ގާނޫނުއަސާސީއާ ޚިލާފަށް LGA އިން އަތޮޅުތަކާއި ހަވާލުވެއްޖެ

ގާނޫނުއަސާސީއާ ޚިލާފަށް LGA އިން އަތޮޅުތަކާއި ހަވާލުވެއްޖެ

އަތޮޅު ކައުންސިލްތަކުގެ މަސްއޫލިއްޔަތުތައް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އާ ހަވާލުކުރުމަށް ނިންމި ނިންމުމަކީ ގާނޫނުއަސާސީއާ ޚިލާފު ކަމެއް ކަމަށް، ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލްއުސްތާޛު ހުސްނުއްސުއޫދު ވިދާޅުވެއްޖެއެވެ.

ސުއޫދު މިހެން ވިދާޅުވީ، އަތޮޅު ކައުންސިލްތައް އުވާލުމާ ގުޅިގެން އެ އިދާރާތަކުން ދެމުންދިޔަ ޚިދުމަތްތައް ދިނުމުގެ ގާނޫނީ ޒިންމާ މިހާރު މަތިކޮށްފައިވަނީ އެލްޖީއޭއާ ކަމަށާއި، އަތޮޅުތަކުގައި އެލްޖީއޭގެ އޮފީސްތައް އުފެއްދުމުގެ ފުރުސަތު މިހާރު އެބައޮތް ކަމަށް ބުނެ އެ އޮތޯރިޓީން މިއަދު ނެރުނު ބަޔާނަކަށް ރައްދު ދެއްވަމުންނެވެ.

ސުއޫދުގެ ނުކުތާތައް:

  • އިންތިޚާބީ ހައްގު: ރައްޔިތުން އިންތިޚާބު ނުކުރާ ބަޔަކު އިދާރީ ދާއިރާއެއް ހިންގުމަކީ ގާނޫނުއަސާސީން ހުއްދަކުރާ ކަމެއް ނޫނެވެ.

  • މަޖިލީހުގެ ބާރު: ގާނޫނުއަސާސީން ކަނޑައެޅިގެން މަނާކުރާ ކަމެއް، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ އާދައިގެ ގާނޫނަކުން ހުއްދައެއް ނުކުރެވޭނެއެވެ.

  • ލާމަރުކަޒީ ނިޒާމު: 2008 ގެ ގާނޫނުއަސާސީގެ އެންމެ މުހިންމު އެއް އަސާސަކީ އިންތިޚާބީ ކައުންސިލްތަކުގެ ބާރުވެރިކަމެވެ.

"އަތޮޅު ކައުންސިލްތައް އުވާލުމަކުން ރައްޔިތުން އިންތިޚާބު ނުކުރާ ބަޔަކު އިދާރީ ދާއިރާތައް ހިންގުން ގާނޫނުއަސާސީ ހުއްދައެއް ނުކުރޭ،" ސުއޫދު އެކްސްގައި ލިޔުއްވާފައިވެއެވެ.


ސިޔާސީ މަސްރަޙު

މި ބަދަލުތައް މި އައީ ލާމަރުކަޒީ ނިޒާމަށް އިސްލާހު ގެނައުމުގެ ވައުދާއެކު ރައީސް ޑރ. މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، ކައުންސިލްތަކުގެ ހިންގުން ހަރުދަނާކުރުމަށް ކަމަށް ބުނެއެވެ. ނަމަވެސް، މި ފަހުން ބޭއްވި ލޯކަލް ކައުންސިލް ބައި-އިލެކްޝަންތަކުގައި ސަރުކާރަށް ލިބުނު ނާކާމިޔާބީއަށްފަހު، ކެބިނެޓަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ލޯކަލް ގަވަމެންޓް މިނިސްޓްރީ ވެސް ވަނީ އުވާލާފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ކުރީގެ ފަނޑިޔާރު ސުއޫދު މަގާމުން އިސްތިއުފާ ދެއްވީ މިދިޔަ އަހަރުގެ މާރިޗު މަހު، ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުން ސަސްޕެންޑުކުރުމާ ގުޅިގެން އުފެދުނު ހަލަބޮލިކަމުގެ ތެރޭގައެވެ. އޭނާ ވަނީ ޝަރުއީ ދާއިރާއަށް ސަރުކާރުގެ ނުފޫޒު އޮތް ކަމަށް ތުހުމަތު ކުރައްވާފައެވެ.

ޚިޔާލު ފާޅުކުރައްވާ