ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ސުވާލުކޮށްގެން 15 ދުވަހު ޖަލުގައި ބަންދުކުރި މުހައްމަދު ޝަހުޒާން އޮތް ގޮޅިއަށް ދަންވަރުގެ ވަގުތުތަކުގައި މަރުތޭލާއި ފުއްކަށި ހިފައިގެން ވަދެ، އޭނާ ނިދަން ބޭނުންކުރާ އަށި ތެޅުން ހޯމް މިނިސްޓަރު އަލީ އިހުސާން ދިފާއުކުރައްވައިފި އެވެ. ޖަލުން މިނިވަންވުމަށްފަހު ޝަހުޒާން ހާމަކުރި ގޮތުގައި، ކޮންމެ ރެއަކުހެން އޮފިސަރުންގެ ބޮޑެތި ފައުޖުތައް އައިސް އޭނާގެ ގޮޅި ސުންނާފަތިކުރީ ސީދާ ރައީސް މުއިއްޒުގެ އެންގެވުމަކަށެވެ. މި ތުހުމަތުތަކާ ގުޅިގެން ޝަހުޒާން ވަނީ ޖަލުގައި ދެމުންދިޔަ ލާއިންސާނީ އަނިޔާތަކުގެ ތަފުސީލުތައް މީޑިއާއާ ހިއްސާކޮށްފަ އެވެ.
މި މައްސަލައާ ގުޅިގެން މިނިސްޓަރު އިހުސާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޝަހުޒާނާއި އެކު ބަންދުކުރި ނޫސްވެރިޔާ ލީވާން އަލީ ނާސިރާމެދު އަމަލުކުރީ އެހެން ގައިދީންނާމެދު ވެސް އަމަލުކުރާ އުސޫލުން ކަމަށެވެ. އަދި އެ ދެ ފަރާތް އޮތް ގޮޅިން ފޯނެއް ފެނުމަކީ އެ ފިޔަވަޅުތައް އެޅި ސަބަބު ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް، ޖަލުގައި ޝަހުޒާނާއި ލީވާނަށް ދިން އަނިޔާތަކަކީ ލާއިންސާނީ އަމަލެއް ނޫން ކަމަށް މިނިސްޓަރު ވިދާޅުވެފައެއް ނުވެ އެވެ. އަދި މިފަދަ ކަންކަމަކީ ރައީސުލްޖުމްހޫރިއްޔާގެ ނިންމެވުމެއް ނޫން ކަމަށާއި، އެކަމުގައި ރައީސްގެ އެއްވެސް ބައިވެރިވުމެއް ނެތް ކަމަށް އިހުސާން ވަނީ ދައުވާކުރައްވާފަ އެވެ.
ޝަހުޒާން ޖަލަށްލީ ރައީސް މުއިއްޒުއަށް އަމާޒުވާ ޖިންސީ ގޯނާގެ ތުހުމަތުތަކާ ގުޅޭގޮތުން ސުވާލު ކުރުމުންނެވެ. ހަމައެފަދައިން، ލީވާން ޖަލަށްލީ ރައީސް މުއިއްޒުއާ ގުޅޭ ތުހުމަތުތަކުގެ ވާހަކަ ދެއްކުން ކޯޓު އަމުރަކުން މަނާކުރި ވާހަކަ ރިޕޯޓު ކުރުމާ ގުޅިގެންނެވެ. ސަރުކާރުގެ އިސް ފަރާތްތަކުގެ މި އަމަލުތަކަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އެޅުމުގެ ގޮތުން ހިންގާ ސިޔާސީ ބަދަލުހިފުމުގެ އަމަލުތަކެއް ކަމަށް ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.