އިހްސާން ހިންގި ކޮރަޕްޝަނާއި ވައްކަމުގައި ރައީސް މުއިއްޒު ބައިވެރިވެފައިވޭ: ޝަމްއާން

އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމުގައި ހުންނެވި ޝަމްއާން ވަހީދު، ހޯމް މިނިސްޓަރު އަލީ އިހުސާންގެ މައްޗަށް ރިޝްވަތުގެ ބޮޑެތި ތުހުމަތުތަކެއް ކުރައްވައިފި އެވެ. ބިދޭސީންގެ ވޯކް ޕާމިޓްތަކުން 8،000 ރުފިޔާގެ ރިޝްވަތު ނަގާކަމުގެ ހެކިތައް ރައީސް މުއިއްޒަށް ހުށަހެޅުމުން އެކަން ބަލަން ދެކޮޅު ހެއްދެވި ކަމަށާއި، މިއީ ރައީސް ވެސް މި ކޮރަޕްޝަންގައި ބައިވެރިވާ ކަމުގެ ހެއްކެއް ކަމަށް ޝަމްއާން ތުހުމަތު ކުރައްވަ އެވެ.

އިހްސާން ހިންގި ކޮރަޕްޝަނާއި ވައްކަމުގައި ރައީސް މުއިއްޒު ބައިވެރިވެފައިވޭ: ޝަމްއާން

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން ވަހީދު، ހޯމް މިނިސްޓަރު އަލީ އިހުސާންގެ މައްޗަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރައްވައި، އެ މައްސަލަތައް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަމާލުކަމަށް ގެނައުމުންވެސް ފިޔަވަޅު ނޭޅުއްވިކަމަށް ވިދާޅުވެއްޖެ އެވެ. ބިދޭސީންގެ ވޯކް ޕާމިޓްތައް އެޕްރޫވް ކުރުމުގެ ތެރޭގައި 8،000 ރުފިޔާގެ ރިޝްވަތު ނަގަމުންދާކަން ޔަގީންކޮށްދޭ ޗެޓްލޮގްތަކާއި އޯޑިއޯ ހެކިތައް ރައީސަށް ހުށަހެޅުމުން، އެއީ ޒާތީ ކަމެއް ކަމަށް ވިދާޅުވެ ރައީސް އެކަން ދޫކޮށްލެއްވި ކަމަށް ޝަމްއާން ތުހުމަތު ކުރައްވަ އެވެ. ރައީސަށް އެނގިހުރެ މިކަން ހުއްޓުވަން މަސައްކަތް ނުކުރެއްވުމަކީ އެމަނިކުފާނުވެސް މި ކޮރަޕްޝަންގެ އަމަލުގައި ބައިވެރިވެވަޑައިގަންނަވާ ކަމުގެ ހެއްކެއް ކަމަށް އޭނާ ސިފަކުރެއްވި އެވެ.

ރައީސް މުއިއްޒުގެ މައްޗަށް މިފަދަ ބޮޑު ތުހުމަތެއް ކުރައްވާފައި ވަނިކޮށް، ސަރުކާރުގެ އިސް ތަރުޖަމާން މުހައްމަދު ހުސެން ޝަރީފް ވަނީ އެ ވާހަކަތައް ކަނޑައެޅިގެން ދޮގުކުރައްވައިފަ އެވެ. ޝަމްއާންގެ މައްޗަށް މިހާރު ކުރިއަށްދާ ޖިނާއީ ދައުވާތަކުގެ ހުކުމް އިއްވުމުގެ އަޑުއެހުމަށް ކޯޓަށް ވަޑައިގަތުމުގެ ކުރިން އޭނާ ވިދާޅުވީ، ހޯމް މިނިސްޓަރު އިހުސާނާއި އެޓާނީ ޖެނެރަލް މުހައްމަދު އުޝާމް ގުޅިގެން އޭނާ ފްރޭމްކުރީ ކަމަށެވެ. އަދި މި މައްސަލައިގައި ރައީސް މުއިއްޒު އޭނާއަށް އިންޒާރު ދެއްވި ކަމަށް ވެސް ޝަމްއާން ވަނީ ތުހުމަތު ކުރައްވައިފަ އެވެ.

މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީއެއްގެ އަތުން ފައިސާ ނެގި ކަމަށް ބުނެ ޝަމްއާންގެ މައްޗަށް ފޭރުމާއި، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ އިތުރުން މަނީ ލޯންޑަރިންގެ ދައުވާ ދައުލަތުން ވަނީ އުފުލައިފަ އެވެ. މާޗު މަހުގެ 21 ވަނަ ދުވަހު މަގާމުން ވަކިކުރި ޝަމްއާން ހައްޔަރުކޮށް، މިހާރު އޭނާ ހުންނެވީ ޝަރީއަތް ނިމެންދެން ބަންދުގަ އެވެ.

ޚިޔާލު ފާޅުކުރައްވާ