ނާޒިމް ސައްތާރަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލައިފި

މާލޭގެ މަގުތަކުގެ އަމާންކަން ގެއްލިފައިވަނިކޮށް، މަޝްހޫރު ޤާނޫނީ ވަކީލް ނާޒިމް ސައްތާރަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލައިފި. ހާދިސާއާ ގުޅޭ އިތުރު ތަފްސީލުތައް ފުލުހުން ހާމަނުކުރަނީ.

ނާޒިމް ސައްތާރަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލައިފި

މާލޭގެ މަގުތަކުގެ އަމާންކަން ގެއްލި، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި ސަރުކާރު ފެއިލްވެފައިވާ ކަމުގެ ކަންބޮޑުވުންތައް އިތުރުވެފައިވަނިކޮށް، މަޝްހޫރު ޤާނޫނީ ވަކީލް ނާޒިމް ސައްތާރަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލައިފިއެވެ. މައުލޫމާތު ލިބޭ ގޮތުގައި މި ހަމަލާ ދީފައިވަނީ ހުކުރު ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުން ބުނެފައިވަނީ، މާލޭގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމުގެ މައުލޫމާތު ރޭ ދަންވަރު 12:00 ހާއިރު ލިބިފައިވާ ކަމަށެވެ. ހަމަލާގެ ޝިކާރައަކަށްވީ 49 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި، އޭނާއަށް މިހާރު އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. ނަމަވެސް، މި ހަމަލާ ދިން ސަރަހައްދާއި އެކަމުގެ އިތުރު ތަފްސީލުތައް ހާމަކުރުމަށް ފުލުހުން އަދި ފަސްޖެހެމުންދާކަން ފާހަގަކުރެވެއެވެ.

ވެރިރަށް މާލޭގެ މަގުތަކަކީ މިހާރަކަށް އައިސް ކުށްކުރުން އިތުރުވެ، ރައްޔިތުންނަށް ރައްކާތެރިކަމާއެކު އުޅެވޭނެ މާހައުލެއް ނޫންކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. ސަރުކާރުން ރައްޔިތުންގެ ސަލާމަތަށް އިސްކަން ނުދީ، ކުށްކުރާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގައި ލަސްތަކެއް ހުރިކަމަށް ތުހުމަތުކުރެވޭ މި ދަނޑިވަޅުގައި، މިފަދަ ނުރައްކާތެރި ހަމަލާއެއް ދިނުމަކީ ސަރުކާރުގެ ބަލިކަށިކަން ހާމަވާ ކަމެއްކަމަށް ސިޔާސީ ފަރާތްތަކުން ދެކެއެވެ. މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށް ބުނި ނަމަވެސް، މިފަދަ މައްސަލަތަކުގައި އިންސާފު ހޯދައިދިނުމުގައި ކަމާބެހޭ މުއައްސަސާތައް ފެއިލްވަމުންދާކަމުގެ ޝަކުވާ ވަނީ ބޮޑުވެފައެވެ.

ޚިޔާލު ފާޅުކުރައްވާ