މަށިމާލި ޕެރޭޑް: 58 ފަހަރު މުއިއްޒު ގުޅީ ކީއްވެގެން ކަން "ލީކް" ކޮށްލައިފި

ކުޅުދުއްފުށީ މަށިމާލި ޕެރޭޑު ސިޔާސީ ފާޑުކިޔުންތަކުގެ މައިދާނަކަށް؛ ރައީސް މުއިއްޒަށް އަމާޒުކޮށް "އެމަންޖެގެ ފޯން" ފުޅަނދުން ބޮޑެތި ތުހުމަތުތަކެއް ދައްކުވައިދީފި.

މަށިމާލި ޕެރޭޑް: 58 ފަހަރު މުއިއްޒު ގުޅީ ކީއްވެގެން ކަން "ލީކް" ކޮށްލައިފި

ކޮންމެ އަހަރެއްގެ ބޮޑު އީދުގައި ހދ. ކުޅުދުއްފުށީގައި ބާއްވާ މަށިމާލި ޕެރޭޑަކީ ރާއްޖޭގެ ސިޔާސީ މަސްރަހާއި ވެރިކަމުގެ ވައްޓަފާޅިއަށް ފާޑުކިޔުމުގެ މައިދާނަކަށް މިފަހަރު ވެސް ވަނީ ވެފަ އެވެ. މި ޕެރޭޑުގައި އެންމެ ބޮޑަށް ފާހަގަވެގެން ދިޔައީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް އަމާޒުކޮށް، އެމަނިކުފާނުގެ އަމިއްލަ ދިރިއުޅުމާއި ގުޅޭގޮތުން ފެތުރިފައިވާ ތުހުމަތުތައް ދައްކުވައިދޭ "އެމަންޖެގެ ފޯން" ފުޅަނދެވެ. މި ފުޅަނދުގައި ރައީސް އޮފީހުގެ ކުރީގެ މުވައްޒަފަކަށް 58 ފަހަރު ގުޅުއްވި ކަމަށް ބުނާ މައްސަލައާ ގުޅިގެން، "ނައިޓީ ލީތޯ" އަދި "ދަތް އުނގުޅިތޯ" ބަލަން ގުޅި ކަމަށް ޖޯކު ޖަހާފައިވެ އެވެ. މީގެ އިތުރުން "ދަންވަރު ގުޅާ ސޮރު" އާއި "ދެވަނަ ވަލީމާ" ފަދަ ޝިއާރުތައް ބޭނުންކޮށް، ސަރުކާރުގެ އިސްވެރިންގެ އަމަލުތަކަށް ވަނީ ބަހުގެ ހަމަލާތައް އަމާޒުކޮށްފަ އެވެ.

ގުޅި ސަބަބު ތައް ޕެރޭޑުން ކިޔާދީފައި

ޕެރޭޑުގެ ތެރެއިން ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) އަށް އަމާޒުކޮށް ހެދި ފުޅަނދެއްގައި، އެ ބޭފުޅާ ދާދި ފަހުން "ޒުވާބުކޮށްލަން އަންނާށޭ" ވިދާޅުވި ވާހަކައަށް ވަނީ މަލާމާތް ރައްދުކޮށްފަ އެވެ. ހަމައެއާއެކު، ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއަޅައި ސަރުކާރުން ހިންގި އަމަލުތަކުގެ ސަބަބުން ޖަލު ބަންދުގައި ހުންނެވި ނޫސްވެރިޔާ މުހައްމަދު ޝަހުޒާން ވެސް ޕެރޭޑުން ފެނިގެން ދިޔަ އެވެ. އޭނާ ވަނީ ކަރުގައި ޗެންޗޭނު އަޅުވައި، ނޫސްވެރިކަމުގެ މިނިވަންކަން ނަގާލާފައިވާ މިންވަރު ސިމްބޮލިކްކޮށް ދައްކުވައިދީފަ އެވެ.

ސިޔާސީ ފާޑުކިޔުންތަކުގެ އިތުރުން، މި ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ހުއްޓިފައި ހުރުމާއި، ރިޔާސީ ވައުދުތައް ނުފުދުމުގެ މައްސަލަތަކާއި ކަރަންޓުގެ ހާލަތު ގޯސްވުން ފަދަ ގައުމީ މައްސަލަތައް ވެސް ޕެރޭޑުގައި ވަނީ ހިމަނާފަ އެވެ. އަދި އާސެނަލްއަށް ޕްރިމިއާ ލީގު ލިބުން ފަދަ ކުޅިވަރުގެ ވާހަކަތައް ވެސް ޕެރޭޑުގައި ހިމެނި ނަމަވެސް، މުޅި ޕެރޭޑުގެ ފޯކަސް ބޮޑަށް ހުރީ މިހާރުގެ ސަރުކާރުގެ ނާގާބިލުކަމާއި ރައީސް މުއިއްޒުގެ އަމަލުތަކަށް ފާޑުކިޔުމުގެ މައްޗަށެވެ.

ޚިޔާލު ފާޅުކުރައްވާ