ރައީސްގެ އަނބިކަނބަލުން: އަދާ ކުރައްވަމުން ގެންދަވަނީ ޤާނޫނުއަސާސީގައި ނެތް ދައުރެއް!
2025 ވަނަ އަހަރު ރާއްޖޭގެ ފަސްޓްލޭޑީ ސާޖިދާ މުޙައްމަދު 133 ރަސްމީ ޙަފްލާއެއްގައި ބައިވެރިވެވަޑައިގެންފައި ވާކަން ރިޔާސީ ރަސްމީ ޓްވިޓާ އެކައުންޓުން (@presidencymv) ވާ މަޢުލޫމާތުން ދައްކައެވެ. މިއީ ވަރަށް ބޮޑު އަދަދެކެވެ. ދުނިޔޭގެ އެހެން ޤައުމުތަކަށް ބަލާލާއިރު ރައީސުންގެ އަނބިކަބަލުން ޖުމްލަކޮށް 20 ހަފްލާއަށް ވެސް ވަޑައި ނުގަންނަވައެވެ.
އެމެރިކާގެ އާބާދީ 340 މިލިއަނަށް އަރައެވެ. ރާއްޖޭގެ އާބާދީގައި ދިވެހިންގެ އަދަދަކީ 4 ލައްކަ އެއްހާ މީހުންނެވެ. އެމެރިކާއަކީ ރާއްޖެއަށް ވުރެ 30،700 ގުނަ ކުޑަ ގައުމެކެވެ. ނަމަވެސް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަބަލުން 133 ރަސްމީ ހަފްލާއަށް ވަޑައިގަންނަވަން 2025 ގައި ޖެހިވަޑައިގަތެވެ.
އެމެރިކާގެ ރައީސްގެ އަނބިކަނބަލުންގެ ޙަރަކާތްތަކާ އަޅާބަލާއިރު، މެލާނިއާ ޓްރަމްޕް އަހަރަކު ޖުމްލަކޮށް 12 ނުވަތަ 36 ޙަފްލާގައި ބައިވެރިވެފައިވެއެވެ. މިދިޔަ އަހަރު ޖުމްލަ 47 ހަފްލާއެއްގައި ބައިވެރިވެ ވަޑައިގަތެވެ. މިޝެލް އޮބާމާ 8 އަހަރުގެ ތެރޭގައި އަހަރަކު 28 ޙަފްލާގައި ޖުމްލަކޮށް ބައިވެރިވިއެވެ.
ރާއްޖޭގެ 2008 ވަނަ އަހަރު ފާސްކުރެވުނު ޤާނޫނުއަސާސީގައި ރައީސްގެ އަނބިކަނބަލުންނަށް ވަކި ރަސްމީ މަޤާމެއް ދީފައެއް ނުވެއެވެ. ޤާނޫނުއަސާސީގައި ރައީސުލްޖުމްހޫރިއްޔާ، ވަޒީރުންގެ މަޖިލިސް އަދި އެހެނިހެން މުއައްސަސާތަކުގެ ބާރުތައް ބަޔާންކޮށްފައިވީނަމަވެސް، ރައީސްގެ އަނބިކަނބަލުންނަށް ވަކި ޒިންމާއެއް ނުވަތަ ބާރެއް ދީފައެއް ނުވެއެވެ.
ސާޖިދާ މުޙައްމަދު ބައިވެރިވެވަޑައިގަތް ޙަފްލާތަކުގެ ތެރޭގައި ބޮޑެތި ރަސްމިއްޔާތުތަކާއި، އިފްތިތާޙީ ޖަލްސާތަކާއި، ސިއްޙީ ފެއަރތަކާއި އަދި އާންމު ރައްޔިތުންނާ ގުޅުންހުރި އެކިއެކި ޙަފްލާތައް ހިމެނެއެވެ. ފާޑުކިޔާ ފަރާތްތަކުން ބުނާގޮތުގައި، މިފަދަ ގިނަ ޙަފްލާތަކުގައި ބައިވެރިވާން ޖެހޭނީ ނައިބު ރައީސް ނުވަތަ ކަމާގުޅޭ ވަޒީރުންނެވެ.
ރާއްޖޭގައި 2025 ގައި މާނަވީ އެއްވެސް ތަރައްޤީއެއް ބާއްވާފައި ނުވާއިރު، ރައީސް ހިމެނޭހެން އޭޓީއެމް ހުޅުވުމަށާއި އެކި ކަންކަމަށް ވަނީ ދައުލަތުން އެތައް މިލިއަނެއް ޚަރަދުކޮށް ހަފްލާތައް ބާއްވާފައެވެ. ތަރައްޤީއަށް ކުރާ މަސައްކަތާއި މުނާސަބު މިންވަރަކަށް ހަފްލާތައް ބޭއްވިދާނެއެވެ. ނަމަވެސް ތަރައްޤީ ނުކޮށް ހަފްލާތަކުން މަންޒަރު ރީތި ކުރުމަކީ މި ސަރުކާރުން ކުރަމުންދާ ބޮޑު އިސްރާފެކެވެ. މީގެ އެއް މިސާލަކީ ސްޓެލްކޯ ގޯޅި ހުޅުވުމަށް އެމަގު ހެދުމަށް ނުދާ ޚަރަދު ކޮށްގެން ރައީސް މުއިއްޒުގެ ވެރިކަމުގެ ކުރީ ކޮޅުގައި ބޭއްވި ހަފްލާއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މުނާސަބަތުތަކަށް ވަޒީރުންނާއި، ނައިބް ރައީސްގެ ބަދަލުގައި ވަޑައިގެންނެވުމަކުން ރައީސް މުއިއްޒަށް ކުރާ ތާޢީދު އިތުރެއް ނުވެއެވެ. ފެންނަނީ ވެރިކަމާއި މެދު ދަހިވެތިވެފައިވާ އާއިލާއެއް ދައުލަތުގެ ހަފްލާއެއްވެސް އެހެން މީހަކަށް ޝަރަފުވެރިކޮށްލަންވެސް ދޭން ބޭނުން ނުވެފައިވާ ޑެސްޕަރޭޓް މަންޒަރެވެ. ފަސްޓްލޭޑީގެ ހައިބަތާއި މަގާމާއި ލޯބި ގެއްލިގެން ދާ މަންޒަރެވެ.