ޖަލު ގޮޅިއަށް ނިދާފައި އޮންނަ އިރު އޮފިސަރުން ފޮނުވައި ބިރުދައްކަމުން ދިޔައީ މުއިއްޒު އަންގައިގެން: ޝަހުޒާން

ރައީސް މުއިއްޒުއާ ސުވާލުކުރުމުން 15 ދުވަހަށް ޖަލަށްލީ ނޫސްވެރިޔާ ޝަހުޒާން މިނިވަންވެއްޖެ؛ މި ހުރިހާ ކަމެއް ހިނގަމުންދަނީ ސީދާ ރައީސްގެ އޯޑަރަށް ކަމަށާއި، ބިރުދެއްކިޔަސް ފަހަތަށް ނުޖެހޭނެ!

ޖަލު ގޮޅިއަށް ނިދާފައި އޮންނަ އިރު އޮފިސަރުން ފޮނުވައި ބިރުދައްކަމުން ދިޔައީ މުއިއްޒު އަންގައިގެން: ޝަހުޒާން

ވެރިކަމުގެ ބާރު ބޭނުންކޮށްގެން ނޫސްވެރިންނަށް ބިރުދައްކައި، ޖަލަށް ލީ ނަމަވެސް، ހިތްވަރު އެލުވާނުލެވޭނެ ކަމަށް ރައީސް މުހައްމަދު މުއިއްޒުއާ ސުވާލު ކުރުމުގެ ސަބަބުން 15 ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކޮށް މިނިވަންވި ނޫސްވެރިޔާ މުހައްމަދު ޝަހުޒާން ބުނެފިއެވެ. ރައީސް މުއިއްޒުއާ ސުވާލެއް ކުރުމުން، ކޯޓުގެ ހުރުމަތް ކެނޑިކަމަށް ތުހުމަތުކޮށް، ދިފާއުވުމުގެ ފުރުސަތު ނުދީ އަވަސް އަރުވާލައިގެން ކުރި މި ޖަލު ހުކުމަކީ ސަރުކާރުން ނޫސްވެރިކަމުގެ މިނިވަންކަމަށް ދިން ހަމަލާއެއްކަން ފާހަގަކުރެވެއެވެ. މިކަމާ ގުޅިގެން ޝަހުޒާން ބުނީ، މިފަދަ ވައިބަޑިތަކުން ނޫސްވެރިން ފަހަތަށް ނުޖެއްސޭނެ ކަމަށާއި، މި ހުރިހާ ކަމެއް ހިނގަމުންދަނީ ސީދާ ރައީސް މުއިއްޒުގެ އޯޑަރަށް ކަމަށެވެ.

ޖަލުގައި ހޭދަކުރި ދުވަސްތަކުގައި ސަރުކާރުގެ އެންގުމަށް ކަރެކްޝަންސް އިން ބޮޑެތި ދުއްތުރާތަކެއް ކުރިކަން ޝަހުޒާން ހާމަކުރިއެވެ. ހާއްސަކޮށް، އޭނާއާއެކު ޖަލަށް ހުކުމް ކުރި އަނެއް ނޫސްވެރިޔާ އެހެން ގޮޅިއަކަށް ބަދަލުކޮށް، ދެ މީހުން އެކަހެރިކުރީ ސީދާ ރައީސްގެ އެންގުމަށް ކަމަށް އޭނާ ބުންޏެވެ. އަދި ކޮންމެ ރެއަކުހެން ޖަލު އޮފިސަރުންގެ ފައުޖުތައް ފޮނުވައި، ގޮޅީގެ ތަކެއްޗަށް ގެއްލުންދީ ނަފްސާނީ ގޮތުން ބިރުދެއްކީ ސަރުކާރުގެ ނުފޫޒުންކަން އޭނާ ފާހަގަކުރިއެވެ.

މި މައްސަލައާ ގުޅިގެން މީޑިއާތަކަށް ސަރުކާރުން ފިއްތުންތައް ކުރިމަތިކުރަމުންދާއިރު، އަންނަ މަހުގެ ތެރޭގައި މީޑިއާގެ އިސްވެރިންނާ ދެކޮޅަށް ޖިނާއީ ދައުވާތަކެއްގެ ޝަރީއަތްތައް ތާވަލުކޮށްފައިވެއެވެ. އަދި ސަރުކާރުގެ ނޫސްވެރިންގެ ބައްދަލުވުންތަކަށް ވަނުން ވެސް މިހާރު ވަނީ މަނާކޮށްފައެވެ. ސަރުކާރުގެ މި އަމަލުތަކަކީ ޑިމޮކްރެޓިކް ހަމަތަކާއި ހިލާފަށް، ވެރިކަމުގެ ނުފޫޒުން ނޫސްވެރިކަމުގެ މިނިވަންކަން ހަނިކުރުމަށް ކުރަމުންދާ މަސައްކަތެއްކަމަށް ގިނަ ބަޔަކު ދަނީ ސިފަކުރަމުންނެވެ.

ޚިޔާލު ފާޅުކުރައްވާ