ވޯޓަށް ފަހު މަޑުއްވަރީގެ ތަރައްގީގެ މަޝްރޫއުތައް ހުއްޓުމަކަށް: ސިޔާސީ ބޭނުމަށް މުވައްޒަފުން ނެގި ނަމަވެސް، މަސައްކަތް ހުއްޓިފައި!

ރ. މަޑުއްވަރީގެ މަޝްރޫއުތައް މުޅިން ހުއްޓި، ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް! މަސައްކަތެއް ނުކުރެވޭ ހާލަތުގައި ތިބެ، ސިޔާސީ ބޭނުމަށް ނެގި މުވައްޒަފުންނަށް ދައުލަތުން ބަރާބަރަށް މުސާރަދެނީ.

ވޯޓަށް ފަހު މަޑުއްވަރީގެ ތަރައްގީގެ މަޝްރޫއުތައް ހުއްޓުމަކަށް: ސިޔާސީ ބޭނުމަށް މުވައްޒަފުން ނެގި ނަމަވެސް، މަސައްކަތް ހުއްޓިފައި!

ރ. މަޑުއްވަރީގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ އާރްޑީސީ އަދި އެމްޓީސީސީގެ މަޝްރޫއުތައް މުޅިން ހުއްޓި، އެ ރަށު ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް ބޮޑުވެއްޖެއެވެ. މައުލޫމާތު ލިބޭ ގޮތުގައި، މި ދެ ސައިޓުގެ މަސައްކަތް ވެސް ހުއްޓިފައިވަނީ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ބޭނުންވާ އެކަށީގެންވާ ސާމާނާއި އާލަތްތައް ނެތުމުގެ ސަބަބުންނެވެ. ހާއްސަކޮށް، އާރްޑީސީ ސައިޓުގެ މަސައްކަތް ނުފެށި ދެ މަހަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، އެމްޓީސީސީ ސައިޓުގައި ބޭނުންކުރަމުން ދަނީވެސް ވަރަށް ދުވަސްވީ ބާ އާލަތްތައް ކަމަށް ރަށު ރައްޔިތުން ބުނެއެވެ.

މި މަޝްރޫއުތަކުގެ ހާލަތު މިހެން ހުރި ނަމަވެސް، ނިމިދިޔަ އިންތިޚާބާ ދިމާކޮށް ސިޔާސީ ބޭނުންތަކަށްޓަކައި ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާތަކަށް ނަގާފައިވާކަން ފާހަގަކުރެވެއެވެ. މަސައްކަތެއް ނުކުރެވޭ ހާލަތުގައި، އެ މުވައްޒަފުންނަށް ދައުލަތުގެ ބަޖެޓުން ބަރާބަރަށް މުސާރަ ދެމުން ގެންދިއުމަކީ ރައްޔިތުންގެ ބޮޑު ކަންބޮޑުވުމެކެވެ. ދާއިރާގެ މެމްބަރު މެދުވެރިކޮށް ޕީއެންސީގެ ފަރާތުން މަސައްކަތްތައް އަލުން ފެށޭތޯ މަސައްކަތްތަކެއް ކުރި ނަމަވެސް، ބޭނުންވާ ސާމާނު ނެތުމުގެ ސަބަބުން އެކަން ވެސް އޮތީ ބޮޑު ގޮންޖެހުމަކަށް ވެފައެވެ.

ސަރުކާރުން ރައްޔިތުންނަށް ވީ ވައުދުތައް ފުއްދުމުގައި އިހުމާލުވެ، ހަމައެކަނި ވޯޓު ހޯދުމަށްޓަކައި ވަޒީފާގެ ފުރުސަތުތައް އުފައްދައި، މަޝްރޫއުތައް ހުއްޓުވާފައި ބޭއްވުމަކީ ދައުލަތުގެ މާލިއްޔަތަށް ބޮޑު ގެއްލުމެއް ލިބޭ ކަމެއް ކަމަށް ރައްޔިތުން ދެކެއެވެ. އެހެންކަމުން، މި މައްސަލައަށް އަވަސް ހައްލެއް ހޯދައިދީ، މަޝްރޫއުތައް އަލުން ފެށުމަށް ސަރުކާރަށް ގޮވާލާ އަޑުތައް ރަށު ތެރޭގައި ވަނީ ގަދަވެފައެވެ.

ޚިޔާލު ފާޅުކުރައްވާ