ރާއްޖެއިން ބޭރުގައާއި ރާއްޖޭގެ އެކި ޔުނިވަރސިޓީތަކުގައި މަތީ ތައުލީމު ހާސިލްކުރަމުންދާ އެތައް ސަތޭކަ ދިވެހި ދަރިވަރުންނަށް ކޮންމެ ސެމިސްޓާއަކު ލިބޭ އާދައިގެ "ފެކަލްޓީ އެވޯޑެއް" އިސްލާމިކް މިނިސްޓަރު ޝަހީމުގެ ދަރިއަށް ލިބިގެން ބޮޑު ކާމިޔާބީއެއްގެ ގޮތުގައި މީޑިއާތަކުން ރިޕޯޓްކުރަމުންދާތީ، އާންމުންނާއި ކިޔަވާ ކުދިންގެ ފާޑުކިޔުން އަމާޒުވެއްޖެއެވެ.
މި ޚަބަރު ގެނައި ނޫސްތަކުގެ ތެރޭގައި ސަން، ދައުރު، އަދި ރައީސް މުއިއްޒަށް ސަނާ ކިޔާ މިހާރު ނިއުސް ހިމެނެއެވެ.
ނުފޫޒާއި ނެޕޮޓިޒަމްގެ ތުހުމަތު
މި މައްސަލަ ހޫނުވެފައިވަނީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ ދަރިކަލުން މަހީލް ޝަހީމަށް، އޭނާ ކިޔަވަމުންދާ ޔުނިވަރސިޓީގެ ސެމިސްޓާ ނަތީޖާއަށް ބިނާކޮށް ލިބުނު އެވޯޑެއް، ރާއްޖޭގެ ބޮޑެތި މީޑިއާތަކުން "ބޮޑު ޚަބަރެއް ގޮތުގައި ފަތުރަން ފެށުމުންނެވެ.
ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި މިއީ މަހީލްގެ މައްޗަށް ތުހުމަތުކުރެވޭ ވޭޕް އެތެރެކުރުމުގެ މައްސަލައާއި، އޭގެ ސަބަބުން ދައްކަންޖެހުނު 1.1 މިލިއަން ރުފިޔާގެ ޖޫރިމަނާގެ ވާހަކަ އޮއްބާލުމަށް ސިޔާސީ ނުފޫޒުން ފަތުރަމުންދާ ޚަބަރެކެވެ.
ދަރިވަރުންގެ ކަންބޮޑުވުން: "މިއީ އިންސާފެއް ނޫން"
މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ޝުއޫރު ފާޅުކުރި ބައެއް ދަރިވަރުން ފާހަގަކޮށްފައިވާ ގޮތުގައި:
- އާދައިގެ އެވޯޑެއް: މިއީ މުޅި ޑިގްރީ ޕްރޮގްރާމް ނިންމައިގެން އެއްވަނަ ދެވަނަ ތިންވަނައަށް ގޮސްގެން ލިބުނު އެވޯޑެއް ނޫނެވެ. މި އެވޯޑު އެ ކޯސް ފުރިހަމަ ކުރި މީހުންގެ ތެރެއިން 1/2 މީހުންނަށް ލިބުނެވެ.
- ހަމަހަމަކަން ގެއްލުން: ރާއްޖެއިން ބޭރުގައި ކިޔަވާ އެތައް ސަތޭކަ ދަރިވަރުންނެއް ކޮންމެ ސެމިސްޓާއަކު މިފަދަ "ފެކަލްޓީ އެވޯޑް" ތަކާއި "ރެކްޓާސް އެވޯޑް" ނޮމިނޭޝަންތައް ހޯދައެވެ. ނަމަވެސް، އެ ކުދިންގެ މަސައްކަތް މީޑިއާގެ ސަމާލުކަމަކަށް ނާދެއެވެ.
- މީޑިއާގެ ދައުރު: ވަކި ބޭފުޅެއްގެ ދަރިއަކަށް ވީތީ، އާދައިގެ ކަމެއް ބޮޑުކޮށްގެން ދެއްކުމަކީ ހަގީގީ ކާމިޔާބީ ހޯދާ އެހެން ދަރިވަރުންގެ އަގުވެއްޓޭ ކަމެއްގެ ގޮތުގައި ދަރިވަރުން ސިފަކުރެއެވެ.
ތާރީޚީ ގޮތުން ފެނިފައިނުވާ ކަމެއް
މިއީ ދިވެހި މީޑިއާގެ ތާރީޚުގައިވެސް، ދަރިވަރަކަށް ސެމިސްޓާއަކުން ލިބުނު ނަތީޖާއެއް މިހާ ފުޅާދާއިރާއެއްގައި ކަވަރުކުރި ފުރަތަމަ ފަހަރެވެ. ގިނަ ބަޔަކު ސުވާލު އުފައްދަނީ، މިއީ މަގާމުގެ ނުފޫޒުން ކުރި ކަމެއްތޯ ނުވަތަ މީޑިއާތަކުން ވަކި ފަރާތަކަށް ޖެހިގެން ކުރާ ކަމެއްތޯއެވެ.
ކިޔަވާ ކުދިން ގޮވާލަނީ، ހުރިހާ ދަރިވަރުންގެ މަސައްކަތްވެސް ހަމަހަމަ ގޮތެއްގައި ވަޒަންކުރުމަށާއި، ސިޔާސީ ކަންކަމާ ތައުލީމީ ކާމިޔާބީތައް މަސްހުނި ނުކުރުމަށެވެ.