އަތޮޅުތެރޭގައި ޕާޓީގެ ހަރަކާތްތައް ވަނީ ވަޅުޖެހިފައި، އެކަން ބަދަލު ކުރާނަން: މީކާއީލް

އެމްޑީޕީގެ ހަރަކާތްތައް ރަށްރަށުގައި ވަޅުޖެހިފައި: ޕާޓީގެ އޮނިގަނޑަށް ޒަމާނީ ބަދަލުތަކެއް ގެނެސް، ކައުންސިލަރުންނަށް ގައުމީ މަޖިލީހުން ފުރުސަތު ދޭނެކަމަށް މީކާއީލް ވައުދުވެވަޑައިގެންފި.

އަތޮޅުތެރޭގައި ޕާޓީގެ ހަރަކާތްތައް ވަނީ ވަޅުޖެހިފައި، އެކަން ބަދަލު ކުރާނަން: މީކާއީލް

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ކެމްޕެއިނުގައި އަތޮޅުތަކުގެ މެންބަރުންގެ ފަރާތުން އެންމެ ބޮޑަށް އިވޭ ޝަކުވާއަކީ ރަށްރަށުގައި ޕާޓީގެ ހަރަކާތްތައް ވަޅުޖެހިފައި އޮތުން ކަމަށް، އެ މަގާމަށް ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް ވިދާޅުވެއްޖެ އެވެ. އެމްޑީޕީ ހަރުގޭގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން މީކާއީލް ވިދާޅުވީ، މި މައްސަލައަށް ހައްލު ހޯދައިދިނުމުގެ ގޮތުން ޕާޓީގެ އޮނިގަނޑަށް ޒަމާނީ ބަދަލުތަކެއް ގެންނަވާނެ ކަމަށެވެ. އަދި ރައްޔިތުންނާ އެންމެ ގާތުން މަސައްކަތްކުރާ ކައުންސިލަރުންނާއި ޑަބްލިއުޑީސީ މެންބަރުންނަށް ޕާޓީގެ އެންމެ އިސް ގުނަވަން ކަމަށްވާ ގައުމީ މަޖިލީހުގައި ބަސް ބުނުމުގެ ފުރުސަތު ފަހިކޮށްދެއްވާނެ ކަމަށް އޭނާ ވައުދުވެވަޑައިގަތެވެ.

ޕާޓީގެ އެންމެ އިސް ގުނަވަން ކޮންގްރެސް އިން ވަނީ ރަށްރަށުގައި ޕާޓީގެ ހަރަކާތްތައް ހިންގުމަށް ފައިސާ ދިނުމަށް ބަޖެޓުން ޕަސެންޓެއް ކަނޑައަޅާފައެވެ، ނަމަވެސް ރައީސް ނަޝީދު އާއި އޭގެ ފަހުން އައި ފައްޔާޒުގެ ޗެއަރޕާސަން ކަމުގައި އެފައިސާ ނުދީ ސިޔާސީ ބޭނުމަށް މަދަނަ އިބުރޭ ފަދަ މީހުންނަށް ގަވާއިދާއި ޚިލާފަށް އެއިން މުސާރަ ދިނުމަށް ބޭނުން ކުރާ ކަމަށް މައުލޫމާތު ލިބެއެވެ.

މީކާއީލް ފާހަގަކުރެއްވި ގޮތުގައި، ގައުމީ މަޖިލީހުގައި ކައުންސިލަރުންނަށް ފުރުސަތު ދިނުމަށްޓަކައި ކޮންމެ އަތޮޅަކުން ވަކި އަދަދެއްގެ މެންބަރުން ކަނޑައަޅައި، އެ ފަރާތްތަކަށް ނިންމުންތައް ނިންމުމުގައި ބައިވެރިވުމުގެ ބާރު ދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. މީގެ އިތުރުން، ރަށްރަށުގެ ޖަގަހަތައް ހިންގުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދީ، ހަރަކާތްތައް އަލުން ދިރުވުމަށް ހާއްސަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިހާތަނަށް 55 ރަށަކަށް ކެމްޕެއިން ދަތުރުތައް ކުރައްވާފައިވާއިރު، ކުރިއަށް އޮތް ޖޫން 12 ގައި ބާއްވާ ޗެއާޕާސަން އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް މީކާއީލް ވިދާޅުވި އެވެ. މި އިންތިހާބުގައި އޭނާއާ ވާދަކުރައްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެވެ.

ޚިޔާލު ފާޅުކުރައްވާ