ދައުލަތުގެ ހަރަދުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުރައްވާ ރަސްމީ އަދި ނުރަސްމީ ދަތުރުފުޅުތަކުގެ ތަފްސީލު ހާމަކުރައްވާނެ ކަމަށް އެމަނިކުފާނު އަމިއްލަފުޅަށް ވައުދުވެވަޑައިގެންނެވި ނަމަވެސް، އެކަން ނުކުރައްވާތާ އަހަރަކަށް ވުރެ ގިނަ ދުވަސް ފާއިތުވެއްޖެ އެވެ. ދަތުރުފުޅު ނިމޭތާ 15 ދުވަހުގެ ތެރޭގައި ހަރަދުތައް އާންމު ކުރައްވާނެ ކަމަށް ޑިސެމްބަރު 2، 2023 ގައި ރައީސް އިއުލާން ކުރެއްވި ނަމަވެސް، މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ފަހުން އެ މައުލޫމާތުތައް ރައީސް އޮފީހުން ވަނީ މުޅިން ހިފަހައްޓައިފަ އެވެ. އެންމެ ފަހުން ހާމަކޮށްފައިވަނީ އެޕްރީލް 2025 ގައި އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅުގެ މައުލޫމާތު އެކަންޏެވެ.
މި މުއްދަތުގެ ތެރޭގައި މެލޭޝިއާ، ސިންގަޕޫރު، ގަތަރު، ޖަރުމަނުވިލާތް، ސައުދީ އަރަބިއްޔާ އަދި ސްރީލަންކާ ފަދަ ގައުމުތަކަށް ރައީސް މުއިއްޒު ގިނަ އަދަދެއްގެ ވަޒީރުންނާއި މެންބަރުން ހިމެނޭ ބޮޑެތި ވަފުދުތަކާއެކު ރަސްމީ ދަތުރުފުޅުތައް ކުރައްވާފައިވެ އެވެ. މީގެ އިތުރުން، އަމިއްލަފުޅު ނުރަސްމީ ދަތުރުފުޅުތަކެއް ވެސް ސިންގަޕޫރަށް ކުރައްވާފައިވާއިރު، މި ހުރިހާ ދަތުރުފުޅެއްގެ ހަރަދުތައް ވަނީ ސިއްރުކޮށްފަ އެވެ. ރަސްމީ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ދަތުރުފުޅުތަކަށް ކަނޑައަޅާފައިވާ ބަޖެޓަށްވުރެ އިތުރަށް ހަރަދުކޮށްފައިވާއިރު، މި އަހަރުގެ ބަޖެޓުގައި 273 މިލިއަން ރުފިޔާ ދަތުރުތަކަށް ވަނީ ހިމަނައިފަ އެވެ.
ދެފުށްފެންނަ ނިޒާމެއް ގާއިމްކުރުމަށް ވައުދުވެވަޑައިގެންނެވި ނަމަވެސް، ބައެއް ދަތުރުފުޅުތަކަށް "ހެޔޮއެދޭ ވިޔަފާރިވެރިން" ހަރަދުކުރާ ކަމަށް ވިދާޅުވި ނަމަވެސް އެއީ ކޮން ބައެއްކަން ސާފުކޮށްދެއްވާފައެއް ނުވެ އެވެ. އަދި 2024 ވަނަ އަހަރުގެ އީދު ޗުއްޓީއަށް ރާއްޖޭގެ އެންމެ އަގުބޮޑު ރިސޯޓުތަކުގެ ތެރޭގައި ހިމެނޭ ވެލާ ޕްރައިވެޓް އައިލެންޑްގައި އާއިލާއާއެކު ހޭދަކުރެއްވި ދަތުރުފުޅަކީ އަމިއްލަފުޅަށް ހަރަދުކުރެއްވި ދަތުރެއްކަން ވެސް އެކަށީގެންވާ ގޮތަކަށް ސާފުކޮށްދީފައެއް ނުވެ އެވެ. މިކަމުގެ ސަބަބުން ދައުލަތުގެ ބަޖެޓުން ކުރާ ހަރަދުތަކުގެ ޒިންމާދާރުކަމާމެދު ސުވާލުތައް އުފެދިފައިވެ އެވެ.