ކްރިމިނަލް ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ބުނެ 10 ދުވަހުގެ މުއްދަތަކަށް ޖަލަށްލީ ނޫސްވެރިޔާ ލީވާން އަލީ ނާސިރު، ބަންދުގެ މުއްދަތު ހަމަވުމާ ގުޅިގެން ހުކުރު ދުވަހު މިނިވަންކޮށްފި އެވެ. ޖަލުން މިނިވަންވެ ނުކުތް ލީވާން ވަނީ މި ސަރުކާރުން ނޫސްވެރިންގެ ދޫތައް ބަންދުކުރުމަށް އަޅަމުންދާ ފިޔަވަޅުތަކާއި، ނޫސްވެރިކަމުގެ މިނިވަންކަން ހަނިކޮށްފައިވާ މިންވަރާމެދު ހަރުކަށި އިބާރާތުން ފާޑުކިޔާފަ އެވެ. ޚަބަރެއް ލިޔެގެން ނުވަތަ ސުވާލެއް ކޮށްގެން ނޫސްވެރިން ޖަލަށް ދާންޖެހޭ ހިސާބަށް ކަންކަން ގޮސްފައިވުމަކީ ދިވެހި ޑިމޮކްރަސީއަށް އޮތް ބިރުވެރިކަމެއް ކަމަށް އޭނާ ސިފަކުރި އެވެ.
މި ސަރުކާރުން ވެރިކަމަށް އައިސް ނޫސްވެރިކަން ކޮންޓްރޯލް ކުރުމަށް ފާސްކުރި ބިލުތަކަކީ ސީދާ ނޫސްވެރިންގެ އަޑު ކަނޑުވާލުމަށް ތަންފީޒު ކުރަމުންދާ އުކުޅުތަކެއް ކަމަށް ލީވާން ތުހުމަތުކުރި އެވެ. އަދި މިއަދު ލިޔާ އެއްޗެއްގެ ސަބަބުން ޖަލަށް ނުލާނެ ކަމުގެ ޔަގީންކަމެއް އެއްވެސް ނޫސްވެރިއަކަށް ނެތް ކަމަށް އޭނާ ބުންޏެވެ. މިފަދަ ގޮންޖެހުންތަކާ އެކު ވެސް، ސަރުކާރުގެ ނޭދެވޭ އަމަލުތައް ހާމަކުރުމުގައި ސާބިތުކަމާއެކު ދެމިހުންނާނެ ކަމުގެ ޔަގީންކަން އޭނާ ދިނެވެ. ލީވާންގެ އިތުރުން، ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ސުވާލުކުރި މައްސަލައިގައި ހަމަ އެ ދުވަހު 15 ދުވަހުގެ ޖަލު ހުކުމަކާއި 25،000 ރުފިޔާގެ ޖޫރިމަނާއެއް އެހެން ނޫސްވެރިއަކަށް ވެސް ވަނީ ކޮށްފަ އެވެ.
ޖަލުގެ ހާލަތާ ގުޅޭގޮތުން ލީވާން ވަނީ ބޮޑެތި ކަންބޮޑުވުންތަކެއް ހިއްސާކޮށްފަ އެވެ. މާފުށީ ޖަލުގެ ޔުނިޓްތަކުގެ އިންތިޒާމުތައް ވަރަށް ދެރަ ކަމަށާއި، ގައިދީންނަށް ދޭ ކާބޯތަކެއްޗަކީ އިންސާނުން ކެއުމަށް އެކަށީގެންވާ ތަކެތި ނޫން ކަމަށް އޭނާ ބުންޏެވެ. ފުރަތަމަ ދުވަސްތަކުގައި އެނދެއް ވެސް ނެތި، ބިންމަތީގައި ކުނަލެއް އަޅައިގެން ނިދަން ޖެހުނުއިރު، ޖަލުގެ ޔުނިޓްތަކަކީ އިންސާނީ ކަރާމާތް ހިފެހެއްޓޭ ފަދަ ތަންތަން ނޫން ކަމަށް އޭނާ ފާހަގަކުރި އެވެ.