ސަރުކާރުގެ މިނިސްޓްރީތަކުގައި ތިއްބެވި ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުންގެ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރަސްމީ ވެބްސައިޓުން އުނިކޮށް، އެ ބޭފުޅުންގެ މައުލޫމާތު ހިމެނުން ހުއްޓާލައިފި އެވެ. މީގެ ކުރިން ވެބްސައިޓުގައި ބައެއް ސިޔާސީ މަގާމުތަކުގެ ބޭފުޅުންގެ ފޮޓޯ އާއި ނަން ހިމަނާފައި ހުރި ނަމަވެސް، މިހާރު ގެނައި ބަދަލާއެކު އެ ފަންތީގެ އެއްވެސް ބޭފުޅެއްގެ މައުލޫމާތު ވެބްސައިޓުން ފެންނަން ނެތެވެ.
ސަރުކާރުން އިތުރަށް ވަޒީފާ ނުދޭނެ ކަމަށް ބުނުމަށްފަހު ވަނީ ސްޓޭޓް މިނިސްޓަރ އަދި ޑިޕިއުޓީ މިނިސްޓަރ ލެވެލްގައިވެސް ބައެއް ވަޒީފާތައް ދީފައެވެ. ވަޒީފާއިން މީހުން އުނިކޮށް ރައިޓް ސައިޒް ކުރާ ވާހަކަ ދައްކަނީ އާންމުންނަށް އޮޅުވާލައިގެން ރައީސް މުއިއްޒު އިތުރުފުޅު ހައްދައިގެން ކަމަށް ގިނަބަޔަކު ދެކެއެވެ.
މި ބަދަލު ގެނެސްފައި މިވަނީ، ސިޔާސީ މަގާމުތަކަށް އައްޔަންކުރާ ބޭފުޅުންނަކީ ތައުލީމީ ގޮތުން ގާބިލު ބޭފުޅުން ކަމުގައި ހެދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ސިޔާސަތުތަކާ ގުޅިގެންނެވެ. އެގޮތުން، ސްޓޭޓް މިނިސްޓަރުންނަށް މާސްޓާސް ޑިގްރީ އަދި ޑެޕިއުޓީ މިނިސްޓަރުންނަށް ފުރަތަމަ ޑިގްރީ ލާޒިމުކޮށް، "މެރިޓް ބޭސްޑް" ނުވަތަ ގާބިލުކަމަށް ބަލައިގެން މަގާމުތައް ފުރުއްވާނެ ކަމަށް ރައީސް ވަނީ އިއުލާނު ކުރައްވާފަ އެވެ. ހަމައެހެންމެ، ސަރުކާރުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން ސަރުކާރުގެ ސައިޒު ކުޑަކުރުމާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 އިންސައްތަ ދަށްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ރައީސް ވަނީ ހާމަކުރައްވާފަ އެވެ.
ނިމިދިޔަ އިންތިހާބުތަކާ ދިމާކޮށް ވޯޓު ހޯދުމުގެ ބޭނުމުގައި ސިޔާސީ މަގާމުތަކަށް ބޭފުޅުން އައްޔަންކޮށްފައިވާކަން ރައީސް މުއިއްޒު ވަނީ އެއްބަސްވެވަޑައިގެންފަ އެވެ. ނަމަވެސް، މީގެފަހުން ސިޔާސީ ބޭނުމަކަށް ނުވަތަ ކެމްޕެއިނަކާ ގުޅުވައިގެން އެއްވެސް މީހަކަށް ވަޒީފާ ނުދެއްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވި އެވެ. ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުން މަގާމުތައް އުފެއްދުމުގެ ބާރު ރައީސަށް ލިބިދީފައިވަނީ ދައުލަތުގެ މަސްއޫލިއްޔަތު އަދާކުރުމަށް ކޮންމެހެން ބޭނުންވާ ހާލަތްތަކުގައި ކަމަށްވީ ނަމަވެސް، ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދު ގިނަވުމަކީ އާންމުންގެ ފާޑުކިއުން އަމާޒުވެފައިވާ މައްސަލައެކެވެ.