ސަރުކާރު ހިންގާ ޕީއެންސީގެ ޕާލަމަންޓްރީ ގްރޫޕްގެ މެންބަރުންގެ ކުރިމަތީގައި، މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު (އަސްމާއްތަ) ގެ ކިބައިން ރައީސް ޑރ. މުހައްމަދު މުއިއްޒު މައާފަށް އެދިވަޑައިގެންފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް ވިދާޅުވެއްޖެ އެވެ. ޕީއެންސީގެ ޖަގަހަ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ، ޕާޓީގެ ތެރޭގައި ހިނގި ހިޔާލުތަފާތުވުންތަކަކާ ގުޅިގެން މެންބަރުންގެ ކުރިމަތީގައި ރައީސް އެފަދައިން އަމަލުކުރެއްވުމަކީ އެމަނިކުފާނުގެ ހުލްގުފުޅު ހެޔޮކަން ދައްކުވައިދޭ ކަމެއް ކަމަށެވެ. އަދި ޕީއެންސީގެ މެންބަރުންނާ ވަކިވަކިން ބައްދަލުކުރައްވައި، ކަންކަން ހިނގި ގޮތް އޮޅުންފިލުއްވައި، ގޯހެއް ހެދިފައިވާނަމަ މައާފަށް އެދިވަޑައިގެން، ކުރިއަށް އޮތް ތަނުގައި މަސައްކަތްކުރާނެ ގޮތްތަކާ ގުޅޭގޮތުން ރައީސް މަޝްވަރާ ކުރައްވާފައިވާ ކަމަށް ވެސް ސަލީމް ވިދާޅުވި އެވެ.
އަސްމާ އާއި ރައީސް މުއިއްޒާ ދެމެދު މައްސަލަތަކެއް އުފެދުނީ މާފަންނު ރައްޔިތުންނާ ބައްދަލުކުރައްވަން އޮތް ބައްދަލުވުމެއްގައި ސުވާލުކުރާނެ މީހުންގެ ނަންތައް ފޮނުވަން އަސްމާ އެދިވަޑައިގަތުމުން، ޕީއެންސީގެ ވަޓްސްއެޕް ގްރޫޕެއްގައި ރައީސް އެކަމާ ނުރުހުން ފާޅުކުރެއްވުމުންނެވެ. އެކަމާ ގުޅިގެން އަސްމާ އަދާކުރައްވަމުން ގެންދެވި ކޮމިޓީގެ މުގައްރިރުކަމާއި ބޭރު ގައުމުތަކުގެ ފްރެންޑްޝިޕް ގްރޫޕްތަކުގެ މަގާމުތަކުން އެކަމަނާ ވަކިކޮށް، ޕާޓީގެ ދަތުރުތަކުން ވެސް ބާކީކުރި އެވެ. ނަމަވެސް ފަހުން އެ މަގާމުތައް އަލުން އަރުވައި، ދަތުރުތަކުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ދީފަ އެވެ.
މީގެ އިތުރުން، މީގެ ކުރިން ޕީއެންސީއާ ދެކޮޅަށް އަސްމާ ވާހަކަ ދައްކަވާފައިވާ ކަމަށް ބުނާ އޯޑިއޯއެއް ލީކުވެ، އެކަމަނާގެ އާއިލީ ބޭފުޅުން ކަމަށްވާ މުހައްމަދު ހުސައިން ޝަރީފު (މުންދު) އާއި ޑރ. ސަލްމާ ރަޝީދު މަގާމުތަކުން ވަކިކުރި އެވެ. ނަމަވެސް ފަހުން މުންދުއަށް ސަރުކާރުގެ ތަރުޖަމާނުކަން ދީފައިވާއިރު، ސަލްމާއަށް ވެސް އަލުން ވަޒީފާ ދީފައިވާކަން ފާހަގަކުރެވެ އެވެ.