މުއިއްޒުގެ ސަރުކާރު ފެށިގެން ދިޔައީ، މުއިއްޒުގެ މޫނު މަތި ރީތިކުރަން ތިބި ޝިއުނާ އާއި މަލްޝާ އާއި ލައްވައި އިންޑިޔާގެ ބޮޑުވަޒީރަށް ހުތުރު ބަސްތައް ރައްދު ކުރުމުންނެވެ. ޓޫރިޒަމަށް ލިބުނު އޭގެ ގެއްލުން ކޮންމެ އަހަރަކު ބިލިއަނުން ދިވެހި ރައްޔިތުން ދަނީ ތަހައްމަލު ކުރަމުންނެވެ. މުޅި ދިވެހި ޤައުމަށް އެވަރުގެ ބޮޑު ގެއްލުމެއް ދިން ޝިއުނާ އާއި މަލްޝާ އަދިވެސް އެ ތިބީ ވަޒީފާގައެވެ. އެމީހުންގެ މައްޗަށް ކުރެވުނު ދައުވާއެއް، ޤައުމަށް ލިބުނު ގެއްލުމުގެ ބަދަލުގައި ރައްޔިތުންނަށް ހޯދައި ދެވުނުް އިންސާފެއް ނެތެވެ. ތޮށަލިތަކުރާއި ޖެހުނު ވިގަނިހެން އެމީހުންގެ ފަރާތުން ރައްޔިތުންނަށް އަދިވެސް އޮތީ ދުއްތުރާލެވެ.
އެއަށް ފަހު ރައީސް މުއިއްޒު ޗައިނާއަށް ކުރެވި ދަތުރުފުޅުން ވަޑައިގެން "Do not bully us" ކަމަށް ބުނެ އުޅެގަތް ހުތުރު ފާޑުން ދިވެހި ރައްޔިތުން ތިބީ އިންޑިޔާއަށް ބޭސްފަރުވާއަށް ދާން ޖެހިލުންވާ ހިސާބުގައެވެ.
ސައުދީ އިން ރައީސް މުއިއްޒުގެ ހުވާ ކުރުމުގެ ރަސްމިއްޔާތަށް ވަޑައިގެންނެވި އިއްޒަތްތެރިންނާއި މެދު އަމަލު ކުރެއްވި ގޮތާއި، ތުރުކީ އަކީ އިސްލާމީ ދުނިޔޭގެ އިސްވެރިޔާ ކަމަށް ރައީސް މުއިއްޒު ވިދާޅުވެ، މުޅި ދުނިޔެއިން ރާއްޖެ ބާކީ ކޮށްލެއްވިއެެވެ.
އެއަށް ފަހު، އަވަށްޓެރި ޤައުމުތަކުން ރާއްޖެއަށް އަންނަ ބޭރު މީހުންނަށް ރާއްޖޭގައި ރޭނގަޑު 12ގެ ފަހުން ނޫޅޭވޭ ގޮތަށް ކާފިޔު އިއުލާންކޮށް ރޭޝިއަލް ޕްރޮފައިލިންގ ސީދާ ރައީސް މުއިއްޒު އަންގަވައިގެން ހަދަން ފެށުނެވެ.
ޚާރިޖީ ގުޅުން ފެއިލްވެ، ލަންކާއަށް ދާ ދިވެހިންނަށް ވިސާގެ ދަތިކަން ކުރިމަތިވެ، އެންމެ ފަހުން މަގުމަތީ ލަޓޯ ފަޓޯ ކޮށް އުޅޭ ދަމާކަނޑާ މީހެއްހެން ލަންކާގައި ހުރި އެމްބަސަޑަރު އެޤައުމަށް އެ ދިނީ ކުރުދޮށިންނެވެ. އަތް ދަމާ އެޖެހީ ދިވެހި ޤައުމުގެ މޫނު މަތީއެވެ. ހުރިހާ ހުތުރެއް ދިވެހި ރައްޔިތުންނަށެވެ. މި ލަދުވެތި ހުތުރު ލައް ރާއްޖެއާއި ރާއްޖެއިން ބޭރުގައި ދިރިއުޅޭ ހުރިހާ ރައްޔިތުންގެ މޫނު މަތީ އެ ޖެހުނީއެވެ. ލަންކާގެ ނޫހެއްގައި ލަންކާގެ މުޅި ތާރީޚުގައިވެސް ލަންކާއަށް އެއްޗެހި ކިޔާފައި އެމްބަސަޑަރަކު އެއްޗެއް ބުނި މިއީ ފުރަތަމަ ފަހަރެވެ. އެ ފަހުރުވެރި ޝަރަފު ހޯއްދެވީ މަސްއޫދު އިމާދުއެވެ.
100 އެއްހާ މީހުން ލަންކާ އެމްބަސީގައި ސިޔާސީ ވަޒީފާގައި ތިބިއިރު، ވިސާގެ މައްސަލައަށް ޑިޕްލޮމެޓިކް ހައްލެއް ހަމަ ނުލިބުނީތޯއެވެ؟ މިއިން ދައްކާދެނީ މުއިއްޒަށާއި، މުއިއްޒު އައްޔަންކޮށްފައިވާ ނާގާބިލު މީހުން، އެއްވެސް ޤައުމަކުން ބަލައި ނުގަންނަ ކަމާއި، މުއިއްޒުއަށް އެއްވެސް އިޚްތިރާމެއް އެންމެ އަވަށްޓެރި ލަންކާއިންވެސް ކުޑަމިނުން ނުކުރާ ކަމެވެ.
މުއިއްޒު އެކޭ، އެމްބަސަޑަރެކޭ، މަލްޝާ އެކޭ ޝިއުނާ އެކޭ ތަފާތެއް ނެތީމާ ވާނީ މިހެންނެވެ. މިއީ އެއްފެންވަރުގެ މީހުންނެވެ. ތަފާތީ ތިބި މަޤާމާއި، ފޫޅުން މައްޗަށް ބެގީ ޖަހައި އަރުވާފައި ތިބޭ މިންވަރު އެކަނެޏެވެ.
ބޭރުގެ ޤައުމުތަކުން ރާއްޖެއަށް އިޚްތިރާމު ކުރާވަރުގެ ޝަހުސިއްޔަތެއް ހުރި ވެރިއެއް މިއަދު ރާއްޖެއަށް ބޭނުންވެއެވެ. ހުރިހާ ޤައުމުތައް ގޮވައިގެން އުޅެން ކެރޭ ސިޔާސީ ޑިޕްލޮމެޓެއް ބޭނުންވެއެވެ. ސަރުކާރަށް ބޭރުން ބަޖެޓް ސަޕޯޓް ނުލިބޭ ތާގައި މި އުޅެނީ ވިސާގެ މައްސަލަ ވެސް ހައްލުނުގެންނެވެ. އެމްޑީޕީ ސަރުކާރުގައި ދެމަހުން އެއް މަހު ކޮންމެވެސް ޤައުމަކަށް ވިސާ ފްރީކޮށް ދަތުރުކުރެވޭ ގޮތް ދިޔައީ ވަމުންނެވެ. ބޭރުގެ އެހީއާއި، އެ އިޚްތިރާމާއި ޤަދަރު މިއަދު ރާއްޖެއަަށް ލިބޭނީ އެ ޚާރިޖީ ރޭވުންތެރިކަން ދަންނަ މީހަކު ވެރިކަމަށް އައިސްގެންނެވެ.