ސަރުކާރު ހިއްސާވާ ކުންފުންޏެއް ކަމަށްވާ ވެމްކޯއިން މުވައްޒަފުންގެ ޕެންޝަން ފައިސާ 19 މަސް ދުވަސް ވަންދެން ޖަމާނުކުރުމުން، އެކަމާ ދެކޮޅަށް އަޑުއުފުލި ގދ. ތިނަދޫ ބްރާންޗުގެ ދެ މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފި އެވެ. އަލީ ނާބިތު މުހައްމަދާއި މުހައްމަދު ނާއިފު ވަޒީފާއިން ވަކިކުރިކަމުގެ ލިޔުމުގައި ސޮއިކުރައްވާފައިވަނީ ވެމްކޯގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ޖަލީލު އެވެ. މިދިޔަ ޖޫން މަހުގެ 6 ވަނަ ދުވަހު، ޕެންޝަން ފައިސާ ނުލިބޭ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި އެ މުވައްޒަފުން އިހުތިޖާޖު ކުރުމުން، ވަޒީފާއާ ބެހޭ ގާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ނޯޓިސް ދިނުމަކާ ނުލައި އެ ދެ މުވައްޒަފުން ވަނީ ވަޒީފާއިން ވަކިކޮށްފަ އެވެ.
މައުލޫމާތު ލިބޭ ގޮތުގައި ވެމްކޯއިން އެންމެ ފަހުން މުވައްޒަފުންގެ ޕެންޝަން ފައިސާ ޖަމާކޮށްފައިވަނީ 2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އެވެ. އެ ކުންފުނިން މުވައްޒަފުންގެ މުސާރައިން ކޮންމެ މަހަކުވެސް ޕެންޝަނަށް ކަނޑައަޅާފައިވާ ހަތް ޕަސެންޓް އުނިކުރަމުން ދިޔަ ނަމަވެސް، އެ ފައިސާ ޕެންޝަން ފަންޑަށް ޖަމާކޮށްފައި ނުވާކަން ފާހަގަކުރެވެ އެވެ. ވެމްކޯއިން މީގެ ކުރިން ބުނެފައިވަނީ ފައިސާ ޖަމާނުކުރެވެނީ ކުންފުންޏަށް ލިބެންޖެހޭ ފައިސާ ނުލިބުމުގެ ސަބަބުން ކަމަށެވެ. ނަމަވެސް، ޕެންޝަނާ ބެހޭ ގާނޫނުގެ ދަށުން މުވައްޒަފުންނާއި ވަޒީފާ ދޭ ފަރާތުން ޕެންޝަނަށް ފައިސާ ދެއްކުމަކީ ލާޒިމު ކަމަކަށް ވެފައި، ސަރުކާރުގެ ކުންފުންޏަކުން މިފަދަ އިހުމާލެއް ވުމަކީ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާ ކަމެކެވެ.
ވެމްކޯއަކީ ރާއްޖޭގައި އެންމެ ގިނަ މުވައްޒަފުން ގެންގުޅޭ އެއް ކުންފުންޏަށް ވީއިރު، މުވައްޒަފުންގެ ހައްގުތައް ހިމާޔަތް ކުރުމުގެ ބަދަލުގައި، ހައްގު ހޯދަން އަޑުއުފުލި މުވައްޒަފުން ވަޒީފާއިން ވަކިކުރުމަކީ ސަރުކާރުގެ ކުންފުނިތައް ހިންގުމުގައި ގެންގުޅޭ އުސޫލުތަކާމެދު ސުވާލު އުފެދޭ ކަމެކެވެ. މި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވެސް ހުށަހެޅިފައިވާއިރު، ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ކުންފުނިތަކުގެ މާލީ ހާލަތު ދަށްވެ، އޭގެ ނޭދެވޭ އަސަރު އާންމު މުވައްޒަފުންނަށް ކުރަމުންދާކަން މިކަމުން ހާމަވެ އެވެ.