އެމްޑީޕީއަށް ބޭނުން ވަނީ ޢިލްމީ ޤާބިލު ޒުވާން އަދި ހުރިހާ ބަޔަކާއި އެކު މަސައްކަތް ކުރެވޭ ޗެއަރޕާސަންއެއް

އެމްޑީޕީއަށް ބޭނުން ވަނީ ޢިލްމީ ޤާބިލު ޒުވާން އަދި ހުރިހާ ބަޔަކާއި އެކު މަސައްކަތް ކުރެވޭ ޗެއަރޕާސަންއެއް

އެމްޑީޕީގެ އިސްލާޙީ ދަތުރު: އާ ޖީލެއްގެ އުންމީދު

ދިވެހިރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) މިއަދު މިވަނީ ސިޔާސީ ގޮތުން ނުހަނު ނާޒުކު ފަސްމަގަކަށް ހުއްޓިފައެވެ. ކުރީގެ ޗެއަރޕާސަން ފައްޔާޒު އިސްމާޢީލް އިސްތިއުފާ ދެއްވުމާ ގުޅިގެން އުފެދުނު ހުސްކަމާއި، ޕާޓީގެ އެތެރޭގައި ހުރި ޚިޔާލުތަފާތުވުންތައް ނައްތާލައި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށްޓަކައި ޕާޓީއަށް މިއަދު ބޭނުންވަނީ ވަރުގަދަ އަދި އައު ލީޑަރޝިޕެކެވެ. ރައްޔިތުން ޕާޓީއާއި މެދު ވެފައިވާ ފޫހި ނެތި އެމްޑީޕީ ކުރިއަށް ދާނެ ހަމައެކަނި މަގަކީ އެއީއެވެ.

މި ދަނޑިވަޅުގައި، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙްމަދު ނަސީމަކީ ޕާޓީގެ ޢާންމު މެންބަރުންގެ އިޙްސާސްތައް ދަންނަ، ޢިލްމީ ގޮތުން ޤާބިލު، އަދި ހުރިހާ ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރުމުގެ ހުނަރު ހުރި، އެމްޑީޕީގެ ކުރިމަގަށް އެންމެ އެކަށީގެންވާ ޝަޚުޞިއްޔަތެވެ.

އައު ޖީލެއްގެ ޒުވާން ލީޑަރެއް

ޢުމުރުން އެންމެ 32 އަހަރުގެ މީކާއީލަކީ ރައްޔިތުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ އެންމެ ހަކަތަހުރި ޒުވާން އެއް މެންބަރެވެ. އޭނާގެ ސިޔާސީ ފަލްސަފާއަކީ ޕާޓީގެ އިސް ސަފުން ޒުވާނުންނަށް ޖާގަ ދިނުމާއި، ވަކިވަކި ލީޑަރުންގެ މަޞްލަޙަތަށްވުރެ ޢާންމު މެންބަރުންގެ ބާރުވެރިކަން އިސްކުރުމެވެ.

މީކާއީލް އެމްޑީޕީއާ ގުޅިވަޑައިގަތީ 2012 ވަނަ އަހަރުއެވެ. 2017 ގައި ޒުވާނުންގެ ގޯފީގެ ރައީސްކަން ކުރެއްވުމަށްފަހު، 2019 ގައި މަޖިލީހަށް އިންތިޚާބުވީ އެންމެ ޒުވާން މެންބަރުންގެ ތެރޭގައެވެ. އަދި 2024 ގެ އިންތިޚާބުގައި އެމްޑީޕީއަށް ކުރިމަތިވި ނާކާމިޔާބީގެ ތެރެއިންވެސް، ގޮނޑި ދިފާޢުކުރެއްވި އެމްޑީޕީގެ މަދު މެންބަރުންގެ ތެރޭގައި އޭނާ ހިމެނިވަޑައިގަތުމަކީ، އޭނާގެ ސިޔާސީ ގާބިލުކަމާއި ރައްޔިތުންގެ އިތުބާރު އޮތްކަމުގެ ހެއްކެކެވެ.

ތަޢުލީމީ ޤާބިލުކަން

މީކާއީލްގެ ތަޢުލީމީ ސިވީއަކީ މިއަދުގެ ސިޔާސީ މަސްރަޙުގައި ނަމޫނާއެކެވެ. އޭނާ ވަނީ ދުނިޔޭގެ އެންމެ ޝަރަފުވެރި އެއް ޔުނިވަރސިޓީ ކަމަށްވާ ޔުނިވަރސިޓީ އޮފް ކޭމްބްރިޖުން ސިޔާސީ އިލްމާއި، ނަފްސިއްޔާތާއި، ސޯޝިއޮލޮޖީގެ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލުކުރައްވާފައެވެ. އޭގެ ފަހުން ޔޫކޭގެ ޔުނިވަރސިޓީ އޮފް ބާތުން އިންޓަރނޭޝަނަލް ރިލޭޝަންސްގެ ދާއިރާއިން މާސްޓަރސް ޑިގްރީ ހާސިލުކުރެއްވީ ޝަރަފުވެރި "ޗީވްނިންގ" ސްކޮލަރޝިޕްގައެވެ.

މި އިލްމީ ޤާބިލުކަމަކީ ހަމައެކަނި ސަނަދެއް ނޫނެވެ. މިއީ ޕާޓީގެ ސިޔާސަތުތައް ބައްޓަންކުރުމާއި، ދިމާވާ ގޮންޖެހުންތަކަށް ޢިލްމީ ހައްލު ހޯދުމަށް ބޭނުންވާ އެންމެ މުހިންމު ވަސީލަތެވެ.

ޢަމަލީ ދާއިރާގައި ސާބިތުކޮށްދީފައިވާ ހުނަރުވެރިކަން

މަޖިލީހުގެ ތަޅުމުގައި މީކާއީލަކީ ފާހަގަކޮށްލެވޭ ވަރުގަދަ އަޑެކެވެ. ސަރުކާރު ޖަވާބުދާރީ ކުރުވުމާއި، މިނިވަން މުއައްސަސާތަކުގެ ކަންކަން ބެލުމުގައި އޭނާ ވަނީ މުހިންމު ދައުރެއް އަދާކުރައްވާފައެވެ. އޭނާ ހުށަހެޅުއްވި ބައެއް މުހިންމު ކަންކަމުގެ ތެރޭގައި:

  • ދަރިމައިވުމުގެ މައްސަލަތަކަށް ޤައުމީ ފެންވަރުގައި ޙައްލު ހޯދުމާއި، އާސަންދައިގެ ދަށުން އެފަދަ ފަރުވާ ލިބޭނެ ގޮތް ހެދުމަށް ހުށަހެޅި ޤަރާރު.
  • ފަލަސްތީނުގެ ރައްޔިތުންނަށް ކުރާ އިޙްތިރާމާއި ސޮލިޑާރިޓީގެ ރަމްޒެއްގެ ގޮތުން، އިސްރާއީލް ޕާސްޕޯޓް މަނާކުރުމަށް އިމިގްރޭޝަން ޤާނޫނަށް ހުށަހެޅި އިޞްލާޙު.

މިއީ ފާހަގަ ކޮށްލެވޭ އެތައް ކަމެއްގެ ތެރެއިން ދެކަމެވެ. މަޖިލީހުގައި މީކާއީލް ދެއްކެވި ނަމޫނާއަކީ ޒުވާނުން މަޖިލީސް ތަމްސީލް ކުރަންވީ ގޮތުގެ ނަމޫނާއެވެ.

އެކުވެރި، އެންމެން ގުޅޭ ލީޑަރޝިޕެއް

މީކާއީލްގެ އެންމެ ބޮޑު ތަފާތަކީ ވަކި ފެކްޝަނަކަށް ތާއީދުކުރުމުގެ ބަދަލުގައި، މުޅި ޕާޓީގެ މަޞްލަޙަތު އިސްކުރުމެވެ. އޭނާ ވަނީ "އާ ޖީލެއްގެ ލީޑަރުން" އުފެއްދުމަށާއި، ޕާޓީގެ އަސާސީ މެންބަރުންގެ އަޑު އިއްވުމަށް ވަކާލާތު ކުރައްވާފައެވެ. ޕާޓީގެ އެތެރޭގެ ބައިބައިވުންތައް ނައްތާލައި، އިޖުތިމާޢީ އަދި ސިޔާސީ ގޮތުން އެންމެން ގުޅިގެން މަސައްކަތްކުރާނެ މާޙައުލެއް ބިނާކުރުމަކީ އޭނާގެ މައިގަނޑު އަމާޒެވެ.

ޕާޓީގެ ކުރިމަގުން ޒުވާނުން ފެނުމަށް އޮތް ހުރަސް

މި ފާއިތުވި 20 އަހަރުގެ މާޒީގެ ބޮޑު ބައެއްގައި އެމްޑީޕީގެ އެތެރޭގެ ބާރުތައް އޮތީ ވަރަށް ހަނި ދާއިރާއެއްގެ ތެރޭގައި ހިފެހެއްޓިފައެވެ. ޕާޓީގެ ތާރީޚުގެ ބޮޑު ބައެއްގައި ނުފޫޒުގަދަ އެންމެ ފަރާތެއްގެ ބާރުގެ ދަށުގައި ޕާޓީ އޮތުމުގެ ސަބަބުން، އިސް ސަފަށް އައު މޫނުތަކެއް ފެނިގެން ނުދިޔައެވެ. 2005 އިން ފެށިގެން 2023 އާ ހަމައަށް މުޙައްމަދު ނަޝީދު ޕާޓީގެ ޗެއަރޕާސަންގެ ގޮތުގައާއި ރައީސްގެ ގޮތުގައި ދެމިހުންނެވުމުން، ޕާޓީގެ އެންމެ މަތީ ފަޑިއަކީ އާންމު މެންބަރަކަށް އަތްފޯރާ ފަށެއްގައި އޮތް ތަނަކަށް ނުވިއެވެ.

2018 ވަނަ އަހަރު ރިޔާސީ ޓިކެޓު އިބްރާހީމް މުޙައްމަދު ޞާލިޙަށް ލިބިވަޑައިގަތުމާއި، 2022 ގައި ފައްޔާޒު އިސްމާޢީލް ޗެއަރޕާސަންގެ މަޤާމާ ޙަވާލުވެވަޑައިގަތް ނަމަވެސް، މި ބަދަލުތައްވެސް އައީ ޕާޓީގެ ތެރޭގައި ކުރިންސުރެ ތިއްބެވި ނުފޫޒުގަދަ ބޭފުޅުންގެ ތެރެއިންނެވެ. މިފަދަ "މަތިބަރު" ލީޑަރޝިޕެއްގެ ސަބަބުން، ޒުވާން ޖީލުގެ ލީޑަރުން އުފެދި ކުރިއަށް ދިއުމަށް އޮތް ފުރުޞަތުތައް ވަނީ ހަނިވެފައެވެ. ނަތީޖާއެއްގެ ގޮތުން، ޕާޓީން ޑިމޮކްރެސީގެ ވާހަކަ ދެއްކި ނަމަވެސް، ޒުވާން ލީޑަރުންނަށް އެންމެ މަތީ ލެވެލްގައި ފައިތިލަ ސާބިތުކުރުމަށް ވަނީ ވަރަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައެވެ. މިއީ ޕާޓީގެ ކުރިމަގަށް ބޭނުންވާ އައު އަދި މިނިވަން ޚިޔާލުތަކުގެ ލީޑަރުން ފެންމަތިވުމަށް އޮތް އެންމެ ބޮޑު ހުރަހަށް ވިއެވެ.

  • 2005 – 2008: ޕާޓީގެ ޗެއަރޕާސަން (ޕާޓީ ރަޖިސްޓްރީ ކުރި ފަހުން އެންމެ ފުރަތަމަ މި މަޤާމު ފުރުއްވީ ނަޝީދެވެ.)
  • 2008: އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް (އެމްޑީޕީގެ ފުރަތަމަ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރައްވައި، ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވިއެވެ. މިއާއި އެކު ޕާޓީގެ އެންމެ އިސްފަރާތަކީ ރައީސް ކަމުގައި ހުންނަވާ ފަރާތްކަމަށް ޕާޓީގެ އަސާސީ ގަވާއިދު ބަދަލުކޮށްގެން ހެދިއެވެ.)
  • 2013: އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް (ވާދަވެރިއަކާ ނުލައި ޕްރައިމަރީ ކާމިޔާބު ކުރެއްވިއެވެ.)
  • 2014 – 2023: ޕާޓީގެ ރައީސް (މި މުއްދަތުގައި ނަޝީދު ހުންނެވީ ޕާޓީގެ އެންމެ މަތީ މަޤާމު ކަމަށްވާ "ޕާޓީގެ ރައީސް" ގެ މަޤާމުގައެވެ.)

ޖޫން 2023 ގައި ނަޝީދު ވަނީ އެމްޑީޕީން ވަކިވެވަޑައިގެން ދާދި ފަހުން ޕާޓީއާއި ވަނީ ގުޅިވަޑައިގެންފައިވެއެވެ.

ނިންމުން: އެމްޑީޕީގެ ކުރިމަގު

އެމްޑީޕީއަށް މިއަދު ބޭނުންވަނީ ހަމައެކަނި "ގޮނޑި ފުރާނެ" މީހެއް ނޫނެވެ. އަދި ކުރީގެ މުސްކުޅި ޚިޔާލުތަކެއްވެސް ނޫނެވެ. ވަކި ބަޔަކަށް ވަކި ގޮތަކަށް އަމަލުކޮށް މީހުން އެކަހެރިކުރާ ބައެއް ވެސް ނޫނެވެ. ބޭނުންވަނީ ޕާޓީގެ ބިންގާ އަލުން ވަރުގަދަކޮށް، ޒުވާނުންނާއި އާންމު މެންބަރުންގެ އިތުބާރު ހޯދައިދޭނެ ލީޑަރެކެވެ. މީކާއީލް އަޙްމަދު ނަސީމަކީ އެ ކަންކަމަށް ބޭނުންވާ ހުރިހާ ޝަރުޠެއް ފުރިހަމަވާ ކެންޑިޑޭޓެވެ.

އެމްޑީޕީއަށް ޗެއަރޕާސަން އަކު ހޮވާއިރު، މިއީ ޕާޓީގެ މުސްތަޤްބަލާ މެދު ވިސްނައި، އައު އުންމީދަކާ އެކު ކުރިއަށް ދާންވީ ވަގުތެވެ. އެމްޑީޕީގެ އިސްލާޙީ ރޫޙު ދިރުވައި، 2028 އަށް ޕާޓީ ތައްޔާރުކުރުމަށް މީކާއީލް ނަސީމަށް ތާއީދުކުރުމަކީ ޕާޓީގެ ޢާންމު މެންބަރުންނަށް އެޅޭނެ އެންމެ ހެޔޮ ފިޔަވަޅެވެ.

ޚިޔާލު ފާޅުކުރައްވާ