ބައި-އިލެކްޝަންގެ ނާކާމިޔާބީއަށްފަހު، ކުރިއަށްދާންވީ ރާސްތާ ސާފުވެއްޖެކަމަށް ރާފިއު ވިދާޅުވެއްޖެ

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ނާކާމިޔާބީއަކީ ޕީއެންސީގެ ކުރިމަގު އުޖާލާ ކުރުމަށް ލިބުނު ފިލާވަޅެއް؛ ޕާޓީން ކުރިއަށްދާންވީ ރާސްތާ މިހާރު ސާފުވެއްޖެ: މިނިސްޓަރު ރާފިއު

ބައި-އިލެކްޝަންގެ ނާކާމިޔާބީއަށްފަހު، ކުރިއަށްދާންވީ ރާސްތާ ސާފުވެއްޖެކަމަށް ރާފިއު ވިދާޅުވެއްޖެ

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ޕީއެންސީގެ ކެންޑިޑޭޓް އަހްމަދު ސައީދު (ސޮޑާ) އަށް ލިބުނު ނާކާމިޔާބީއަކީ ޕާޓީގެ ކުރިމަގު އުޖާލާ ކުރުމަށް ލިބުނު ފިލާވަޅެއް ކަމަށާއި، މިހާރު ޕާޓީން ކުރިއަށްދާންވީ ރާސްތާ ސާފުވެއްޖެ ކަމަށް ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު މިރޭ ވިދާޅުވެއްޖެ އެވެ. އެ އިންތިހާބުގައި ޕީއެންސީގެ ކެމްޕެއިން މެނޭޖަރެއްގެ ގޮތުގައި ހަރަކާތްތެރިވި ރާފިއު، ޖަގަހަ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، އިންތިހާބު ކާމިޔާބު ނުވިޔަސް، އެ މަސައްކަތުން ޕާޓީއަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ.

އިންތިހާބުގެ ނަތީޖާއާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ރާފިއު ވިދާޅުވީ، ކާމިޔާބާ ދުރުގައި ޕާޓީ ނެތްކަން މި އިންތިހާބުން ހާމަވެފައިވާ ކަމަށެވެ. އަދި އިތުރަށް މަސައްކަތްކޮށްފިނަމަ، މިއަށްވުރެ ބޮޑު ކާމިޔާބީތަކެއް ޕާޓީއަށް ހޯދޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ. މި އިންތިހާބުގައި ވާދަކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް އަބްދުﷲ ސޯދިގު (ސޯބެ) 1375 ވޯޓު ހޯއްދެވި އިރު، ޕީއެންސީގެ ކެންޑިޑޭޓް ސޮޑާއަށް ލިބިވަޑައިގަތީ 1313 ވޯޓެވެ. މިއީ 62 ވޯޓުގެ ތަފާތުން ޕީއެންސީ ބަލިވި އިންތިހާބެކެވެ.

ސަރުކާރު ހިންގާ ޕާޓީއަށް މި އިންތިހާބުން ލިބުނު ނާކާމިޔާބީއަކީ ވިދިވިދިގެން އެ ޕާޓީއަށް ލިބުނު ތިން ވަނަ ބައްޔެވެ. މީގެ ކުރިން ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި، ރިޔާސީ އަދި މަޖިލިސް އިންތިހާބު އެއްކޮށްލުމާ ގުޅޭގޮތުން ނެގި ފެންނަ ނުފެންނަ ވޯޓުގައި ވެސް ސަރުކާރަށް ވަނީ އުންމީދު ކުރި ކާމިޔާބީ ލިބިފައެއް ނުވެ އެވެ. ޚާއްސަކޮށް، ލޯކަލް ކައުންސިލްތަކުގެ މެޖޯރިޓީއާއި ސިޓީތަކުގެ މޭޔަރުކަން އެމްޑީޕީން ކާމިޔާބު ކުރުމަކީ ސަރުކާރަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެ އެވެ.

ޚިޔާލު ފާޅުކުރައްވާ