ޝަކުވާ ފޮނުވުމަށް “ރައްޔިތުންގެ އަޑު”ގެ ނަމުގައި ސަރުކާރުން ޕޯޓަލް ހެދުމަށް ފަހު، އެއްވެސް ކަމެއް ނުކޮށް “ސިޓިޒަން ކޮމްޕްލެއިންޓްސް ބޮއިރޯ”ގެ ނަމުގައި ހަމަ އެކަން ކުރުމަށް އިތުރު އިދާރާއެއް އުފައްދައިފި އެވެ.
ރައްޔިތުންގެ އަޑުގެ ނަމުގައި އިދާރާއެއް އުފެއްދީ 2024 ވަނަ އަހަރު ފެބްރުއަރީ މަހުގައެވެ. ސިދާ ރައީސް އަށް ޝަކުވާ ހުށައެޅޭނެ ކަމަށް ބުނެ އުފެއްދި މި ޕްލެޓްފޯމުގެ ޚަބަރެއް ފަހުންނެއް ނުވެއެވެ. މިއާއި ގުޅިގެން ރައްޔިތުންގެ ސުވާލުގެ ނަމުގައި ސުވާލުކޮށް މުއިއްޒު ޖަވާބު ވެސް އެއިން ވީޑިޔޯގެ ޒަރިއްޔާއިން ދެމުން ދިޔައެވެ. އޭގެ ފަހުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ސަރުކާރުގެ އިދާރީ ހިންގުން އިތުރަށް ހަރުދަނާކޮށް ރައްޔިތުންނާ ގާތުން ޚިދުމަތް ދިނުމުގެ މަގްސަދުގައި “ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ” އާއި “ދިވެހިރާއްޖޭގެ ސަރަހައްދުތަކާ ބެހޭ އޮފީސް” ގެ ނަމުގައި ދެ އިދާރާއެއް މިއަދު އުފައްދަވައިފި އެވެ. ރައީސް އޮފީހުން ހާމަކުރި ގޮތުގައި، ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯގެ މައިގަނޑު މަސްއޫލިއްޔަތަކީ އެކި ޕްލެޓްފޯމްތަކުގެ ޒަރިއްޔާއިން ރައްޔިތުން ހުށަހަޅާ ޝަކުވާތައް ބަލައި، އެކަންކަމަށް އަވަސް ހައްލު ހޯދައިދިނުމެވެ. މި ބިއުރޯއަށް 24 ގަޑިއިރު ޝަކުވާ ހުށަހެޅޭނެ ކޯލް ސެންޓަރެއް ގާއިމްކުރުމަށް ހަމަޖެހިފައިވާއިރު، މި އިދާރާގެ މަސައްކަތްތައް މިއަހަރުގެ މެދުތެރޭގައި ފެށޭނެ އެވެ.
މީގެ އިތުރުން، ގައުމީ ސަލާމަތާއި ސިޔާދަތާ ގުޅުންހުރި ކަންކަން ބެލެހެއްޓުމަށް އުފެއްދި “ދިވެހިރާއްޖޭގެ ސަރަހައްދުތަކާ ބެހޭ އޮފީހުން” ރާއްޖޭގެ ބައުންޑަރީތަކާ ގުޅޭގޮތުން އުފެދޭ ހިލާފުތައް ހައްލުކުރުމުގައި އިސް ދައުރެއް އަދާކުރާނެ އެވެ. މި އޮފީހުން ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި ބައިނަލްއަގުވާމީ ފަރާތްތަކާ ގުޅިގެން ސަރަހައްދީ މައްސަލަތައް ހައްލުކުރުމަށް މަސައްކަތްކުރާނެ އެވެ. މި އޮފީހުގެ އިދާރީ ހިންގުން ހަމަޖެހި، މުވައްޒަފުން ހަމަޖެހުމާއެކު ރަސްމީކޮށް މަސައްކަތްތައް ފެށިގެންދާނެ ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.
ސަރުކާރުގެ މި ނިންމުމަކީ ވެރިކަމުގެ ވައުދުތައް ފުއްދުމަށްޓަކައި އިދާރީ އޮނިގަނޑު ހަރުދަނާކޮށް، ރައްޔިތުންގެ ޝަކުވާތަކަށް ޖަވާބުދާރީވުން އިތުރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ބެލެވެ އެވެ.