ބޭންކުތައް މާކުރިން ބަންދުކޮށް މުސާރަ ދޫކުރުން 31 އަށް ފަސްކޮށް ރައްޔިތުން އީދު ބަންދުގައި ގޭ ބަންދުކޮށްފި

އީދު ބަންދުގެ ކުރިން ސަރުކާރު މުވައްޒަފުންގެ މުސާރަ ޖަމާކޮށްދީފައި ނުވާތީ ބޮޑެތި ޝަކުވާތަކެއް އަމާޒުވެއްޖެ؛ މުސާރަ ލިބޭނީ މި މަހުގެ 28 އަދި 31 ގައި ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި.

ބޭންކުތައް މާކުރިން ބަންދުކޮށް މުސާރަ ދޫކުރުން 31 އަށް ފަސްކޮށް ރައްޔިތުން އީދު ބަންދުގައި ގޭ ބަންދުކޮށްފި

އީދު ބަންދުގެ ކުރިން ސަރުކާރު މުވައްޒަފުންގެ މުސާރަ ޖަމާކޮށްދީފައި ނުވާތީ މުވައްޒަފުންގެ ފަރާތުން ބޮޑެތި ޝަކުވާތަކެއް އަމާޒުވެފައި ވަނިކޮށް، ފިނޭންސް މިނިސްޓްރީން ބުނެފައިވަނީ މި މަހުގެ މުސާރަ އާއި އިނާޔަތްތައް ޖަމާކުރަން ފަށާނީ މި މަހުގެ 28 ވާ ބުރާސްފަތި ދުވަހު ކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި، ދައުލަތުގެ މުވައްޒަފުންނަށް މެއި މަހުގެ މުސާރަ ލިބޭނީ މި މަހުގެ 28 އަދި 31 ވަނަ ދުވަހު އެވެ. މުސާރަ ލަސްވާތީ މުވައްޒަފުންގެ ކަންބޮޑުވުންތައް އިތުރުވެފައިވާއިރު، ފިނޭންސް މިނިސްޓްރީން ބުނެފައިވަނީ މި ތާރީޚުތަކަށް މުސާރަ ދޫކުރަން ހަމަޖެއްސީ ބޭންކުތައް ހުޅުވާފައި ހުންނަ ދުވަސްތަކަށް ރިއާޔަތްކުރުމަށް ފަހު ކަމަށެވެ.

މިކަމާ ގުޅިގެން މައުލޫމާތު ލިބޭ ގޮތުގައި، އީދު ބަންދުގެ ކުރިން މުސާރަ ޖަމާކޮށްދިނުމަށް ފިނޭންސް މިނިސްޓްރީން ފުރަތަމަ މަސައްކަތްކުރި އެވެ. އެގޮތުން މި މަހުގެ 10 ވަނަ ދުވަހާ ހަމައަށް އެލަވަންސްތައް ހަދައި، ސަރުކާރުގެ ވުޒާރާތަކުން މުސާރަ ޝީޓުތައް ވެސް ފިނޭންސަށް ފޮނުވާފައި އޮތް ނަމަވެސް، ފަހު ވަގުތު ތާވަލަށް ބަދަލުތަކެއް ގެންނަން ޖެހުނީ އެވެ. ސަރުކާރުން ބުނާ ގޮތުގައި މުސާރަ ޝީޓުތައް ކުރިން ތައްޔާރުކުރި ނަމަވެސް، މިހާރު ކަނޑައަޅާފައިވާ ތާވަލަކީ ބޭންކުތައް ބަންދުވުމާ ގުޅިގެން ހަމަޖެއްސި ތަރުތީބެއް ކަމަށް ބުނަމުންނެވެ. ނަމަވެސް މިއީ ސަރުކާރެއްގެ އިންތިޒާމުތައް ދޯހަޅިވެފައި ހުންނަންވީ ވަރެއް ނޫނެވެ.

ފަހަކަށް އައިސް ސަރުކާރުގެ މުވައްޒަފުންގެ އަދަދު އިތުރުވެ، މުސާރަ އާއި އިނާޔަތްތަކަށް ކުރާ ހޭދަ ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. ހާއްސަކޮށް ޕޭ ހާމަނައިޒޭޝަންގެ ދަށުން ގެނައި ބަދަލުތަކާއެކު ދައުލަތުގެ ބަޖެޓުން މުވައްޒަފުންނަށް ކުރާ ހަރަދު ކުރިއަށްވުރެ އެތައް ގުނައެއް އިތުރުވެފައިވާކަން ފާހަގަކުރެވެ އެވެ. ސަރުކާރުގެ ހަރަދުތައް މިހާރު ބޮޑުވެފައިވާ މި ދަނޑިވަޅުގައި، މުސާރަ ޖަމާކުރުން ލަސްވުމަކީ ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވެފައިވާ ކަމެކެވެ.

ޚިޔާލު ފާޅުކުރައްވާ