ޤާނޫނުއަސާސީއަށް ގެނައި 8 ވަނަ އިސްލާޙަކީ ޒިންމާދާރުކަމާއެކު ޤާނޫނަށް ގެނެވިފައިވާ އިސްލާޙެއްކަމަށް ދެންނެވެން ނެތް ކަމަށާއި، އެއީ ޤާނޫނީ ގޮތުން އެތައް ސުވާލެއް އުފެއްދެން އޮތް އުނި އިސްލާޙެއްކަމަށް ރާއްޖޭގެ ފުރަތަމަ ޕްރޮސެކިއުޓަރ ޖެނެރަލް އަހުމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. މި ބަދަލާއެކު ދެން ޤާނޫނުއަސާސީއަށް ގެންނަން ޖެހޭނެ ގުޅިފައިވާ އިސްލާޙުތަކާއި، ޚަރަދު ކުޑަކުރުމުގެ ވާހަކަ ފަދަ އެތައް ސުވާލަކަށް ޖަވާބު ނުލިބި ހުރިކަން މުޢިއްޒު ވަނީ ފާހަގަ ކުރައްވާފައިއެވެ.
"މިއީ އުނި އިސްލާޙެއް، ރަނގަޅަކަށް ނޫން މިކަން ކުރެވިފައި މި އޮތީކީ، އެހެންވީމާ މިއީ ޑިފެކްޓިވް، ޤާނޫނީ ގޮތުން ސުވާލު އުފެއްދިދާނެ އިސްލާހެއްގެ ގޮތުގައި އަޅުގަނޑު ދެކެން، އެފަދަ ކަންކަން ވަނީ ސުޕްރީމް ކޯޓުން 2020 ވަނަ އަހަރު ވެސް މައްސަލަ ހުށަހެޅި ފަރާތްތަކުގެ ސަމާލުކަމަށް ގެންނަވާފައި، ވީމާ އެކަމަށް ސަމާލުކަން ނުދެވި އަނެއްކާވެސް މި އިސްލާޙު ހުށަހެޅިފައި މި އޮތީ، ވަރަށް ދެރަ ކަމެއް މިހާ މުހިންމު ކަމެއްގައި ސަމާލުކަން ދޭން ވާވަރަށް، މިއީ ހަމަ ޑްރާފްޓިންގ ގަ ރަނގަޅުކޮށްލެވެން އޮތް ކަމެއް، އެކަމަކު ސަމާލުކަން ނުދެވިގެން މިކަން ނުކުރެވި މި އޮތީ" މުޢިއްޒު ވިދާޅުވިއެވެ
ނޫ ޤާނޫނުއަސާސީ އަދި ފެހި ޤާނޫނުއަސާސީ އެކުލަވާލި މަޖިލީހުގައިވެސް މަސައްކަތް ކުރެއްވި މުއިއްޒު އިތުރަށް ވިދާޅުވީ، މި ބަދަލު ޤާނޫނުއަސާސީއަށް ގެނައުމަށް މަޖިލީހުގައި މަސައްކަތްތައް ކުރިއަށްދިޔައިރު މެމްބަރުން ވެސް ކުރަންޖެހޭ އެތައް ސުވާލެއް ނުކޮށް ހުރި ކަމަށެވެ. އެގޮތުން މި ބަދަލާއެކު ދެން ޤާނޫނުއަސާސީއަށް ގެންނަން ޖެހޭނެ ގުޅިފައިވާ އިސްލާޙުތަކާއި، ޚަރަދު ކުޑަކުރުމުގެ ވާހަކަ ފަދަ އެތައް ސުވާލެއް ހުރިކަން އޭނާ ފާހަގަ ކުރެއްވިއެވެ. އަދި ވިދާޅުވީ، ރައްޔިތުންނާ ގުޅުންހުރި ބޮޑެތި ބަދަލުތައް ގެންނައިރު އެފަދަ ސުވާލުތަކުގެ ޖަވާބު ކޮންމެހެން ވެސް ލިބެންޖެހޭ ކަމަށެވެ