ސަރުކާރަށް ރައްޔިތުންގެ އިތުބާރު މުޅިން ގެއްލި، ގައުމުގެ ހާލަތު ގޯސްވެފައިވާތީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަގުތުން އިސްތިއުފާ ދެއްވައި، އަވަސް އިންތިހާބެއް ބޭއްވުމަށް އެމްޑީޕީއިން ގޮވާލައިފިއެވެ. މިކަމަށް އެމްޑީޕީގެ ފަރާތުން އެދި ގޮވާލެއްވީ ޕާޓީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާއެވެ. އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޣަފޫރު ވިދާޅުވީ، މިނިސްޓަރުން މަގާމުން ވަކިކުރުމަކީ މިހާރު ހައްލެއް ނޫން ކަމަށާއި، ގައުމު ހަމަމަގަށް އެޅުވޭނީ ރައީސް އިސްތިއުފާ ދެއްވައިގެން ކަމަށެވެ. މިހެން ގޮވާލާފައިވާއިރު، މިއާއި ޚިލާފަށް ޗެއަރޕާސަން ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ފައްޔާޒް އިސްމާއިލް އާއި ކުރީގެ ރައީސް ނަޝީދު ވަނީ އެބޭފުޅުން ހިމެނޭހެން ވަގުތީ ސަރުކާރެއް އެކުލަވާލަން ރައީސް މުއިއްޒަށް ގޮވާލާފައެވެ. މިހެން ގޮވާލާފައިވަނީ X ގައި އެބޭފުޅުން ކޮށްފައިވާ ޕޯސްޓުތަކެއްގައެވެ.
އެތައް ގޯހެއް ހަދާފައިވާ ޕީއެންސީ ސަރުކާރަކާއި އެކު އެމްޑީޕީ ބައިވެރިވެގެން އާ ސަރުކާރެއް އުފެއްދުމަށް ޕާޓީއިން ރަސްމީ ހައިސިއްޔަތަކުން ގޮވާލާފައި ނުވާއިރު، މި ގޮތަށް ގޮވާލާފައި ވަނީ ކޮން ހަމައަކުން ކަމެއް ސާފެއް ނުވެއެވެ. މިކަމުގެ ސަބަބުން ޕާޓީގެ އާންމު މެމްބަރުންނަށް ޕާޓީއިން ހިފަހައްޓާ ހަމައަކީ ކޮބައިކަން ވަނީ އޮޅިފައެވެ. އަދި ޕާޓީގެ ގިނަ ބައެއްގެ ފާޑު ކިޔުން ވަނީ މިކަމާއި ގުޅިގެން މި ބޭފުޅުންނަށް އަމާޒުވެފައެވެ. ސޯޝަލް މީޑިޔާގެ މަޝްހޫރު އެކްޓިވިސްޓް ހަސަން ކުރުސީވެސް ވަނީ މި ޓްވީޓްތަކަށް ފާޑު ވިދާޅުވެ ޓްވީޓް ކުރައްވާފައެވެ.
ކައުންސިލް އިންތިހާބާއި ފެންނަ ނުފެންނަ ވޯޓުން ސަރުކާރަށް އޮތް ތާއީދު ގެއްލިފައިވާކަން ސާބިތުވެފައިވާތީ، އެމްޑީޕީން ވަނީ ސަރުކާރަށް 12 ޑިމާންޑެއް ހުށަހަޅައި، އެ ޑިމާންޑުތައް ހާސިލުކުރުމަށް މަގުމަތީ ހަރަކާތްތައް ވެސް ފަށައިފައެވެ. އެ ޑިމާންޑުތަކުގެ ތެރޭގައި ގައުމުގެ އިސްލާހީ ދަތުރު ހަރުދަނާކުރުމަށްޓަކައި ގާނޫނުއަސާސީއަށް ގެންނަންޖެހޭ ބަދަލުތައް ކަނޑައެޅުމުގައި ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމިއްޔާތަކުގެ ބައިވެރިވުން ހިމެނޭހެން ހާއްސަ ކޮމިޓީއެއް އެކުލަވާލުން. އަދި އެ ކޮމިޓީގެ މަޝްވަރާގެ މަތިން މެނުވީ ގާނޫނުއަސާސީއަށް އެއްވެސް ބަދަލެއް ނުގެނެވޭނެ ގޮތަށް ނިޒާމު ތަރުތީބުކުރުން. ހިމެނެއެވެ. ނަމަވެސް އިންތިގާލީ ސަރުކާރެއް ގާއިމު ކުރުން ނުހިމެނެއެވެ.
މުއިއްޒު އިސްތިއުފާދީ އިންތިޚާބެއް ބޭއްވުމާއި، މުއިއްޒު ވެރިކަމުގައި ހުންނަވައިގެން އޭނާއާއި އެކު ޕާޓީ ތެރެއިން ބަޔަކު ހިމެނިގެން އާ ސަރުކާރެއް ގާއިމު ކުރުމަކީ ވަރަށް ތަފާތު ދެކަމެކެވެ. ޕާޓީގެ ރަސްމީ ގޮވާލުމާއި ސީދާ ފުށު އަރާހެން މި ގޮވާލި ގޮވާލުމުގެ ސަބަބުން މުއިއްޒު އިސްތިއުފާ ދިނުމަށް އެދި އެމްޑީޕީއިން ކުރާ މުޒާހަރާ އާއި، އެމްޑީޕީއިން އެކުލަވާލި 12 ޑިމާންޑުގެ ބާރު ވަނީ ކުޑަވެފައެވެ. އަދި މުއިއްޒު އާއި ދެކޮޅަށް އެމްޑީޕީއިން ކުރަމުންދާ މަސައްކަތަށް ބުރޫ އަރާނެއެވެ.