ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ޗެނަލް ޕާކުގައި ކެފޭ އަދި ރެސްޓޯރެންޓް ތަރައްގީކުރުމަށް ހޮވިފައިވާ 6 ފަރާތަކަށް ދީފައިވާ ބިންތައް ސަރުކާރުގެ ކުންފުނި އެޗްޑީސީން ވަނީ ހަމަހަމަކަމެއްނެތި އަތުލައިފައެވެ. މި ބިންތައް އަތުލާފައިވަނީ އެތަނުގައި އެއްވެސް މަސައްކަތެއް ނުކުރާ ކަމަށް ބުނެ ކަމަށްވިޔަސް، ކުންފުނިތަކުން ބުނެފައިވާ ގޮތުގައި މަޝްރޫޢު ފެށުމުއްސުރެ އެޗްޑީސީގެ ފަރާތުން ދިމާވެފައިވާ ގިނަ މައްސަލަތަކެއް ހައްލުނުވެ އޮތުމުން މަސައްކަތް ކުރިއަށް ގެންދިއުމަށް ދަތިވެފައިވެއެވެ.
މި ބިންތައް ހޯދުމަށް ކުންފުނިތަކުން 1.5 މިލިއަން ރުފިޔާއިން ފެށިގެން 3 މިލިއަން ރުފިޔާއާ ހަމައަށް އިކުއިޒިޝަން ފީ ދައްކާފައިވާއިރު، ކޮންމެ އަކަފޫޓަކަށް 400 ރުފިޔާއަށްވުރެ ބޮޑު އަގެއް ދައްކާފައިވެއެވެ. އެހެންނަމަވެސް، ފެނާއި ކަރަންޓު ފޯރުކޮށްނުދިނުމާއި، ޕާކިންގ ސަރަހައްދު ނެތުމާއި، ޗެނަލް ޕާކަށް ދާ މަގުތައް ހިއްކާފައި ނެތުމާއި، އެ ސަރަހައްދުގައި ދޭތެރެއިން ފެން ބޮޑުވުންފަދަ އަސާސީ މައްސަލަތައް ހައްލުނުވެ އޮތުމުން މަސައްކަތް ކުރިއަށް ގެންދިއުމަށް ހުރަސް އެޅިފައިވާކަމަށް ކުންފުނިތަކުން ބުނެއެވެ.
މައުލޫމާތު ލިބޭ ގޮތުގައި، ފޭސް 2 ގެ ޗެނަލް ޕާކުގެ ބިންތައް ދިނުމުގައި ހަމަހަމަކަމެއް ނެތިއިރު، އިކުއިޒިޝަން ފީ އާއި މަހުގެ ކުލީގެ ތަފާތުތައް ހުރިކަމަށާއި، ފޭސް 2 ގައި ކެފޭ އަދި ރެސްޓޯރެންޓް ތަރައްގީކުރާ ފަރާތްތަކަށް އިމާރާތްކުރާނެ އިތުރު ސަރަހައްދު ދީފައިވާއިރު ފޭސް 1 ގެ ވިޔަފާރިވެރިންނަށް އެފަދަ ފުރުސަތުތައް ނުދީ ތަފާތުކުރުންތަކެއް ގެންގުޅެފައިވާކަން ކުންފުނިތަކުން ފާހަގަކޮށްފައިވެއެވެ. މިކަމާ ގުޅިގެން ބިން އަތުލެވުނު ކުންފުނިތައް ގުޅިގެން އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރަށް ސިޓީއެއް ފޮނުވާފައިވާއިރު، މިހާތަނަށް އެކަށީގެންވާ ޖަވާބެއް ލިބިފައިނުވާކަން ފާހަގަކުރެވެއެވެ.