ދިވެހި ބަހުގައި އޮތް އަދަބީ ބަހެއް ބޭނުން ކޮށްގެން ޖެންޑާރ މިނިސްޓްރީ އިން އެކަން ކުށްވެރި ކޮށް ބަޔާނެއް ނެރެފިއެވެ. "ކަނަކު އިޝާ ނަމާދަށް ދާހެން" ކަމަށް ބުނެ ދިވެހި އަދަބީ ބަހުގައި ހިމެނޭ މި މިސާލު ބަސް ބޭނުން ކޮށްފައި ވަނީ އެމްޑީޕީ ރައީސް އަބްދުﷲ ޝާހިދު އެމްޑީޕީ ޖަލްސާއެއްގައެވެ.
- ބީރު އައްސި: ބީހުމުގެ ހިއްސު ކެނޑޭ ކެނޑުން
- މަންމަންގަނޑު: ބަސްމަދު ރަކި ފާޑަކަށް ތިބޭ މީހުން
- ފެތުނު އޮޑީގެ ރިޔާ ދަށު ވިޔަސް ކަނަކު އަތް ދަށު ނުވާށެވެ: ނުލަފާ ޖާހިލުންގެ އަނގަދަށު ނުވުމަށް ބުނައުޅޭ ބަހެއް
- ކަނު ލޯބި: ދޮންފުތުލޯބި
- ހަތަރަ ބީރުންގެ ވާހަކަ: އެކަކު ކިޔާއެއްޗެއް އަނަކުންނަށް ނުފިލާހެން ވާހަކަ ދެއްކުން
- ކަނު ހަސަނަށް އަމާ ފެނުން: މޮޔަ ހަސަނަށް އަމާ ފެނުން
- ކަނު ގޮލަޔަށް އިރުވާހުދު ދެއްކުން: ހަޤީގަތާއި ޚިލާފަށް އެއްޗެއް ތެދުކޮށް ދިނުން
- ޔަހުޔާ ކާޅު ހިފުން: އޮޅިގެން މޮޅު ކަމެއް ކުރުވުން (ޔަހުޔާ އަކީ ކަނު މީހެއް)
މިފަދަ އެތައް އަދަބީ ބަހެއް ސަރުކާރުން ބަލަހައްޓާ ބަސްފޮތުގައި ހުރި އިރު، މިފަދަ އަދަބިއްޔާތުގެ (މިސާލު ބަހެއް) ބޭނުން ކުރިކުރުން އެއީ މައްސަލައަކަށް ހަދައިގެން ބަޔާން ނެރެފައިވަނީ ރައީސް މުއިއްޒު ރައީސް އޮފީހުގެ L ސޯފާ މަތީގައި ބަދު އަޚްލާގީ އަމަލު ހިންގި މައްސަލަ ހިންދާލުމުގެ ގޮތުން ރާވައިގެންނެވެ.
މުއިއްޒުގެ ބަދު އަޚްލާގީ އަމަލު ފޮރުވުމަށް ޖެންޑާ މިނިސްޓަރު އައިޝަތު ޝިހާމު އެހީތެރިވަމުން ދާއިރު، ދާދި ފަހުން ކުޑަ ކުއްޖަކަށް ބޭނުންވާ ކާނާ ދޭ ހޮޅިއެއް ނުދެވިގެން 8 މަސްވެގެން މަރުވެގެން ދިޔަ މައްސަލާގައި އައިޝަތު ޝިހާމު އާއި ޖެންޑާ މިނިސްޓްރީ ހުރީ ހަނުއެވެ.
ކުޑަ ކުއްޖެއް މަރުވެގެން ދިޔައީ ސީދާ އެންސްޕާގެ އިހުމާލުންނެވެ. އެއީ ރާއްޖެ ނޫން ހުރިހާ ޤައުމެއްގައި ހީނާ ވަލީދުގެ މައްޗަށް 20 އަހަރުގެ ޖަލު ހުކުމެއް އަންނަ ވަރުގެ ބޮޑު ކުށެކެވެ. އެ ހޮޅި ނުލިބިގެން 8 މަސް ވަންދެން އާއިލާއިން އެ ހޮޅި ހޯދުމަށް ސަރުކާރަށް އާދޭސް ދަންނަވަމުން ދިޔައިރު، އެ އާއިލާއިން އެކަން ސަރުކާރުގެ ހުރިހާ އިދާރާއެއްގެ ސަމާލުކަމަށް އޮތީ ގެނެސްފައެވެ. ނަމަވެސް ޖެންޑާރ މިނިސްޓަރ އައިޝަތު ޝިހާމު ހުރީ ހަނުއެވެ. 8 މަސްވެ ކުއްޖާ އަށް ރަނގަޅަށް ކާން ނުދެވި ހާލަތު ދަށްވެގެން މަރުވެގެން ދިޔައިރުވެސް ހޮޅި ކޮޅު މުއިއްޒުޓީވީ އެތަނެއްގެ ލާރިން ހެދި އެންސްޕާއިން ނުގެނެވުނެވެ.
ތުއްތު ކުއްޖާ މަރުވި މައްސަލާގައި ބަސްނުބުނެ އަދަބީ ބަހެއް ބޭނުން ކޮށްގެން ބަޔާން ނެރޭ ހިސާބަށް އައިޝަތު ޝިހާމުގެ ހާލަތު ދިޔުމުން އެ ވުޒާރާ ފެއިލްވެފައިވާ މިންވަރު ސާފުވެއެވެ. އެއްވެސް ވަރަކަށް އާންމު ރައްޔިތުންގެ ހާލަތާއި މެދު ކަންބޮޑުމެއް ނެތްކަން ސާފުކޮށް އެނގެއެވެ. އައިޝަތު ޝިހާމަކީ ވަޒީރުކަން ފައިސާއަށް ގަންނަ ފަރާތެއް ކަމަށް ބުނެ އާންމުންގެ ފާޑުކިޔުން މީގެ ކުރިން ސޯޝަލް މީޑިޔާގައި އަމާޒު ވެފައިވެއެވެ. އެފަދައިން މަގާމުތަކަށް އަންނަ ފަރާތްތައް އާންމު މަސްލަހަތު ހިމާޔަތް ކުރުމުގެ މުހިންމު ކަމަށްވުރެ ބޮޑުވަނީ އަމިއްލަ ސިޔާސީ މަސްލަހަތު އިސްކޮށް ވުޒާރާތައް ސިޔާސީ ގޮތުން ބޭނުން ކުރުމަށެވެ.