ސަރުކާރުން ތަކުރާރުކޮށް ދެމުން އައި ތާރީހުތަކަށް ގިރާވަރުފަޅު ހިއްކައި ނުނިމޭނެކަން ކަށަވަރުވެ، އެ މަޝްރޫއު އަނެއްކާވެސް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިއްޖެ އެވެ. ކުރީގެ ސަރުކާރުން ފެށި މި މަޝްރޫއުގެ ބާކީ ބައި މި މަހުގެ 31 ގެ ނިޔަލަށް ނިންމާނެ ކަމަށް ސަރުކާރުން ބުނެފައިވީ ނަމަވެސް، މަސައްކަތް ކުރަމުން ދިޔަ ބޮސްކާލިސްގެ ތިން ޑްރެޖަރު ވެސް މިހާރު ރާއްޖެއިން ފުރައިފި އެވެ. މައުލޫމާތު ލިބޭ ގޮތުގައި އެ ޑްރެޖަރުތައް ފުރައިގެން ދިޔައީ މިހާލަތުގައި މަސައްކަތް ކުރިއަށް ގެންދެވޭނެ ގޮތެއް ނެތުމުން ކަމަށް ދެފަރާތުން އެއްބަސްވުމަކަށް އައުމަށްފަހު އެވެ.
މި މަޝްރޫއު ނިންމުމަށް ސަރުކާރުން މިހާތަނަށް ތިން ފަހަރެއްގެ މަތިން ތާރީހުތައް ދީފައިވެ އެވެ. އެގޮތުން ފެބްރުއަރީ މަހުގެ ނިޔަލަށް ނިންމަން ބުނުމަށްފަހު، އެ ތާރީހު ފަހަނައަޅައި ދިއުމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ އޭޕްރިލް މަހުގެ ނިޔަލަށް މަސައްކަތް ނިންމާނެ ކަމަށް ވިދާޅުވެފަ އެވެ. އެއަށްފަހު، އެޕްރީލް 15 ގައި ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބު ވަނީ މެއި 31 އަށް މުއްދަތު އިތުރުކޮށްފަ އެވެ. މިނިސްޓަރު އޭރު ވިދާޅުވީ 169 ހެކްޓަރުގެ ތެރެއިން 98 ހެކްޓަރު ހިއްކިފައިވާ ކަމަށެވެ.
ސަރުކާރުގެ މި އަމަލުތަކާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާއިރު، ރައްޔިތުންނަށް ވެފައިވާ ބޯހިޔާވަހިކަމުގެ ވައުދުތައް ފުއްދުމުގައި ސަރުކާރު އޮތީ ބޮޑު ހާސްކަމެއްގެ ތެރޭގަ އެވެ. މަޝްރޫއު ހަވާލުކޮށްފައިވާ އެމްއޭސީއެލް މެދުވެރިކޮށް ކުރިއަށް ގެންދާ މި މަސައްކަތް ހުއްޓުމަކަށް އައިސްފައިވާއިރު، ސަރުކާރުގެ އިސްވެރިން ދެމުން އައި ޔަގީންކަންތައްތައް މިވަނީ ފުލުފުލުގައި ފެއިލްވެފަ އެވެ.