މީކާއީލާ ވާދަކުރަން ގައުމުގެ ރައީސްކަން ކުރެއްވި ބޭފުޅަކު ނުކުންނެވުން: މިއީ ލަދުވެތި، ހުތުރު ކަމެއް!

މީކާއީލާ ވާދަކުރަން ގައުމުގެ ރައީސްކަން ކުރެއްވި ބޭފުޅަކު ނުކުންނެވުން: މިއީ ލަދުވެތި، ހުތުރު ކަމެއް!

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ޒުވާން މެމްބަރު މީކާއީލް އަހުމަދު ނަސީމް ކުރިމަތިލައްވައި، ޕާޓީގެ ލީޑަޝިޕް އާ ޖީލަކަށް ދޫކޮށްލުމަށް ގޮވާލައްވާފައި ވަނިކޮށް، ކުރީގެ ރައީސް މުހައްމަދު ނަޝީދު އެ މަގާމަށް ވާދަކުރައްވަން ނިންމެވުމަކީ އެމްޑީޕީގެ ގިނަ މެމްބަރުންނަށް ސިހުން ގެނުވި ކަމެކެވެ. ގައުމުގެ ރައީސްކަމާއި ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ކުރައްވާފައި ހުންނެވި ބޭފުޅަކު، ޕާޓީގެ އެތެރޭގެ އިންތިހާބެއްގައި ޒުވާން ލީޑަރަކާ ވާދައަށް ނުކުންނެވުމަކީ ސިޔާސީ ގޮތުން ހުތުރު، އަދި އެހާމެ ލަދުވެތި އަމަލެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ސިފަކުރަމުންނެވެ.

އިތުބާރާއި އާ ފެށުމެއްގެ އުންމީދު

މި މަހުގެ 8 ވަނަ ދުވަހު މީކާއީލް އާންމުކުރެއްވި ވީޑިއޯ މެސެޖަކީ ޕާޓީގެ މުސްތަގުބަލާ މެދު އުންމީދު އާކޮށްދިން މެސެޖެކެވެ. އޭނާ ވިދާޅުވީ:

"ހަގީގަތުގައި ވެސް ތިޔަ ބޭފުޅުންނާ އެކު ވީ ހާލެއްގައި ވާން އަޅުގަނޑު ދެމިހުންނާނަން. އިތުބާރާ އެކު އިތުބާރަށް ވޯޓު ދެއްވާ."

މީކާއީލްގެ މި ގޮވާލުމަކީ އަމިއްލަ އެދުމެއް އޮތް ވާހަކައެއް ނޫނެވެ. އެއީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރުމަށްޓަކައި، ގެއްލިފައިވާ ރައްޔިތުންގެ އިތުބާރު ހޯދުމަށް ޕާޓީގެ ހިންގުން "އާ މޫނުތަކަކަށް" ދޫކޮށްލަން ޖެހޭ ކަމުގެ އިހުލާސްތެރި އާދޭހެކެވެ. ނަމަވެސް އެ އާދޭހުގެ ޖަވާބަކަށް ނަޝީދާއި ފައްޔާޒު ދެއްވީ ހުދު އެމަނިކުފާނު އިންތިހާބަށް ނުކުންނަވާނެ ކަމުގެ އިއުލާނެވެ.

ނަޝީދުގެ "ބޮޑު ބަދަލު": ބާރުގެ ދަހިވެތިކަން؟

ކުރީގެ މިނިސްޓަރު ފައްޔާޒު އިސްމާއިލާ އެކު ނަޝީދު ނުކުންނެވީ "ބޮޑު ބަދަލު" ގެ ނަމުގަ އެވެ. އެކަމަކު މިއީ އާ ވާހަކައެއް ނޫނެވެ. މިއީ އަބަދުވެސް ނަޝީދު ދައްކަވާ، ވެރިކަމުގެ ނިޒާމު ބަދަލުކުރުމުގެ ބާ މުސްކުޅި ލަވައެވެ. ދައުލަތުގެ ވެރިޔާ އާއި ސަރުކާރުގެ ވެރިޔާ ވަކިކޮށް، ފައްޔާޒަށް ސަރުކާރު ހަވާލުކޮށްފައި އަމިއްލަފުޅަށް "ދައުލަތުގެ ވެރިޔާ" ގެ ގޮނޑިއަށް ވަޑައިގަތުމުގެ ހުވަފެނެވެ.

ސިޔާސީ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ސުވާލު އުފައްދަނީ، ގައުމުގެ އެންމެ މަތީ ދެ މަގާމު ފުރުއްވާފައިވާ ބޭފުޅަކު، 32 އަހަރުގެ ޒުވާނަކާ ޕާޓީގެ ގޮނޑިއަކަށް ވާދަކުރައްވަން ޖެހިވަޑައިގަތީ ކީއްވެގެންތޯ އެވެ؟ މިއީ ޒުވާނުންނަށް ޖާގަ ދިނުމުގެ ބަދަލުގައި، ޕާޓީގެ ކޮންޓްރޯލް އަތުން ދޫނުކުރަން ކުރައްވާ "ހުތުރު" މަސައްކަތެއް ނޫންތޯ އެވެ؟

މިއީ ހެޔޮބަދަލާއި ތަޅާ ބޮޑުބަދަލު

މި ބަދަލަކީ ހަމައެކަނި މޫނުތަކެއް ބަދަލުވުމެއް ނޫނެވެ؛ މިއީ ސިޔާސީ އިލްމުވެރިޔާ ސެމިއުލް ހަންޓިންގްޓަން ފާހަގަކުރައްވާ ފަދައިން، ޕާޓީއެއް "ލީޑަރުގެ މުށުތެރޭ އޮންނަ. ހަރަކާތަކުން" ހަރުދަނާ "ޑިމޮކްރެޓިކް މުއައްސަސާއަކަށް" ބަދަލުވުމަށް ކޮންމެހެން ބޭނުންތެރި މަރުހަލާއެކެވެ ނުވަތަ އިސްލާހެކެވެ. ރޮބަޓް މިޝޭލްސްގެ "އަޔަން ލޯ އޮފް އޮލިގާކީ" ތިއަރީގައި ބަޔާންކުރާ ފަދައިން، ވަކި ބައެއްގެ މުށުތެރޭގައި ބާރުތައް ބަދަލުނުވެ ހިފެހެއްޓިފައި އޮތުމަކީ ޕާޓީގެ ސިޔާސީ ދިރުން ކަނޑުވާލާ ކަމަކަށް ވާއިރު، މީކާއީލް ފަދަ އާ ޖީލެއްގެ ލީޑަޝިޕަކަށް އިތުބާރުކުރުމަކީ ޕާޓީގެ "އެލީޓް ސާކިއުލޭޝަން" ނުވަތަ ވެރިކަމުގެ ފަށަލަ އާވެ، އާ ހަކަތައަކާ އެކު ނުކުތުމަށް އޮތް ހަމައެކަނި އިލްމީ އަދި ސިޔާސީ ހައްލެވެ. މިކަމަށް ފުރުޞަތު ދިނުމަށް ނަޝީދު ފަހަތަށް ޖެހެން ޖެހެއެވެ. ފަހަތަށް ނުޖެހި ހުރަސް އެޅިއަސް މިއީ އަންނާނެ ބަދަލެކެވެ. މިއީ ހިނގާނެ ކަމެކެވެ. މިއީ ސިޔާސީ މުއައްސަސާތައް (ޕާޓީ)ތައް ދުނިޔޭގެ ކަންކޮޅުތަކުގައި ޑިމޮކްރަސީއަށް ވާސިލްވެފައިވާ މަގެވެ. ޑިމޮކްރެޓިކް މި ތޮބީއީ ބަދަލަށް ހުރަސް އަޅަމުން ދަނީ ނަޝީދު އާއި ފައްޔާޒުއެވެ.

މީކާއީލް: ގުރުބާނީގެ ހަގީގީ ރަމްޒު

މީކާއީލް އަކީ އެމްޑީޕީގެ ފިކުރުގައި ދެމިހުރި، ޕާޓީއަށްޓަކައި ގުރުބާންވި ޒުވާނެކެވެ.

  • 2012 ފެބްރުއަރީ 7: ނަޝީދުގެ ވެރިކަން ވެއްޓުމާ ގުޅިގެން، އުމުރުން އެންމެ 18 އަހަރުގައި މުޒާހަރާގެ ޕޯޑިއަމަށް އެރުމުން ސްކޫލުން ވަކިކުރި އެވެ.
  • ވަފާތެރިކަން: ޕާޓީގެ އެތެރޭގެ ކޯޅުންތަކުގައި ވަކި ފެކްޝަނަކަށް ނުގޮސް، އޭނާ ހުރީ ޕާޓީގެ އާންމު މެމްބަރުންގެ ފަޅީގަ އެވެ.
  • ކާމިޔާބީ: ދެ ފަހަރެއްގެ މަތިން މަޖިލިސް ގޮނޑި ކާމިޔާބުކޮށް، އޭނާ ވަނީ ރައްޔިތުންގެ އިތުބާރު އޮތްކަން ސާބިތުކޮށްދީފަ އެވެ.

މިފަދަ ގުރުބާނީއެއް ވެފައިވާ ޒުވާނަކު، ޕާޓީ އިސްލާހުކުރަން ނުކުތުމުން، ހިތްވަރުކޮށް ސިޔާސީ ދާއިރާއަށް ނުކުތް ޒުވާނާ ފިތާލުމަކީ ނަޝީދު ކުރައްވާނެ އެންމެ ދަށު ދަރަޖައިގެ އަމަލެވެ.

ޖީލީ ހަނގުރާމައަކަށް މަގުފަހިވުން

ނަޝީދުގެ މި ނިންމެވުމާ އެކު، އެމްޑީޕީގެ އެތެރޭގެ އިންތިހާބު މިވަނީ ނަޝީދު ބާރު ބޭނުންވެގެން ހިންގާ ބޮޑު ކޯޅުންގަނޑަކަށް ވެފައެވެ. މީކާއީލްއަށް ތާއީދުކުރާ ފަރާތްތަކުން ބުނަނީ، ރައީސް ނަޝީދު ޒުވާނުން ކުރިއަށް ނެރުމުގެ ވާހަކައާއި ޑިމޮކްރަސީގެ ވާހަކަ ދައްކަނީ އަމިއްލަ ފައިދާއަށް ކަމެވެ.

ކުރީގެ ރައީސް ނަޝީދު މި އިންތިހާބަށް ނުކުންނެވުމަކީ ދައުލަތުގެ މަތީ މަގާމުތައް ފުރުއްވި ބޭފުޅެއްގެ ކިބައިގައި ހުންނަންޖެހޭ ގަދަރާއި ކަރާމާތް ގެއްލިގެންދާ ކަމެކެވެ. މިއީ ޒުވާނުންގެ ފުރުސަތުތަކަށް ހުރަސްއަޅައި، އަމިއްލަ އެދުން އިސްކުރުމުގެ ހިތްދަތި މިސާލެކެވެ.

ޒުވާން ލީޑަރަކާ ވާދަކުރަން ގައުމުގެ ރައީސްކަން ކުރެއްވި ބޭފުޅަކު ނުކުންނެވުމަކީ، ހަމަ ހަގީގަތުގައި ވެސް ލަދުވެތި، ހުތުރު ކަމެކެވެ!

2 ޚިޔާލު

  1. ދީނީ ގޮތުންނާ ދުނިޔަވީ ގޮތުން ބެއްޔަސް ސިޔާސީ ކަންކަމުގައި ވާދަކުރުމަކީ ހުތުރު ކަމެއްނޫން.

ޚިޔާލު ފާޅުކުރައްވާ