ރާއްޖޭގެ ސިއްހީ ނިޒާމުގައި ހުރި ބޮޑެތި މައްސަލަތަކާއި، ބިދޭސީ މަސައްކަތްތެރިންނަށް ހަމަހަމަކަމާއެކު ސިއްހީ ހިދުމަތް ނުލިބޭ މައްސަލައާ ގުޅިގެން ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެއްޖެއެވެ. އދ. ގެ ސްޕެޝަލް ރެޕަޓުއާ ތަލެންގް މޮފޮކެންގް ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ނެރުއްވި ބަޔާނުގައި، ބިދޭސީންނަށް ދިމާވާ ސިއްހީ ގޮންޖެހުންތަކާއި، ނަފްސާނީ ދުޅަހެޔޮކަމާއި، ގައިންގަޔަށް ނާރާ ބަލިތައް ކޮންޓްރޯލް ކުރުމުގައި މި ސަރުކާރުގެ ސިޔާސަތުތައް ބަލިކަށިކަން ފާހަގަކުރައްވާފައިވެއެވެ. އޭނާ ވިދާޅުވި ގޮތުގައި، ދިވެހި މުޖުތަމައުގެ މުހިންމު ބައެއްގެ ގޮތުގައި ތިބި ބިދޭސީންނަށް ހިދުމަތްތައް ލިބުމުގައި ތަފާތުކުރުންތައް ގެންގުޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ.
ސިއްހީ ދާއިރާ ހަރުދަނާކުރުމަށްޓަކައި ޕްރައިމަރީ ހެލްތު ކެއާއަށް އިންވެސްޓްކުރުމަށާއި، މަދަނީ ޖަމިއްޔާތައް ބާރުވެރިކުރުމަށް އޭނާ ގޮވާލެއްވި ނަމަވެސް، މި ސަރުކާރުން މިހާތަނަށް މިކަމަށް އެކަށީގެންވާ އަހައްމިއްޔަތުކަމެއް ދީފައި ނުވާކަން ފާހަގަކުރެވެއެވެ. ހާއްސަކޮށް، ބޭސްފަރުވާގެ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުގެ ވުޒާރާތަކުގެ މެދުގައި އޮންނަންޖެހޭ ގުޅުން ނެތުމުގެ ސަބަބުން ރައްޔިތުންނަށާއި ރާއްޖޭގައި މަސައްކަތްކުރާ ފަރާތްތަކަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. ހިތުގެ ބަލިތަކާއި ކެންސަރު ފަދަ ނުރައްކާތެރި ބަލިތައް އިތުރުވަމުންދާ މި ދަނޑިވަޅުގައި، އެސްޓީއޯ މެދުވެރިކޮށް ބޭހުގެ މައްސަލަތައް ހައްލުކުރުމަށް ކުރަމުންދާ މަސައްކަތްތަކަކީ އަދި ފެށުމެއް ކަމުގައި ވިޔަސް، އެކަންކަން ހަރުދަނާކުރުމަށް ސަރުކާރުގެ ސިޔާސީ އިސްނެގުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށް މައުލޫމާތު ލިބެއެވެ.
މީގެ އިތުރުން، ޖިންސީ އަދި ދަރިމައިވުމުގެ ސިއްހަތާ ގުޅޭ ހައްގުތައް ކަށަވަރުކުރުމާއި، ނަފްސާނީ ދުޅަހެޔޮކަމަށް ހާއްސަ ނަރުހުންނާއި ޑޮކްޓަރުންގެ އަދަދު އިތުރުކުރުމަށް އދ. ގެ އެކްސްޕާޓް ވަނީ ބާރުއަޅުއްވާފައެވެ. ބޯހިޔާވަހިކަމާއި ކާނާގެ ރައްކާތެރިކަމަކީ ސިއްހީ ދުޅަހެޔޮކަމާ ސީދާ ގުޅުންހުރި ކަންކަން ކަމުގައިވީއިރު، މި ކަންކަން މޮނިޓަރކޮށް ކުރިއަށް އޮތްތަނުގައި ދެމެހެއްޓެނިވި ނިޒާމެއް ގާއިމުކުރުމަށް ސަރުކާރުގެ ވުޒާރާތަކުން ޒިންމާދާރުކަމާއެކު މަސައްކަތްކުރުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.