އިހުސާންގެ ކޮރަޕްޝަންގެ ވާހަކަތައް ކިޔާދިން ޝަމްއާން 25 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން ވަހީދު 25 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި؛ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ފޭރުމާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެފައިވޭ.

އިހުސާންގެ ކޮރަޕްޝަންގެ ވާހަކަތައް ކިޔާދިން ޝަމްއާން 25 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން ވަހީދު 25 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީއެއްގެ އަތުން ފައިސާ ނެގިކަމުގެ ތުހުމަތުގައި އޭނާގެ މައްޗަށް ފޭރުމުގެ ކުށާއި، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ އިތުރުން މަނީ ލޯންޑަރިންގެ ދައުވާ އުފުލާފައިވެ އެވެ. 2025 ވަނަ އަހަރުގެ މާޗު މަހު މަގާމުން ވަކިކޮށް ހައްޔަރުކުރި ޝަމްއާން، މި މައްސަލައިގެ ޝަރީއަތް ނިމެންދެން ގިނަ ދުވަސްތަކެއް ވަންދެން ބަންދުގައި ހޭދަކޮށްފައިވެ އެވެ.

މި ހުކުމް އިއްވުމުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޝަމްއާން ވަނީ މިއީ އޭނާ ފްރޭމްކޮށްގެން ހިންގި ސިޔާސީ އަމަލެއް ކަމަށް ތުހުމަތުކުރައްވާފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި، ބަންގްލަދޭޝްގެ ވޯކް ޕާމިޓްތަކެއް އެޕްރޫވްކޮށްދީގެން ކޮރަޕްޝަންގެ އަމަލުތަކެއް ހިންގާކަން ފާހަގަކުރެވި، އެ ވާހަކަ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ދެންނެވުމުން އޭގެ ބަދަލު ހިފީ އެވެ. އަދި ސަރުކާރުގެ ތެރޭގައި ހިންގާ މިފަދަ ކޮރަޕްޝަންގެ އަމަލުތައް ރައީސް މުއިއްޒަށާއި މިނިސްޓަރު އިހުސާނަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށް އޭނާ ތުހުމަތުކުރެއްވި އެވެ.

މި މައްސަލާގައި ޝަމްއާނާ އެކު އިމިގްރޭޝަންގެ އިތުރު އޮފިސަރުންތަކަކާއި އާންމުންގެ ބަޔަކު ވެސް ހައްޔަރުކޮށްފައިވާއިރު، ބައެއް ފަރާތްތަކުން ވަނީ ދައުލަތާއެކު އިއުތިރާފު އެއްބަސްވުންތައް ވެސް ހަދާފަ އެވެ. ސަރުކާރަށް ފާޑުވިދާޅުވަމުން ޝަމްއާން ވިދާޅުވީ، އޭނާ ހިމެނޭހެން ގިނަ ބަޔަކު ބުރަ މަސައްކަތުން ގެނައި މި ސަރުކާރަކީ މިވަގުތު ރާއްޖޭގައި އޮންނަން ހެޔޮވާވަރުގެ ސަރުކާރެއް ނޫން ކަމަށެވެ.

ޚިޔާލު ފާޅުކުރައްވާ