ރައްޔިތުންގެ އެންމެ އަސާސީ ބޭނުމެއްކަމުގައިވާ ބޭސް ފަރުވާއަށް ބޮޑެތި ދަތިތަކެއް ދިމާވެފައިވަނިކޮށް، މުއިއްޒުގެ ސަރުކާރުން އަންނަނީ އެކި ބަހަނާ ދައްކަމުންނެވެ. އެންމެ ފަހުން ނިންމި ނިންމުމަކީ 40 އަހަރަށްވުރެ ގިނަ ދުވަހު އެސްޓީއޯއިން ހިންގަމުންއައި ބޭސްފިހާރަތައް “ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް” ގެ ނަމުގައި އުފެއްދި ކުންފުންޏަކަށް ބަދަލުކޮށް، ރޯދަމަހުގެ ކުރިން މިކަން ނިންމުމަށް ނިންމުމެވެ. މައުލޫމާތު ލިބޭ ގޮތުގައި މިކަމަށް މި އަހަރުގެ ބަޖެޓުން 107 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ. ބޭސް ގެންނަން 107 މިލިއަން ޚަރަދު ކުރުމުގެ ބަދަލުގައި ސަރުކާރުން 107 މިލިއަން ނަން ބަދަލު ކޮށްލަން ބޭނުން ކޮށްލަނީއެވެ.
ބޭސްފިހާރަތައް ބަދަލުކުރުމުގެ މަސައްކަތް އަންނަ ހަފުތާ ފަށައި، ފެބްރުއަރީ 15 ގެ ކުރިން ނިންމަން ވަނީ ނިންމާފައެވެ. މި ބަދަލާއެކު 500 އަށްވުރެ ގިނަ މުވައްޒަފުން ވެސް އަލަށް އުފެއްދި ކުންފުންޏަށް ބަދަލުވާނެއެވެ. ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ ބޭސް ނުލިބި، އެތައް ބަޔަކު ދަތިހާލުގައި ޖެހިފައިވާއިރު، ސަރުކާރުން ކުރަނީ އާ ކުންފުނިތައް އުފައްދައި ވަޒީފާތައް ބަދަލުކުރުމުގެ ކުޅިވަރެވެ.
ބޭހުގެ މައްސަލަ ހައްލުވަމުންދާކަމަށް ހެލްތު މިނިސްޓަރު ނާޒިމް ބުނިނަމަވެސް، ރައްޔިތުންނަށް މިކަމުގެ ލުޔެއް ލިބިފައެއް ނުވެއެވެ. “100 ޕަސަންޓު” ހައްލު ލިބޭނެކަމަށް ބުނާއިރު، ސަރުކާރުން ދަނީ ހަމައެކަނި ސިޔާސީ ބަދަލުތައް ގެނެސް ކުންފުނިތަކުގެ ބޯޑުތަކަށް ސިޔާސީ މީހުން އައްޔަންކުރަމުންނެވެ. އެމް.ޑީ.ޕީ ސަރުކާރު ވެރިކަމަށް އައިފަހުން ރާއްޖޭގައި ބޭސް ނުލިބުމުގެ މައްސަލަ އަދިވެސް ދަނީ ބޮޑުވަމުންނެވެ.