ރައީސް މުޢިއްޒު ޤާނޫނު އަސާސީއާ ކުޅުއްވަނީ މަކުނު ކުރިމަތިފަރާތާ ކުޅޭހެން ކަމަށް މާލޭ ސިޓީ ކައުންސިލްގެ މެންބަރު ސައިފް ފާތިހް ވިދާޅުވެއްޖެއެވެ. ސައިފް މިހެން ވިދާޅުވީ ގަލޮޅު ސިޓީޕާކު ކަންމަތީގައި ބޭއްވި އެމްޑީޕީ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ސައިފް ވިދާޅުވިގޮތުގައި ގާނޫނު އަސާސީ އަކީ މަޖަލަކަށް، ކުރާނެ ކަމެއް ނެތިގެން، ނުވަތަ އަރާމެއް ހޯދަން ކުޅެން ޖެހޭ އެއްޗެއް ނޫނެވެ. އެއީ ވާންވީ ގޮތް އެނގިގެން ތަޞައްވުރެއް އޮވެގެން ކުރާ ކަމެކެވެ. ރައީސް މުޢިިއްޒު މިހާރު އެ ކުޅޭ ގޮތަށް ގާނޫނު އަސާސީ އާ ކުޅެ ނިންމާލާއިރު މުޅި ގާނޫނު އަސާސީގެ ބާރު ކެނޑިގެންދާނެކަމަށް ވެސް ސައިފް ވިދާޅުވިއެވެ.
ރައީސް މުޢިއްޒު ގެންދަވަނީ ގާނޫނު އަސާސީއަށް އަވަސް އަވަހަށް ގިނަ ބަދަލުތަކެއް ގެންނަވަމުންނެވެ. އަދި ފެންނަ ނުފެންނަ ވޯޓަށް ފަހު އިތުރު ބަދަލުތައް ގެނައުމަށް މަސައްކަތްކުރާނެ ކަމަށް ސިޔާސީ ފަރާތްތަކުން ބުނެއެވެ.