް ހުރެގެން ބާރުތައް ލިމިޓް ކުރަން ވެގެން ގެނައި ގާނޫނުއަސާސީ އެއް ކަމަށެވެ. ނަމަވެސް މިހާތަނަށް ރައީސް މުއިއްޒު ގެންނަވާފައިވާ ބަދަލުތަކަށް ބަލާލުމުން ފެންނަނީ ބާރުތައް މުށުތެރެއަށް ޖަމާކުރުން ކަމުގައި ޖަމީލް ވިދާޅުވިއެވެ.
"އެންމެ ފުރަތަމަ ކަމަކަށް މިހާރު މި އޮތް ގާނޫނުއަސާސީ ގެނައި އިރު މި އޮތް ބަހުސަކީ ރައީސުލްޖުމްހޫރިއްޔާ އަތުގަ މާގިނަ ބާރުތައް ހުރެެގެން، ބާރުތައް ލިމިޓްކުރަންވެގެން މިގާނޫނުއަސާސީ ގެނައީ. މިހާތަނަށް ރައީސް މުއިއްޒު ގެންނެވި ބަދަލުތަކުގެ ތެރޭގައި ރައީސް މުއިއްޒު ކޮށްފައި ހުރީ ކޮންކޮން ކަންކަމެއްތޯ. މިސާލަކަށް ރައްޔިތުންގެ މަޖިލީހުގެ ބާރު އަތަށް ނެންގެވީ. އެހެންވީމަ އަތަށް ބާރުތައް ކަހާލުމުގަ މި އުޅެނީ އިނގޭތޯ. ދެން ހަމަ މިހާރު ފެނިގެން މި ދިޔައީ ލޯކަލް ކައުންސިލްގެ ނިޒާމު އެވެސް ބާރުތައް ނަގާފަ މި އޮތީ. އަތޮޅު ކައުންސިލްތައް އުވާލާފަ އެ އޮތީ. ދެން ހަމަ އެއާ އެކީގަ މިހާރު ފެނނަމުންދޭ ޝަރުއީ ނިޒާމުގެ ތެރެއަަށް ވެސް އެ އޮތީ ހަމަ އެބާރު އެގޮތަށް ފޯރުވާފަ. ބޭނުންވާހަކަލަ ފަނޑިޔާރުންތަކެއް ޝަރުއީ ނިޒާމަށް ގެނެސްގެން" ޖަމީލު ވިދާޅުވިއެވެ.
ދެ އިންތިހާބު އެއްކޮށް ބޭއްވުމުން ވެރިކަމުގެ ނިޒާމުގައި އޮންނަ ޗެކް އެންޑް ބެލެންސް ގެ އުސޫލުތައް ގެއްލިގެންދާނެ ކަމަށް ޖަމީލު ވިދާޅުވިއެވެ