އެމްޑީޕީގެ ޗެއަރޕަރސަންގެ އިންތިޚާބުގައި އާންމު މެންބަރުން ނިންމާ ގޮތަކުން، ޕާޓީގެ ހިންގުން ވަކި ކުޑަ ގްރޫޕެއްގެ އަތްމައްޗަށް ދޫވެ، އާންމު މެންބަރުން ބާކީވެގެން ހިނގައިދާނެ ކަމުގެ ބިރު އެބައޮތް ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ވިދާޅުވެއްޖެއެވެ. ތިނަދޫ ސިޓީގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން މީކާއިލް ވިދާޅުވީ، އެމްޑީޕީއަކީ ވަކި ފަރުދެއްގެ ނުވަތަ ވަކި ބައެއްގެ ވަށައިގެން އެނބުރޭ ތަނަކަށް ނުވެ، ހަރުދަނާ އުސޫލުތަކެއްގެ މަތިން ހިނގާ ވަރުގަދަ މުއައްސަސާއަކަށް ހެދުމަކީ ރައްޔިތުންގެ އިތުބާރު އަލުން ހޯދުމަށް ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ. އަދި އޭނާ މި އިންތިޚާބަށް ކުރިމަތިލެއްވީ ވަކި ފަރާތަކާ ވާދަކުރައްވަން ނޫން ކަމަށާއި، ޕާޓީގެ ހިންގުން ހަރުދަނާކޮށް އާންމު މެންބަރުންގެ ބައިވެރިވުން އިތުރުކުރުމުގެ ފުރުސަތު ހޯދުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.
މިއަހަރުގެ އިންތިޚާބުތަކާއި ގުޅޭގޮތުން ވާހަކަދައްކަވަމުން މީކާއިލް ވަނީ 2028 ވަނަ އަހަރުގެ އިންތިޚާބު ކާމިޔާބު ކުރުމުގެ ޤާބިލުކަން އެމްޑީޕީގައި އެބައޮތްކަން ފާހަގަކުރައްވާފައެވެ. ޕާޓީ މަރުވެފައިވާ ކަމަށް ބައެއް ފަރާތްތަކުން ދައްކާ ވާހަކަތަކަށް ރައްދު ދެއްވަމުން އޭނާ ވިދާޅުވީ، ޕާޓީ ދޫކޮށްދިޔަ މީހުން އަލުން އެނބުރި އަންނަނީ އެ ޕާޓީގެ ކުރިމަގު އޮތްކަން ގަބޫލުކުރާތީ ކަމަށެވެ. އަދި ނިމިދިޔަ ކައުންސިލް އިންތިޚާބުތައް ކާމިޔާބުވީ ޕާޓީގެ އާންމު މެންބަރުންގެ ބުރަ މަސައްކަތުން ކަމަށާއި، ޕާޓީގެ ކުރިމަގު ބިނާވެފައިވަނީ އެ މެންބަރުންގެ މަސައްކަތުގެ މައްޗަށް ކަމަށް މީކާއިލް ފާހަގަކުރެއްވިއެވެ.