ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ސީރިއަސް ތުހުމަތުތަކެއްކޮށް ގެނެސްދިން "އައިޝާ" ޑޮކިއުމެންޓްރީގެ މައްސަލަ މީޑިއާ ކޮންޓްރޯލް ކޮމިޝަނުން ބަލަން ފަށައިފި އެވެ. މާޗު 28 ގައި އާންމުކުރި މި ޑޮކިއުމެންޓްރީގައި، ރައީސް މުއިއްޒު ކައިވެނިން ބޭރުން ގުޅުމެއް ބޭއްވި ކަމަށާއި އެމަނިކުފާނު ޖިންސީ ފުރައްސާރަ ކުރި ކަމަށް ކުރީގެ މުވައްޒަފަކު ވަނީ ތުހުމަތުކޮށްފަ އެވެ. އެ މުވައްޒަފަކީ ރައީސް އޮފީހުގެ އިތުރުން ޖެންޑާ އަދި ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ސިޔާސީ މަގާމުތަކެއް އަދާކޮށްފައިވާ ފަރާތެއްކަން މައުލޫމާތު ލިބިފައިވެ އެވެ.
މައުލޫމާތު ލިބޭ ގޮތުގައި، މި ޑޮކިއުމެންޓްރީގައި ރައީސް އޮފީހުގެ ތެރޭގައި ހިނގި ކަމަށް ބުނާ ބައެއް ކަންކަމުގެ ތަފްސީލުތައް އެ މުވައްޒަފު ވަނީ ހިއްސާކޮށްފަ އެވެ. އަދި ރައީސް މުއިއްޒާއި އޭނާއާ ދެމެދު ބަދަލުކޮށްފައިވާ ޗެޓް ލޮގްތަކާއި، ރަސްމީ ގަޑިން ބޭރުން ފޮނުވާފައިވާ މެސެޖުތަކުގެ ހެކިތައް ވެސް ވަނީ ފެނިފަ އެވެ. މި ތުހުމަތުތަކާ ގުޅިގެން ޑޮކިއުމެންޓްރީ އާންމުކުރުމުގެ ކުރިން ސަރުކާރުގެ ތަރުޖަމާނު އެކަން ދޮގުކުރެއްވި ނަމަވެސް، މިހާތަނަށް ރައީސް މުއިއްޒު އަމިއްލަފުޅަށް އެއްވެސް ބަހެއް ވިދާޅުވެފައެއް ނުވެ އެވެ.
މި މައްސަލަ ކޮމިޝަނުން ބަލަން ފަށާފައިވާއިރު، މިހާ ސީރިއަސް ތުހުމަތުތަކެއް ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް ކުރެވިފައިވީ ނަމަވެސް، އެއްވެސް މުއައްސަސާއަކުން މިކަން ތަހުގީގުކުރަން ފަށާފައި ނުވުމަކީ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވަމުންދާ ކަމެކެވެ. ސަރުކާރުގެ އެންމެ އިސްވެރިޔާގެ އިތުބާރާއި އަހުލާގާ މެދު ސުވާލު އުފެދިފައިވާ މި ދަނޑިވަޅުގައި، މި މައްސަލައިގެ ތެރެއަށް ކޮންޓްރޯލް ކޮމިޝަން ވަދެފައި މިވަނީ މީޑިއާގެ މިނިވަންކަމާ މެދު ކަންބޮޑުވުންތައް އިތުރުވެފައިވާ ދަނޑިވަޅެއްގަ އެވެ.