ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ޝަމާހު ރަޝީދު ވަކިކުރި މައްސަލައާއި، މިހާރު ލީކުވެފައިވާ ކޮރަޕްޝަންގެ އޯޑިއޯއާ ގުޅިގެން ސަރުކާރުން ޖަވާބުދާރީވުމަށް އެމްޑީޕީން ހަރުއަޑުން ގޮވާލައިފިއެވެ. އެމްޑީޕީގެ ވަގުތީ ޗެއަރޕާސަން، ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވިގޮތުގައި މުޅި ސަރުކާރު ތެރޭގައި ފެތުރިފައިވާ ކޮރަޕްޝަންގެ ވަބާ ފޮރުވުމަށް ސަރުކާރުން ނުހަނު މަސައްކަތްތަކެއް ކުރަމުންދާއިރު، ރައްޔިތުންނަށް ހަގީގަތް ހާމަކުރަން ސަރުކާރުން އިންކާރުކުރަމުންދެއެވެ.
ސްޓެލްކޯގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓްގެ ހެޑް އަޒްހަދު ރަމީޒް މަޤާމުން ވަކިކުރިއިރު، ބޮޑެތި މައްސަލަތަކެއް ހިނގާފައިވާކަން ރައްޔިތުންނަށް މިހާރު ޔަޤީންވެފައިވާކަމަށް ޣަފޫރު ފާހަގަކުރެއްވިއެވެ. އަދި ކ. އަތޮޅުގައި އޮންނަ މަނިޔަފުށި، އެއްވެސް ބިޑު ކުރުމަކާ ނުލައި އެސްޓީއޯގެ ޗެއަރމަން އަދި ވިޔަފާރިވެރިޔާ އާމިރު މަންސޫރަށް ވިއްކާލާފައިވާ މައްސަލައާ ގުޅިގެން ފިޝަރީޒް މިނިސްޓަރު ޝިޔާމް އާއި އާމިރު މަންސޫރުގެ ބަޔާންތައް ފުށުއެރުމަކީވެސް ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމުގައި ފާހަގަކުރެއްވިއެވެ.
ޣަފޫރު އިތުރަށް ވިދާޅުވީ، ރައީސް މުޙައްމަދު މުއިއްޒުގެ ސަރުކާރުން ޤައުމުގައި ހިންގަމުންދާ ބޮޑެތި ކޮރަޕްޝަންގެ މައްސަލަތަކާމެދު ރައްޔިތުން ފާރަވެރިވާންޖެހޭކަމަށާއި، ކުރިއަށް އޮތް އިންތިޚާބުތަކުގައި ވިސްނުންތެރިކަމާއެކު ރައްޔިތުން ގޮތް ނިންމަންޖެހޭކަމަށެވެ. މިއީ ހަމައެކަނި ވަކި ފަރުދުންތަކެއްގެ މައްސަލައެއް ނޫންކަމަށާއި، މުޅި ސަރުކާރުގެ ނިޒާމުގައި ފެތުރިފައިވާ ސިސްޓަމެޓިކް ކޮރަޕްޝަންގެ ނިޒާމެއްގެ ވާހަކަކަމަށް ޣަފޫރު ބާރުއަޅުއްވައި ވިދާޅުވިއެވެ.