ސިޔާސީ ގޮތުން ނުތަނަވަސްކަން ބޮޑުވެފައިވާ މި ދަނޑިވަޅުގައި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އާއިލީ ވަކީލު އަދި ކުރީގެ ބަންޑާރަނައިބު އާޒިމާ ޝަކޫރު ސުޕްރީމް ކޯޓަށް ވަޑައިގެންފިއެވެ. އާޒިމާ ވިދާޅުވި ގޮތުގައި އެ ކޯޓަށް ވަޑައިގަތީ އޭނާގެ މުވައްކިލެއްގެ ގޮތުގައި ހިމެނޭ ދެ ކުއްޖެއްގެ ރަޖިސްޓްރީއާ ގުޅޭ މައްސަލައެއްގައި ކުރިން ހަމަޖެހިފައިވާ އެޕޮއިންޓްމަންޓަކަށެވެ. މީގެ ކުރިން އާޒިމާގެ މައްޗަށް އުފުލި ޖިނާއީ ދައުވާތައް ޕީޖީ އޮފީހުން އަނބުރާ ގެންގޮސްފައިވާއިރު، އޭނާ މިހާރު ގެންދަވަނީ ރައީސްގެ އަނބިކަނބަލުންގެ ގާނޫނީ ކަންކަމުގައި ވެސް އިސް ދައުރެއް އަދާކުރައްވަމުންނެވެ.
ގިނަބަޔަކު ގަބޫލު ކުރާގޮތުގައި އޭނާ ދަނީ ނޫސްތަކަށް ޖިނާޢީ ފިޔަވަޅު އެޅުމަށް މުއިއްޒަށް ލަފާ ދެމުންނެވެ. އާޒިމާ ޝުކޫރަކީ ޕީޕީއެމް ޕީއެންސީ ކޮންމެ ވެރިކަމެއްގައި ރައްޔިތުންނަށް އަނިޔާވެރި ވުމަށް އޭރުގެ އޮންނަ ސަރުކާރަކަށް ލަފާދޭ ރޯލެއް އަދާކޮށްދޭ ފަރާތެއް ކަމަށް ފާހަގަ ވެފައިވާ ފަރާތެކެވެ. އާޒިމާ އަކީ އާންމު ރައްޔިތުން ތެރޭ އިންތިހާއަށް މަގުބޫލުކަން ކުޑަ ފަރާތެކެވެ.
ރައީސް މުއިއްޒުގެ މައްޗަށް ކުރެވޭ ޖިންސީ ގޯނާގެ ތުހުމަތުތަކެއްގެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ދަނޑިވަޅެއްގައި، ހޯމް މިނިސްޓަރު އަލީ އިހުސާން އާއި ޕޮލިސް ކޮމިޝަނަރު އަހުމަދު މުހައްމަދު (ޓޫފޯ) ރައީސް ދިރިއުޅުއްވާ މުލީއާގެއަށް ވަޑައިގެންފިއެވެ. މައުލޫމާތު ލިބޭ ގޮތުގައި މި ބައްދަލުވުމަކީ މީޑިއާތަކުގައި ފެތުރުނު ޑޮކިއުމެންޓަރީއަކާ ގުޅިގެން ރައީސްގެ އަމުރުފުޅަށް ފަށާފައިވާ ތަހުގީގާ ގުޅޭ މަޝްވަރާތަކެއް ކުރުމަށް ކުރެއްވި ޒިޔާރަތެކެވެ.
މީގެ އިތުރުން، ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ އިމާރާތްތައް، ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ސުޖާއުގެ އަމިއްލަ ކުންފުންޏެއް ކަމަށްވާ “އޮފިޝަލް އިވެންޓްސް” ގެ މުދާ ގުދަން ކުރުމަށް ބޭނުންކުރަމުންދާ މައްސަލައެއް ފެންމަތިވެފައިވާއިރު، އެމްޑީޕީގެ އެތެރޭގެ މަޝްވަރާތަކުގައި އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވަނީ ޕާޓީއަށް ލިބުނު ގެއްލުންތަކާ ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ. ފައްޔާޒު ވިދާޅުވީ މިހާރުގެ އަމާޒަކީ ޒާތީ ބަދަލުހިފުމުގެ ބަދަލުގައި، ޕާޓީ ވަރުގަދަކޮށް ގައުމުގެ ކަންކަން އަނބުރާ ހޯދުން ކަމަށެވެ.