ކޮމަންވެލްތާއި ގުޅުމެއް ނެތި، ކޮމަންވެލްތުގެ ނަން ޤާނޫނީ ހަމަތަކުން ބޭރުން ނާޖާއީޒް ގޮތުގައި މާލީ މަންފާއެއް ހާސިލު ކުރުމަށްޓަކައި މީހުންނަށް އޮޅުވާލުމަށް އެނަން ބޭނުންކޮށްގެން ނަޝީދު ބައިވެރިވެގެން ހިންގާ ކްރިޕްޓޯ ޕޮންޒީ ސްކީމް އެމަނިކުފާނު ދިފާޢު ކޮށްފިއެވެ.
ދިވެހިރާއްޖޭގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު އިސްވެ އެޑްވައިޒަރީ ބޯޑުގައި ހުންނަވައި، "ކޮމަންވެލްތު" ގެ ނަމުގައި ހިންގަމުންދާ މި ބްލޮކްޗެއިން މަޝްރޫޢަކީ ބޮޑު އޮޅުވާލުމެއް ކަމަށް ބުނެ ދުނިޔޭގެ މާލީ ތަޙުލީލުކުރާ ފަރާތްތަކުން ވަނީ ބޮޑެތި އިންޒާރުތަކެއް ނެރެފައެވެ. ނަމަވެސް، މި ހުރިހާ ތުހުމަތުތަކެއް ދޮގުކޮށް، މިއީ ރަސްމީ އިދާރީ ހަރަކާތެއްގެ ގޮތުގައި ދެއްކުމަށް ނަޝީދު ވަނީ ބަޔާނެއް ނެރުއްވާފައެވެ.
- "ކޮމަންވެލްތު" ގެ ނަން ނާޖާއިޒު ގޮތުގައި ބޭނުންކުރުން
މި މަޝްރޫޢުގެ އެންމެ ބޮޑު އެއް މައްސަލައަކީ މިއީ ރަސްމީ "ކޮމަންވެލްތު އޮފް ނޭޝަންސް" (Commonwealth of Nations) އާ އެއްވެސް ގުޅުމެއް އޮތް ކަމެއް ނޫންކަމެވެ. މީހުންގެ އިތުބާރު ހޯދުމަށްޓަކައި، 56 ޤައުމާއި 2.7 ބިލިއަން މީހުންގެ މާކެޓެއް އޮތް ކަމަށް ދެއްކުމަކީ އިންވެސްޓަރުން މަޅީގައި ޖެއްސުމަށް ބޭނުންކުރާ އުކުޅެކެވެ. ރަސްމީ އިދާރާތަކުން މިކަމާ ދެކޮޅަށް ވާހަކަ ދައްކާފައިވާއިރު، ނަޝީދު މިކަން ދިފާޢު ކުރައްވަނީ މިއީ ބައިނަލްއަޤްވާމީ ނެޓްވޯކެއް ކަމަށް ދައްކަވައިގެންނެވެ. - ވަންކޮއިން (OneCoin) ސްކޭމާ ހުރި ގުޅުން
މި މަޝްރޫޢުގެ އިސްވެރިއެއްގެ ގޮތުގައި ހުންނެވި ޔޫއޭއީގެ ރޯޔަލް ފެމިލީއަށް ނިސްބަތްވާ ކަމަށް ބުނާ ޝެއިޚް ސައުދު ބިން ފައިސަލް އަލް ޤާސިމީއަކީ، ދުނިޔޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު އެއް ކްރިޕްޓޯ ފްރޯޑް ކަމަށްވާ "ވަންކޮއިން" އާ ސީދާ ގުޅުން އޮތް ބޭފުޅެކެވެ. ބީބީސީ އާއި އެމެރިކާގެ ކޯޓު ރެކޯޑްތަކުން ދައްކާގޮތުގައި، "ކްރިޕްޓޯ ކުއީން" ގެ ނަމުން މަޝްހޫރުވި ރޫޖާ އިގްނަޓޯވާގެ ފައިސާ ދޮވުމާއި، ހުއްޓުވާފައިވާ މުދާތަކުގެ ބާރު ހޯދުމުގައި ޝެއިޚް ސައުދު ވަނީ ބައިވެރިވެފައެވެ. މިފަދަ މާޒީއެއް އޮތް ބަޔަކު އިސްވެ ތިބެ ހިންގާ މަޝްރޫޢެއްގެ ސައްހަކަމާމެދު ސުވާލު އުފެދެއެވެ. - ފަންނީ ގޮތުން ހުރި ނުރައްކާތެރި ސިގްނަލްތައް (Red Flags)
އޮން-ޗެއިން ތަހުލީލުތަކުން ހާމަވާ ގޮތުގައި $CWU ޓޯކަންގެ ސަޕްލައި އޮތީ ބޮޑު އޮޅުވާލުމެއްގެ ތެރޭގައެވެ:
އިންސައިޑަރުންގެ ކޮންޓްރޯލް: ޓޯކަންގެ ގާތްގަނޑަކަށް 73-90 އިންސައްތަ ހިއްސާ އޮތީ އެކަކު އަނެކަކާ ގުޅުންހުރި 195 ވަލެޓެއްގައެވެ. މި ހުރިހާ ވަލެޓެއް ހަދާފައިވަނީ އެއް ސިކުންތެއްގެ ތެރޭގައެވެ. މިއީ ސޮފްޓްވެއަރ ބޭނުންކޮށްގެން، އާންމުންނަށް ނޭނގި ކްރިޕްޓީ ކޮއިންގެ ހުރިހާ ބާރެއް މި ކުންފުނީގެ ވެރިންގެ އަތްމަތީގައި ބޭއްވުމަށް ކޮށްފައިވާ ކަމެކެވެ.
މެނިޕިއުލޭޝަން: ކޮއިންގެ އަގު މައްޗަށް ޖެއްސުމަށްޓަކައި ބޮޓްތައް ބޭނުންކޮށްގެން "ފޭކް" ވިޔަފާރި (wash trading) ހިންގާކަން ވަނީ ފާހަގަކުރެވިފައެވެ.
- ނަޝީދުގެ ބަލިކަށި ދިފާޢު
ނަޝީދު ނެރުއްވި ބަޔާނުގައި ވިދާޅުވަނީ މިއީ "އައިސީއޯ" (ICO) އެއް ނޫން ކަމަށާއި، މިއީ ހަމައެކަނި އިންފްރާސްޓްރަކްޗަރ މަސައްކަތެއް ކަމަށެވެ. ނަމަވެސް، ހަގީގަތަކީ މާކެޓުގައި $CWU ޓޯކަން ވިއްކަމުންދާ ކަމެވެ. އަދި ބޮޑެތި މާލީ އިދާރާތަކުން ބޭނުންކުރާ އުސޫލުތައް (AML/CTF) ފޮލޯކުރާ ކަމަށް ބުނި ނަމަވެސް، މި މަޝްރޫޢުގެ ދެފުށް ފެންނަ އެއްވެސް ހެއްކެއް މިހާތަނަށް ދެއްކިފައެއް ނުވެއެވެ.
ނިންމުން: މިއީ ސީދާ ޕޮންޒީ ސްކީމެއް!
ކޮމަންވެލްތުގެ ނަން ބޭނުންކޮށްގެން، މަޝްހޫރު ސިޔާސީ މީހުންގެ މޫނު ދައްކައިގެން ހިންގާ މި ހަރަކާތަކީ ކްރިޕްޓޯ ދުނިޔޭގައި "ރުގް-ޕުލް" (Rug Pull) އެއްގެ ގޮތުގައި ބެލެވޭ ހުރިހާ ސިފައެއް ފުރިހަމަވާ ކަމެކެވެ. އިންވެސްޓަރުންގެ ފައިސާ އަތުލުމަށްފަހު، އެކަކު އަނެކަކާ ގުޅުންހުރި ވަލެޓްތަކުން އެ ފައިސާ ހުސްކޮށްލުމުގެ ބިރު އިންތިހާއަށް އެބައޮތެވެ. އެހެންކަމުން، މިއީ އެއްވެސް ރަސްމީ ބެކިންގްއެއް ނެތް، އޮޅުވާލުމުގެ ތެރެއިން ހިންގާ ނުރައްކާތެރި ސްކޭމެއްކަން ކަށަވަރެވެ.