ސަރުކާރުގެ މިނިސްޓްރީތަކުގައި އިސް މަޤާމުތަކުގައި ތިބި ދެ ސިޔާސީ ވެރިން މަސްތުވާތަކެތީގެ ވިޔަފާރިއާއި މަނީ ލޯންޑަރިންގގެ ތުހުމަތުގައި ހައްޔަރުކޮށްފިއެވެ. ފުލުހުން ގއ. އަތޮޅުގައި ހިންގި "އޮޕަރޭޝަން އަލިމަގު" ގެ ތެރެއިން ހައްޔަރުކުރެވުނު މީހުންގެ ތެރޭގައި އިކޮނޮމިކް މިނިސްޓްރީގެ މިހާރުގެ ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރ އަޙްމަދު އަނާމް އިބްރާހީމާއި ކުރިން ހޯމް މިނިސްޓްރީގައި ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކުރި ޝައްފާޙް ލަޠީފް ހިމެނޭކަން މައުލޫމާތު ލިބޭ ގޮތުގައި އެނގިފައިވެއެވެ.

މި ބޮޑު އޮޕަރޭޝަންގައި ހައްޔަރުކުރެވުނު ސަރުކާރުގެ އިސް ސިޔާސީ ވެރިންނާއެކު ޖުމްލަ ހަތަރު މީހުންގެ ތެރެއިން ތިން މީހަކު ޝަރީޢަތް ނިމެންދެން ބަންދުގައި ބޭތިއްބުމަށް ކޯޓުން އަމުރުކޮށްފިއެވެ. މި އޮޕަރޭޝަނަކީ ގއ. އަތޮޅުގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް މަނީ ލޯންޑަރިންގގެ ޢަމަލުތައް ހިންގާކަމަށް ތުހުމަތުކުރެވޭ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ އޮޕަރޭޝަނެއްކަމަށް ފުލުހުން ބުނެފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ސަރުކާރުގެ އިސް މަޤާމުތަކުގައި ތިބި ސިޔާސީ ވެރިން މިފަދަ ބޮޑެތި ޖިނާއީ ކުށްތަކާ ގުޅިފައިވާކަން ހާމަވުމާއެކު، ސަރުކާރުގެ މުއައްސަސާތަކުގެ އިސް މަޤާމުތަކަށް ޢައްޔަންކުރާ ފަރާތްތަކުގެ ވެޓިންގ އިތުރަށް ހަރުދަނާކުރަންޖެހޭކަމުގެ ސުވާލު އުފެދިފައިވެއެވެ. ފުލުހުންގެ މަޢުލޫމާތުން، މި އޮޕަރޭޝަނަކީ ފަހުގެ އަހަރުތަކުގައި އެންމެ ފުޅާ ދާއިރާއެއްގައި ހިންގާ މަސްތުވާތަކެއްޗާ ދެކޮޅު ހަރަކާތްކަމަށްވެސް ބުނެފައިވެއެވެ.