ނާޒިމް ވަކި ކުރަން ވޯޓުލުމަށް އެދުމަށްފަހު، ޕީއެންސީ މަޖިލީސް މެންބަރުންނަށް މުއިއްޒު ފައިސާ ބަހައިފި: މިއީ ރިޝްވަތުގެ އަމަލެއް؟

ދެ މަހުގެ މެދުކެނޑުމަކަށް ފަހު ޕީއެންސީ މެންބަރުންނަށް 50،000 ރުފިޔާގެ އިނާޔަތް ދޫކޮށްފި؛ މި ފައިސާ ދޫކުރީ މަޖިލީހުގެ ނައިބު ރައީސް ވަކިކުރަން ސޮއިކުރަމުން ދަނިކޮށް، ގާނޫނީ ސުވާލުތައް އުފެދޭ.

ނާޒިމް ވަކި ކުރަން ވޯޓުލުމަށް އެދުމަށްފަހު، ޕީއެންސީ މަޖިލީސް މެންބަރުންނަށް މުއިއްޒު ފައިސާ ބަހައިފި: މިއީ ރިޝްވަތުގެ އަމަލެއް؟

ދެ މަހުގެ މެދުކެނޑުމަކަށް ފަހު، ނާޒިމް މަޖިލީސް ނައިބް ރައީސް ކަމުން ވަކި ކުރަން ވޯޓުލުމަށް އެދުމަށްފަހު، ޕީއެންސީ މަޖިލީސް މެންބަރުންނަށް މުއިއްޒު ފައިސާ ބަހައިފިއެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތުން ޕީއެންސީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ދޭ 50،000 ރުފިޔާގެ އިނާޔަތް މި މަހު ދޫކޮށްފި އެވެ. ސަރުކާރު ކޯލިޝަންގެ މެންބަރުންތަކެއް މައުލޫމާތު ދިން ގޮތުގައި، ފާއިތުވި ދެ މަހު މި ފައިސާ ނުލިބި އޮތުމަށްފަހު، މިހާރު ވަނީ އެ ފައިސާ މެންބަރުންނާ ހަވާލުކޮށްފަ އެވެ. މި ފައިސާ ދޫކޮށްފައި މިވަނީ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް އެ މަގާމުން ވަކިކުރުމަށް ޕީއެންސީގެ މެންބަރުން ސޮއިކުރަމުން ދަނިކޮށެވެ. ނާޒިމް ފިޔަވައި ޕީއެންސީގެ ހުރިހާ މެންބަރުން ސޮއިކުރި އެ މައްސަލަ މާދަމާގެ ޖަލްސާއަށް މިހާރު ވަނީ އެޖެންޑާ ވެސް ކޮށްފަ އެވެ.

މަޖިލިސް މެންބަރުންނަށް މިފަދައިން ނަގުދު ފައިސާ ބަހާ މައްސަލައަކީ ގާނޫނީ ގޮތުން ބޮޑެތި ސުވާލުތަކެއް އުފެދޭ ކަމެކެވެ. ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ ތިންވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން، މަޖިލިސް މެންބަރަކު މަގާމުގެ ހައިސިއްޔަތުން ކުރާ ކަމަކާ ގުޅިގެން ރިޝްވަތު ދިނުމާއި ހިފުމަކީ ޖިނާއީ ބޮޑު ކުށެކެވެ. މިފަދަ ކުށެއް ސާބިތުވެއްޖެ ނަމަ ހަތް އަހަރުގެ ޖަލު ހުކުމެއް އަންނާނެކަން ގާނޫނުގައި ސާފުކޮށް ބަޔާންކޮށްފައިވެ އެވެ.

މި މައްސަލަ މީގެ ކުރިން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅާފައިވީ ނަމަވެސް، އެ މައްސަލައިގެ ތަހުގީގު ކުރިއަށްދާ ގޮތަކާ މެދު ނުވަތަ އެޅި ފިޔަވަޅަކާ މެދު އެ ކޮމިޝަނުން މިހާތަނަށް އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެ އެވެ. ދައުލަތުގެ އެއް ބާރު އަނެއް ބާރަށް ފާރަވެރިވުމަށް ގާނޫނު އަސާސީން މަތިކޮށްފައިވާ ޒިންމާއަށް ހުރަސް އެޅޭ ގޮތަށް، މުލީއާގެއިން ސީދާ މެންބަރުންނަށް ފައިސާ ދޫކުރަމުން ދާތީ އާންމުންގެ ފާޑުކިޔުންތައް މި ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ.

ޚިޔާލު ފާޅުކުރައްވާ