ދިވެހި ޤައުމުގެ ވެރިކަމުގެ ނިޒާމު ވަކި މީހަކު ވެރިކަމުގައި ބެހެއްޓުމަށް، ނުވަތަ ވަކި މީހަކު ވެރިކަމަށް ގެނައުމަށްޓަކައި އެ ނިޒާމު ބަދަލު ކުރަން ބޭނުން ނުވާކަން %70 މީހުންގެ ވޯޓުން އެވަނީ ބުނެފައެވެ. އެ ނޫނެކޭ ބުނެފައިވަނީ ވެރިކަމުގެ ނިޒާމަކީ ވެރިކަމުގައި އުމުރަށް ހުންނަން ހެޔޮ ވަރުކޮށް އެއްވެސް މީހަކަށް ފަހަން ޖެހޭ ކޯޓެއް ނޫންކަން ރައްޔިތުންނަށް ޤަބޫލު ކުރެވޭތީއެވެ.
މުއިއްޒު ނިޒާމީ ބަދަލެއް ގެންނަން ވޯޓަށް އެހީ ރައްޔިތަކު އެދިގެނެއް ނޫނެވެ. ނަޝީދާއި ފައްޔާޒު ވެރިކަމުގެ ނިޒާމު ބަދަލުކުރަން އުޅެނީ އަމިއްލަ އަށެވެ. އެކަމަށް އެދުނު އެކަން ބޭނުންވި ރައްޔިތަކު ވެސް ނެތެވެ.
މުއިއްޒު ބޭނުންވީ ދެ އިންތިޚާބު އެއްފަހަރާ ބާއްވާ ނިޒާމަކަށް ޤައުމު ބަދަލުކޮށް ވެރިކަމުގައި ވިއްސަކަށް އަހަރު ހުރުމަށެވެ. ރައީސް ނަޝީދުވެސް ބޭނުންފުޅުވަނީ ރައްޔިތުންގެ ތާޢީދާއި އެކު ވެރިކަމަށް އައުމުގެ ފުރުޞަތު ނެތުމުން، ވެރިކަމުގައި އޮންނަ އިރު ވެރިކަން ކުރާ ޕާޓީއަށް މަޖިލީސް ލިބޭތީ އޭގެ ތެރެއިން ބޮޑު ވަޒީރުކަމަށް އައުމަށެވެ. މިހާރުވެސް ހަމަ އެ ފޯމިޔުލާގެ ދަށުން އެފަދަ އެހެން އިންތިޚާބެއް ބާއްވައިގެން ހަމަ ވެރިކަމުުގެ ބާރުތައް ނެގުމެވެ. އެހެން ނަމެއްގައި ހަމަ ބޮޑުވަޒީރުކަން ހޯދުމެވެ.
ރައީސް ނަޝީދު ހުންނެވީކީ އެމްޑީޕީގެ ވެރިކަމެއް ފެށެންދެން އެކަން ލަސްކުރާ ގޮތަކަށްވެސް ނޫނެވެ. ރައީސް ނަޝީދު ބޭނުންފުޅުވަނީ މިހާރުން މިހާރަށް ވެރިކަމަށް ވަޑައިގަންނަވާށެވެ. އެކަމާއި މެދު ޕީއެންސީއިން ދެކޭ ގޮތެއްވެސް ބެއްލެވުމެއް ނެތެވެ. އިއްޔެ އުފެއްދި ބޮޑުބަދަލުގައި އޮތީ މުއިއްޒު އަރިހަށް ނަޝީދު ވަޑައިގެން ރައީސް ނަޝީދު ހިމަނައިގެން އަލުން އިންޓަރިމް ސަރުކާރެއް އެކުލަވާލަން ގޮވާލުމެވެ. މުއިއްޒަށް ރިފަރަންޑަމްގައި %70 ނޫނެކޭ ބުނެފައިވަނިކޮށް މުއިއްޒު ލައްވައި އެފަދަ އިތުރު ނިޒާމީ ރިފަރަންޑަމަކަށް ގޮސް ރައީސް ނަޝީދު ހުންނަވާނެ ވެރިކަމުގެ މަގާމެއް ދައުލަތުގައި އުފެއްދުމަށެވެ. އޭގެ ފަހުގައި އެ މަޤާމުން ވަޑައިގަތުމެވެ. އަޖައިބެކެވެ.
އިއްޔެ ބޭއްވި ޕްރެސް އިން އެނގިގެން ދިޔައީ މި މަޤާމަށް ބޮޑު ވަޒީރު ނުކިޔަސް އެންމެ ރަނގަޅު ކަމެވެ. ބޭނުން ނަމެއް ކިޔަން ވިދާޅުވިއެވެ. ތިބީ ބަރުލަމާނީ ކިޔަން ނިކަން ލަދުންނެވެ. އެހާމެ ބިރުންނެވެ. ދިވެހި ޖުމްހޫރިއްޔާ އުވާލައި ފަރީދު ރަސްކަމަށް ގެނައިހެން ރައީސް ނަޝީދު ރަސްކަލަކަށް އިސްކުރަން އުޅުއްވަނީހެންވެސް ބައެއް ފަހަރު ހީވިއެވެ.
ރައީސް ނަޝީދާއި ފައްޔާޒަކީ އިނދެ ވެރިކަމުގެ އާ ނިޒާމުތައް ވިހައި ދުނިޔޭގެ ދައުލަތްތައް އެ ނިޒާމުތަކަށް ބަދަލު ކުރާ ވަރުގެ މޮޅު ބައެއް ނޫނެވެ. ފަހާ ފޮށީކައިރީ އިނދެ ތިމަންނާއަށް ހެޔޮވަރު ކޯޓެއް ފަހާހެން މުޅި ވެރިކަމުގެ ނިޒާމު ތިމަންނާއަށް ވެރިކަމަށް އާދެވޭހެން ކޮށައި ހެޔޮވަރު ކުރަން މި ވިސްނަނީ ރައްޔިތުންނާއި މެދު ހަމަ އެއްވެސް ވަރަކަށް ވިސްނުމެއް ނެތީމައެވެ. ރައްޔިތުންގެ ވެރިކަމަކަށް އެއްވެސް ޖާގައެއްވެސް ދޭން ބޭނުން ނުވާތީއެވެ. މުއިއްޒު އާއި، ނަޝީދު އާއި ފައްޔާޒާއި އޮތީ ކޮންތަފާތެއް ތޯއެވެ؟ މުއިއްޒުވެސް، ނަޝީދުވެސް ފައްޔާޒުވެސް ރާއްޖޭގެ ރައީސް ކަމަށް އަންނަން ތިހާ ބޭނުމިއްޔާ ވެރިކަމަށް ހެޔޮކޮށް ކުރިމަތި ލާށެވެ. ވެރިކަން ރައްޔިތުން އަތުން ފޭރެން ނިޒާމަށް މުއިއްޒު ގެންނަން އުޅުނު ބޮޑުބަދަލު ގެންނަން އެކަކަށްވެސް އެއްވެސް ރައްޔިތަކު ޖާގަ ނުދޭނެ ކަން %70 ރައްޔިތުން އެވަނީ ކެރިގެން ނުކުމެ ބުނެފައެވެ. އެއަކުން ނަޝީދެއް އަމުދުން އިސްތިސްނާއެއް ނުވެއެވެ. ނަޝީދު ވެރިކަމަށް ގެންނަން ފަހަން އުޅޭ ބަރުލާމާނީ ކޯޓަށް %95 ނޫނެކޭ ބުނާނެއެވެ. ރައްޔިތުންގެ ވެރިކަމަކަށް ފުރުޞަތު ދެއްވައި ނިޒާމު ބަދަލުކޮށްގެން ވެރިކަން ފޭރުމުގެ ފިކުރު ހުއްޓާލަން ޖެހެއެވެ. އެ ފިކުރެއް ނުދިރޭނެއެވެ.